Advertisement

ޓޮޓެންހަމް މުހިންމު މެޗަށް ނުކުންނައިރު އުނދަގޫ ހާލަތެއްގައި

1 ނޮވެންބަރު 2022 - 13:20 0

ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓޮޓެންހަމްގެ ކޭން (ކ) އާއި ހޮއިބިއާ.


ޓޮޓެންހަމް މުހިންމު މެޗަށް ނުކުންނައިރު އުނދަގޫ ހާލަތެއްގައި

1 ނޮވެންބަރު 2022 - 13:20 0

ލަންޑަން (ނޮވެމްބަރު 1) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް މިރޭ ނުކުންނައިރު، ނަތީޖާ ނެރެން ޓޮޓެންހަމް ހޮޓްސްޕާސް އަށް ވަނީ މަޖުބޫރުވެފަ އެވެ. އެކަމަކު، މާސޭއާ ދެކޮޅަށް ކުޅޭއިރު، ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރީ ސަސްޕެންޝަނެއްގައި ކަމަށްވާތީ، ބެންޗަށް ނުދެވޭނެ އެވެ.

ކޮންޓޭ ނެތުމަކީ ކުޅުންތެރިން އިތުރަށް މަސައްކަތް ކުރަން ލިބޭ ހިތްވަރެއް ކަމަށް ޓޮޓެންހަމްގެ މިޑްފިލްޑަރު އެމީލް ހޮއިބިއާ ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ގްރޫޕް ޑީގެ ފަހު މެޗަށް މިރޭ ނުކުންނައިރު ގްރޫޕުގެ ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. މި ގްރޫޕުގައި އޮތް ހަތަރު ޓީމްގެ ތެރެއިން އެންމެ ބޮޑު ފުރުސަތެއް އޮތީ ޓޮޓެންހަމް އަށެވެ. އެ ޓީމަށް މިރޭ މާސޭއާ ދެކޮޅަށް ކުޅޭ މެޗުގައި ބަލިނުވެ، ފަރުޖައްސާލައިގެން ދެ ވަނަ ބުރަށް ދެވޭނެ އެވެ. މާސޭ އަށް އޮތް ހަމައެކަނި ފުރުސަތަކީ މި މެޗުން މޮޅުވުމެވެ.

ދެން މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމަށް ބަލާއިރު، ސްޕޯޓިން ލިޒްބަން އާއި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށް ވެސް ދެ ވަނަ ބުރުން ފުރުސަތު ލިބޭނެ އެވެ. އެ މެޗު، އެއްވަރުވެއްޖެ ނަމަ ފުރުސަތު ލިބޭނީ ސްޕޯޓިން އަށެވެ.

ކޮންޓޭ މިރޭގެ މެޗަށް ސަސްޕެންޑްވީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. ކޮންޓޭ އަށް ރަތް ކާޑު ދެއްކީ އިތުރު ވަގުތުގައި ޓޮޓެންހަމް އިން ޖެހި ގޯލެއް ބަލައިނުގަންނަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ރެފްރީ ނިންމުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ގޮތުންނެވެ.

ކޮންޓޭ ނެތުމާ ގުޅޭގޮތުން ހޮއިބިއާ ބުނީ މިއީ ޓޮޓެންހަމަށް އުނދަގޫ ދަނޑިވަޅެއްކަމުގައި ބަޔަކު ބުންޏަސް އެ ގޮތަށް ކުޅުންތެރިން ނުދެކޭ ކަމަށެވެ.

"މިއީ އަހަރުމެންނަށް އުނދަގޫ ހާލަތެއް ނޫން، ހަމައެކަނި މިއީ ތަފާތު ހާލަތެއް. ކޯޗު ނެތުމަކީ ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް. ކޯޗު އަހަރުމެން ތައްޔާރުކޮށްފައި ހުރީ މިކަހަލަ ކޮންމެ ދަނޑިވަޅަކަށް ކެރިގެން ކުރިމަތިލެވޭ ގޮތަށް" ޑެންމާކުގެ ގައުމީ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހޮއިބިއާ ބުންޏެވެ.

ކޮންޓޭ ނެތުމުގެ އިތުރުން ޓޮޓެންހަމް މުހިންމު ތިން ކުޅުންތެރިއަކަށް މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ. އެއީ ފޯވާޑް ރިޗާލިސަން، ވިންގް، ޑޭޔާން ކުލުސެވްސްކީ އަދި ޑިފެންޑަރު ކްރިސްޓިއަން ރޮމޭރޯ އެވެ.

މިރޭގެ މެޗު އެންމެ ބޮޑަށް ހާއްސަވާ އެއް ކުޅުންތެރިއަކީ އާސެނަލްގެ ކުރީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. ސަންޗޭޒްގެ އިތުރުން އާސެނަލްގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ މަޓެއޯ ގުއެންޑޫޒީ، ނޫނޯ ޓަވަރޭސް އަދި ސީޑް ކޮލާސިނަޗް އަށް ވެސް މި މެޗު ހާއްސަވާނެ އެވެ.

އާސެނަލްގެ ޒަމާންވީ ވާދަވެރިން ކަމަށްވާ ޓޮޓެންހަމާއި ދެކޮޅަށް ކުޅެން ޖެހޭ މެޗާއި ގުޅޭގޮތުން ސަންޗޭޒް ބުނީ ޓޮޓެންހަމް ބަލިކުރުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އާސެނަލާ އެކު ކުރެވުނު ތަޖުރިބާތަކުގެ ހަނދާން ވަރަށް ރަނގަޅަށް އެބަހުރި ކަމަށް ވެސް ސަންޗޭޒް ވަނީ ބުނެފަ އެވެ.

ޗެމްޕިއަންސް ލީގުގައި ހިމެނޭ ހުރިހާ ގްރޫޕްތަކެއްގެ ތެރެއިން މިހާތަނަށް ދެ ވަނަ ބުރުގެ ޖާގައެއް ޔަގީން ނުވާ ހަމައެކަނި ގްރޫޕަކީ މި ގްރޫޕެވެ.