30 އޮކްޓޯބަރު 2022 - 12:57 0
ގައުމީ ހޭންޑްބޯލް މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު
30 އޮކްޓޯބަރު 2022 - 12:57 0
ނުވަ ވަނަ ގައުމީ ހޭންޑް ބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ އެވެ.
އަންހެން އަދި ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ކުޅުން ފަށާފައިވަނީ މިމަހުގެ 16 ގަ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ދެ ވަނަ ބުރުން ފުރުސަތު ލިބުނީ ފިރިހެން ޑިވިޝަންގެ ގަދަ ހަ ޓީމާއި، އަންހެން ޑިވިޝަންގެ ގަދަ އަށް ޓީމަށެވެ.
ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ މެޗުތަކަށް ފަހު ކެޓި ދެ ޓީމަކީ ހުޅުމާލެ ސްޕޯޓްސް ކުލަބާއި ޕާލް ސްޕޯޓްސް ކުލަބެވެ. އަންހެން ޑިވިޝަންގެ ގްރޫޕް އޭ އިން ކެޓީ ތުޅާދޫ ޔަންގް އީގަލްސް އާއި ކުޑަ ހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ ކީންސް ސްޕޯޓްސް ކުލަބާއި ހިންމަފުށި ވިކްޓޯރިއަސް ކުލަބެވެ.
ގްރޫޕް ބީ އިން ކެޓީ ވިޔަންސާ އާއި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ ގުރައިދޫގެ އިސްލެނޯ ސްޕޯޓްސް ކުލަބާއި ހުޅުމާލެ ސްޕޯޓްސް ކުލަބެވެ. ގްރޫޕް ސީ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ އޮރިކްސް ހޭންޑްބޯޅަ ކުލަބާއި ރޯޔަލް ނައިޓްސް ސްޕޯޓްސް ކުލަބެވެ. މި ގްރޫޕުން ކެޓީ ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބާއި ޕާލް ސްޕޯޓްސް ކުލަބެވެ.
ތިން ޓީމް ވާދަކުރި ގްރޫޕް ޑީ އިން ކެޓީ ރެޑްވިންގްސް ސްޕޯޓްސް ކުލަބެވެ. މި ގްރޫޕުން ދެ ވަނަ ބުރަށް ދިޔައީ ރެޑްހޯކްސް ސްޕޯޓްސް ކުލަބާއި ޒެފްރޯލް އެވެ.
ދެ ވަނަ ބުރުން ޖާގަ ހޯދި ހުރިހާ ޓީމެއް ބަހާލާފައިވަނީ ދެ ގްރޫޕަށެވެ. ދެ ގްރޫޕުގެ އެއް ވަނަ އަށް ދާ ޓީމަށް ފައިނަލުން ޖާގަ ލިބޭއިރު، ދެ ވަނަ އަދި ތިން ވަނަ އަށްދާ ޓީމު ކުޅޭނީ ޑިވެލޮޕްމަންޓް ލީގު ބުރުގަ އެވެ.
ޑިވޮލޮޕްމަންޓް ޝީލްޑް ލީގަކީ މި ފަހަރު ގައުމީ މުބާރާތުުގައި ހޭންޑްބޯޅަ މޯލްޑިވްސް އިން އަލަށް ތައާރަފްކުރި ބަ އެކެވެ. މި ލީގުގެ ބޭނުމަކީ ގިނަ މެޗުތަކެއް ޓީމްތަކަށް ހޯދައިދީ ކުރިއެރުމަށް ގިނަ ފުރުސަތު ހޯދައިދިނުމެވެ.
Comment