Advertisement

އާޖެންޓީނާ ކުޅުންތެރިން އަވަހަށް ރިލީސްކުރަން ޕްރިމިއާ ލީގު ކްލަބްތަކުން ދެކޮޅު

3 ނޮވެންބަރު 2022 - 08:26 0

އަަޔަކްސް ދޫކޮށް މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޑިފެންޑަރު ލިސަންދްރޯ މާޓީނޭޒް: އޭނާ އަކީ އާޖެންޓީނާ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް.


އާޖެންޓީނާ ކުޅުންތެރިން އަވަހަށް ރިލީސްކުރަން ޕްރިމިއާ ލީގު ކްލަބްތަކުން ދެކޮޅު

3 ނޮވެންބަރު 2022 - 08:26 0

ލަންޑަން (އޮކްޓޫބަރު 3) - ގަތަރުގައި މި މަހު 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރަން އާޖެންޓީނާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިން އަވަހަށް ރިލީސްކޮށްދޭން އެ ގައުމުގެ އެފްއޭ އިން ހުށަހެޅި ނަމަވެސް އެ ގޮތަށް އެކަން ނުކޮށްދޭން އިނގިރޭސި ކްލަބްތަކުން ނިންމައިފި އެވެ.

އާޖެންޓީނާ އިން މިހާރު ވަނީ ވޯލްޑް ކަޕަށް 55 ކުުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ރަޖިސްޓްރީކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ހަ ކުޅުންތެރިން ހިމެނެ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑްގެ ލިސަންދްރޯ މާޓީނޭޒް އާއި އަލެހަންދްރޯ ގަނާޗޯ، އެސްޓަން ވިލާގެ އެމިލިއާނޯ ބުއެންޑިއާ އާއި އެމިލިއާނޯ މާޓީނޭޒްގެ އިތުރުން ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ އާއި ބްރައިޓަންގެ އަލެކްސިސް މެކަލިސްޓާ ހިމެނެ އެވެ.

ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާ އިން އެދުނީ މި މަހު 12 އާއި 13 ވަނަ ދުވަހު އޮންނަ އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގައި ނުކުޅުވާ، 10 ވަރަކަށް ދުވަސް މަދުވެގެން ލިބޭ ގޮތަށް އާޖެންޓީނާ ކުޅުންތެރިން ރިލީސްކޮށްދިނުމަށެވެ. އެއީ މި މަހު 13 ވަނަ ދުވަހު ވޯލްޑް ކަޕްގެ ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑު ފީފާ އަށް ފޮނުވުމުގެ ކުރިން، ހުރިހާ ކުޅުންތެރިންގެ ހާލަތު އެއްކޮށް ވަޒަންކޮށްލުމުގެ ގޮތުންނެވެ.

ބްރައިޓަންގެ މެދުތެރޭގައި މި ފަހަރު މޮޅު ކުުޅުމެއް ދައްކަމުން އަންނަ އަލެކްސިސް މެކަލިސްޓާ: އޭނާ އަކީ އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ފުރުސަތު ދިން ކުޅުންތެރިއެއް.


އެކަމަކު، ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ އަވަހަށް ކުޅުންތެރިން ރިލީސްކޮށްދޭން އާޖެންޓީނާ އިން އެދުނު އެ ހުށަހެޅުމަށް ދެކޮޅު ހަދައިފަ އެވެ.

މި ފަހަރު ފީފާ އިން ކްލަބްތަކަށް އަންގާފައިވަނީ ލަސްވެގެން 14 ނޮވެމްބަރަށް ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރުމަށެވެ. އޭގެ ކުރިން ކްލަބްތަކުން ކުޅުންތެރިން ގައުމީ ޓީމަށް ރިލީސްކުރަން ނިންމުން އެ އޮތީ އެ ކްލަބެއް އިހުތިޔާރުކުރާ ގޮތަށް ކުރިއަށްގެންދަން ދޫކޮށްލައިފަ އެވެ.

ލިއޮނަލް ސްކަލޯނީގެ ކޯޗުކަމުގައި ކުޅޭ އާޖެންޓީނާ އިން އެންމެ ފަހުން ކުުޅުުނު 35 މެޗުން ވެސް ބަލިވެފައިނުވާއިރު، ވޯލްޑް ކަޕަށް ތައްޔާރުވާން އެ ޓީމުން މި މަހު 16 ވަަނަ ދުވަހު ޔޫއޭއީއާ އެކު މެޗެއް ކުޅޭނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ސްޕެއިނާއި ފްރާންސް އަދި އިޓަލީގެ ކްލަބްތަކުގެ ފަރާތުން ވެސް ކުޅުންތެރިން މި މަހު 8-9 އަށް ރިލީސްކޮށްދޭން އެދިފަ އެވެ. އެކަމަކު، އެ ޓީމުތަކުން ރަސްމީކޮށް އަމަލުކުރާނެ ގޮތެއް އަދި ނިންމާފައިނުވެ އެވެ.