2 ނޮވެންބަރު 2022 - 06:25 0
އަހުމަދު އާއިދު
ޮޕެންޝަން އޮފީހުގެ އާ ސީއީއޯ ސުޖާތާ މުވައްޒަފުންނާ އިއްޔެ ބައްދަލު ކުރައްވައި އޭނާގެ އަމާޒުތައް ވިދާޅުވެ ދެއްވަނީ. -- ފޮޓޯ: ޕެންޝަން އޮފީސް
2 ނޮވެންބަރު 2022 - 06:25 0
އެންމެ ބޮޑު އިސްކަމެއް ދޭނީ ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގެ މަސައްކަތް ފުޅާކޮށް، އޮފީހުގެ ހިންގުމަށް ބޮޑު ބަދަލެއް ގެންނަން ކަމަށް ޕެންޝަން އޮފީހުގެ އާ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެ އެވެ.
ސީއީއޯގެ ހައިސިއްޔަތުން މުވައްޒަފުންނާ އިއްޔެ ބައްދަލު ކުރައްވައި ސުޖާތާ ވަނީ އޭނާގެ އަމާޒު ކިޔައި ދެއްވައިފަ އެވެ. އެގޮތުން އޮފީހުގެ ހިންގުން ހަރުދަނާ ކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވުން ހިމެނެ އެވެ.
މަސައްކަތް ބައްޓަންކުރާނީ ފަންޑުގެ ބައިވެރިންގެ މަސްލަހަތާއި، ގަވަނަންސް، ޓެކްނޮލޮޖީ، ތިމާވެށި އަދި އިނޮވޭޝަން އަށް އިސްކަންދީގެން،" އޭނާ ވިދާޅުވި އެވެ.
ޕެންޝަނާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޕެންޝަން އޮފީހުގެ ބޯޑުން، އެ އޮފީހުގެ ސީއީއޯގެ މަގާމަށް ސުޖާތާ އައްޔަންކުރީ ފަސް އަހަރަށެވެ.
އެކްޓިން ސީއީއޯގެ ހައިސިއްޔަތުން ޕެންޝަން އޮފީސް ހިންގެވުމުގެ ޒިންމާ ދެ އަހަރަށްވުރެ ދުވަހު ސުޖާތާ އަދާކުރައްވާފައިވެ އެވެ. އަދި 2015 އިން ފެށިގެން ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކީ ވެސް އޭނާ އެވެ،
ޕެންޝަން އޮފީހުގެ އާ ސީއީއޯ ސުޖާތާ މުވައްޒަފުންނާ ބައްދަލުކުރެއްވަނީ -- ފޮޓޯ: ޕެންޝަން އޮފީސް
ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި އަދި ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި މެދު ނުކެނޑި 16 އަހަރު ސުޖާތާ ހިދުމަތް ކުރެއްވި ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.
ޕެންޝަނާ ބެހޭ ގާނޫނު ތަސްދީގުކޮށް، ޒަމާނީ ޕެންޝަން ނިޒާމެއް ތައާރަފުކޮށް ހިންގަން ފެށީ މެއި 13، 2009 އިން ފެށިގެންނެވެ. އެއަށް ފަހު އެންމެ ބޮޑު ސޭވިން ފަންޑަކީ ޕެންޝަން ފަންޑެވެ.
އެ ފަންޑު 17 ބިލިއަނަށް ވުރެ އިތުރުވެފައިވާއިރު، ޖަމާކުރާ ފައިސާގެ އިތުރުން ފަންޑުގެ ފައިދާ އިތުރުކުރަން އެކި ދާއިރާތަކަށް އިންވެސްޓްކުރެ އެވެ.
ޕެންޝަން ފަންޑުން އެންމެ ބޮޑަށް އިންވެސްޓުކޮށްފައި ވަނީ ޓްރެޒަރީ ބިލާއި ޓްރެޒަރީ ބޮންޑަށެވެ. އެހެން ދާއިރާތަކަށް އިންވެސްޓްކޮށްފައި އެބަ ހުއްޓެވެ.
Comment