Advertisement

އެންމެންގެ ބައިވެރިވުމާއެކު ކުޑަހުވަދޫގައި ކުނި މެނޭޖްކުރުމުގެ ނަމޫނާ ޕްރޮގްރާމެއް

4 ނޮވެންބަރު 2022 - 08:42 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުޑަހުވަދޫގައި ކުރިއަށް ގެންދާ ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމުގެ ދަށުން ކުނި ވަށިގަނޑު ހަވާލުކުރަނީ -- ފޮޓޯ: މޯޕާ


އެންމެންގެ ބައިވެރިވުމާއެކު ކުޑަހުވަދޫގައި ކުނި މެނޭޖްކުރުމުގެ ނަމޫނާ ޕްރޮގްރާމެއް

4 ނޮވެންބަރު 2022 - 08:42 0

ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މުޖުތަމައުގެ ބައިވެރިވުމާ އެކު ދ. ކުޑަހުވަދޫއިން ދަނީ ނަމޫނާ ދައްކަމުންނެވެ.

ތިމާވެށީގެ ރައްކާތެރިކަމާއި ޕްލާސްޓިކް ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު ކުޑަހުވަދޫ ވަނީ އެ ކުންފުނީގެ މޮޑެލް އައިލެންޑް ޕްރޮޖެކްޓުގެ ތެރޭގައި ހިމަނާފަ އެވެ. ކުޑަހުވަދޫ ވެގެން ދިޔައީ މި ޕްރޮޖެކްޓުގެ ދަށުން ހިމެނުނު ފުރަތަމަ ރަށަށެވެ.

މިއާއެކު ކޮކާ ކޯލާ އަދި އެ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު އެމްއޭޑަބްލިއުސީގެ އެހީތެރިކަމާއެކު، 'އޮން ދަ ގްރައުންޑް، އިން ދަ ސީ: ވޭސްޓް ސެގްރިގޭޝަން މޮޑެލް އައިލެންޑް ކުޑަހުވަދޫ' ގެ ނަމުގައި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމެއް އެ ރަށުގައި ފަށައިފަ އެވެ.

މި ޕްރޮގްރާމް ހިންގަމުންދަނީ އެ ރަށުގެ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބި މުޖުތަމައުގެ ފުރިހަމަ ބައިވެރިވުމާއެކު ނަމޫނާ ޕްރޮގްރާމެއްގެ ގޮތުގަ އެވެ.

މި ޕްރޮގްރާމާ ބެހޭގޮތުން ވާހަކަ ދައްކަމުން ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވެފައިވަނީ ކުނި މެނޭޖުކުރުމަށް އެ ރަށުގައި ތަންފީޒުކުރެވެމުންދާ ކަންތައްތަކުގެ ސަބަބުން ރައްޔިތުންނަށް އެ ރަށުގެ ތިމާވެއްޓާއި ވެށި ބެލެހެއްޓުމުގެ އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބައިވެރިންގެ ދީލަތި އެހީ އާއި އެއްބާރުލުމާއެކު، މި މޮޑެލް އައިލެންޑް ސިސްޓަމް އަޅުގަނޑުމެން އިސްނަގައިގެން ކުރިއަށް ގެންދިޔަ ނަމަވެސް، އަޅުގަނޑުމެންގެ އުއްމީދަކީ، ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް ވަށާޖެހޭ އިގްތިސާދީ ވިސްނުމަކުން އަޅުގަނޑުމެންގެ ރީތި މާހައުލު ހިމާޔަތްކުރުމަށް ދ. އަތޮޅުގެ އެހެން ރަށްރަށުން ވެސް މި މަސައްކަތުގައި ބައިވެރިވުން،" ފިކުރީ ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގެ ދަށުން މޯޕާއިން ވަނީ ކުޑަހުވަދޫގައި އެކި ހަރަކާތްތައް ހިންގާ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން ކައުންސިލަށް ކުނި ވަށިގަނޑު ފޯރުކޮށްދީ، އެ ރަށުގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒާ ގުޅިގެން މެނޭޖްކުރުމާއި ކުނި އުކާލުމުގެ ކުރިން ވަކިކުރުމާއި އަލުން ބޭނުންކުރުމާ ގުޅޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން ރަށުގެ އެކި ސަރަހައްދު ތަކުގައި ހޭލުންތެރިކަން އިތުރުކޮށްދިނުމަށް ބޯޑުތަކެއްވެސް ވަނީ ބެހެއްޓިފަ އެވެ.

މޯޕާއިން ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންއެއްގެ ތެރެއިން -- ފޮޓޯ: މޯޕާ


މި ޕްރޮގްރާމާ ބެހޭގޮތުން މޯޕާގެ ފަރާތުން އެ ކުންފުނީގެ ބާނީ އަދި ޗެއާމަން ތޯރިގު އިބްރާހިމް ވިދާޅުވީ ކުޑަހުވަދޫ ވަނީ ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ހިމެނޭ ގޮތަށް ކުނި މެނޭޖްކުރުމުގެ އާ ގަވާއިދަށް ފުރިހަމައަށް އަމަލުކުރި ފުރަތަމަ ރަށަށް ވެފައި ކަމަށެވެ. އަދި މިއީ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުން މި އަހަރު ގޭބިސީތަކުގެ ފެންވަރުގައި ކުނި ވަކިކުރުން ލާޒިމްކުރުމާއެކު އެކަން ކުޑަހުވަދޫގައި ތަންފީޒުކުރުމަށް ،މި ޕްރޮގްރާމްގެ ދަށުން އެ ރަށުގެ ގެތަކަށް މިހާތަނަށް 1000 އަށްވުރެ ކުނި ވަށިގަނޑު ވަނީ ފޯރުކޮށްދީފަ އެވެ. ވަކި ކުރެވޭ ކުނި ގޭބިސީތަކުން ކޮންމެ ދުވަހަކު އެ ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒަށް ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެނީ އެ ރަށު ކައުންސިލުންނެވެ.

މީގެ އިތުރުން ކުޑަހުވަދޫއިން ނެގޭ ޕްލާސްޓިކް ކުނި މާލެ ގެނެސް އެ ތަކެތި އަލުން ބޭނުންކުރުމަށް ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތްވެސް މި ޕްރޮގްރާމުގެ ދަށުން ކުރެވެ އެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން އެރަށުން 8.7 ޓަނުގެ ޕްލާސްޓިކް ވަނީ ނެގިފަ އެވެ. މި ތަކެތި މާލެ ގެނައުމަށް މޯޕާއަށް ކޯކާ ކޯލާ މޯލްޑިވްސް އިން ދަނީ އެހީތެރިވަމުންނެވެ.