3 ނޮވެންބަރު 2022 - 09:18 3
އަހުމަދު އާއިދު
ރައީސް ޔާމީން : ވިދާޅުވީ މިއަދަކީ ސިއްކަ ދުވަސް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
3 ނޮވެންބަރު 2022 - 09:18 3
މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަނުކުރާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އާންމުންގެ ގިނަ ފާޑުކިޔުންތަކެއް މީގެ ކުރިން ވެސް ވަނީ ސަރުކާރަށާއި ރައީސް ސޯލިހަށް އަމާޒުވެފަ އެވެ. މި އަހަރުގެ ނަސްރުގެ ދުވަސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓްވީޓަކުން ވަނީ ސަރުކާރަށް ހަމަލާއެއް ދެއްވާފަ އެވެ.
އެމަނިކުފާނު ނަސްރުގެ ދުވަހުގެ ބަދަލުގައި ޓުވީޓު ކުރެއްވީ ބިރުވެރި 'ސިއްކަ' ދުވަހުގެ ގޮތުގަ އެވެ.
ރައީސް އޮފީހުން މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ނެރެފައިވަނީ ރައީސް ސޯލިހުގެ ހިތޯބެކެވެ. ސިފައިން ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓުކުރުމުގެ ހަރަކާތެއް ބޭއްވި އެވެ. އޭގެ އިތުރަށް އެހެން ހަރަކާތެއް ސަރުކާރުން ރާވާފައެއް ނުވެ އެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމަށް ރަސްމީ ޖަލްސާއެއް އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ވޭތުވެދިޔަ ދެ އަހަރު އަދި މި އަހަރު ވެސް ރަސްމީ ޖަލްސާއެއް ނުބާއްވަ އެވެ. ރައީސް ގައުމާ މުހާތަބު ކުރައްވާފައެއް ނުވެ އެވެ. އާންމު އުސޫލުގެ ދަށުން ދުވަސްތަކުގެ ތަހުނިޔާ ކިޔުއްވުމަށް ރައީސް ސޯލިހު ކުރައްވާ ޓުވީޓުވެސް މިދިޔަ އަހަރު ނުކުރައްވަ އެވެ.
ނަމަވެސް, މި އަހަރު ރައީސް ސޯލިހު ވަނީ ދުވަހާ ގުޅިގެން ޓްވީޓެއް ކުރައްވާފަ އެވެ.
ނަސްރުގެ ދުވަހުގެ ހާއިނުން ތިބީ ވެރިކަމުގައި ކަމަށާއި މި ސަރުކާރުން އެ ދުވަސް ފާހަގަނުކުރަނީ އެހެންވެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ނަގަނީ ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއިލް މަނިކު (ބޮޑު ސިއްކަ) ގެ ބައިވެރިވުން ނޮވެމްބަރު 3 ގެ ހަމަލާގައި އޮތް ކަމަށް ކުރެވޭ ތުހުމަތުތަކެވެ.
މި ހަމަލާގައި ބައިވެރިވިކަމުގެ ކުށް ސާބިތުވި ފަސް ދިވެހިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.
"އަދަދު" އަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ނަސްރުގެ ދުވަސް ފާހަގަނުކުރާނެ ކަމަށާއި އެ ދުވަހު ދިވެހި ރައްޔިތުންނަށް އެ ބިރުވެރިކަން ގެނައި މީހުން މިއަދު ތިބީ ސަރުކާރުގައި ކަމަށެވެ.
"އެ އާއިލާ މިއަދު ސަރުކާރުގަ މި ތިބީ. އެހެންވީމާ އެމީހުން ކުރި ކަމެއް އެމީހުން ކުރި ކަމެއް ފާހަގަކުރަން ބޭނުމެއް ނުވާނެ. އެމީހުންނަށް ނަސްރުގެ ދުވަހެއް ނޫން މިއީ," ޝިޔާމް ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދަށް ނަސްރުގެ ދުވަހާ ގުޅިގެން އިއްޔެ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ މިއީ "އޭ ކެޓަގަރީ" ގެ ދުވަހެއް ކަމަށެވެ.
"ނަސްރުގެ ދުވަހަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހި ގިނަ އަބްތާލުންނެއް ޝަހީދުވެގެންދިޔަ ދުވަސް.. އެއީ ހަމަ ކެޓަގަރީ އޭ (ގެ ދުވަހެއް)," މިއުވާން އިއްޔެ ވިދާޅުވި އެވެ.
ކެޓަގަރީއާ ބެހޭ ސުވާލުތައް އުފެދިގެން ދިޔަ ކަމަށް ބެލެވެނީ މިދިޔަ އަހަރު ނަސްރުގެ ދުވަހު ދައުލަތުގެ މީޑިއާއިން ބުނި ވާހަކައާ ގުޅިގެންނެވެ. އެ ދުވަހު ދައުލަތުގެ މީޑިއާއިން ބުނީ ރަސްމީ ދުވަސްތައް އެ ފަރާތުން ފާހަގަކުރަނީ ކެޓަގަރީތަކަށް ބަހައިލައިގެން ކަމަށާއި ނަސްރުގެ ދުވަސް ފެތެނީ "ބީ ކެޓަގަރީ" އަށް ކަމަށެވެ. ނަމަވެސް އަމާޒުވި ފާޑުކިޔުންތަކާ އެކު އެ ދުވަހު ވަނީ ޕީއެސްއެމް އިން ނަސްރުގެ ދުވަހުގެ ޕްރޮގްރާމެެއް ގެނެސްދީފަ އެވެ.
މި އަހަރު ވެސް ނަސްރުގެ ދުވަހުގެ ޖަލްސާއެއް ނެތުމާއި އިދިކޮޅުން ކިޔަމުންދާ ފާޑުކިޔުންތަކާ ގުޅިގެން "އަދަދު" އިން މިއަދު ސުވާލުކުރުމުން މިއުވާން ވިދާޅުވީ އިދިކޮޅުން ނަސްރުގެ ދުވަހާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި މިރޭ ކުޅުދުއްފުށީގައި ނަސްރުގެ ދުވަހުގެ ޖަލްސާ އޮންނާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ކުޅުދުއްފުށީގައި ބޭއްވޭ ޖަލްސާއަކީ އެ ސިޓީގެ ކައުންސިލުން ބާއްވާ ޖަލްސާއެކެވެ.
ކުޅުދުއްފުށި ސިޓީ މޭޔަރު މުހައްމަދު އާތިފް އަށް "އަދަދު" އިން ގުޅުމުން ވިދާޅުވީ މިރޭގެ ޖަލްސާއަކީ ކުޅުދުއްފުށީ ކައުންސިލާއި އެ ރަށު ޖަލާލުއްދީން ސްކޫލް ގުޅިގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. އަދި މި ޖަލްސާގައި ސަރުކާރުގެ އެއްވެސް އިސްވެރިއަކު ބައިވެރިވެވަޑައިނުގަންނަވާކަން އާތިފް ވަނީ ކަށަވަރުކޮށް ދެއްވާފަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިރޭ ބާއްވާ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް އަހުމަދު އަލާ ދީދީ އެވެ. މީގެއިތުރުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އުރަތްޕެއްނެތް
over 2 years ago
ޓޫރިޒަމަށް 50 އަހަރު ފުރިގެން އެކަމަކު އެއޮށް އުޅުމު ގޮތެއް. ލާރީގަ އަގުހުރޭ. ލޭގަ އަގެއް ނެތް.
ރާއްޖެ
over 2 years ago
އިދިކޮޅުން ނުބުންޏަސް ޚާއިނުން ތިބީ ވެރިކަމުގައި ކަން މިއޮތީ ތާރީޚުން ފެންނަން. ދިވެހިންނަކީ މާޒީ އިން އިބްރަތް ލިބޭ ވަރަށް ވުރެ ގަމާރު ބައެއް.
ނުރަބޯ
over 2 years ago
ޢުދުވާނީ ޙަމަލައިގެ މޭސްތިރިއަކީ ރައީސުލްޖުމްހޫރިއްޔާގެ ބަފާބެ. ވީމާ އެދުވަސް ފާހަގަ ކުރުން ވާނީ ލަދު ކަމަކަށް.
Comment