ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ދިފާއުތައް ހާމަކޮށްފި، މޮރިޝަސް އެދޭ ގޮތަށް ދޫނުދޭނެ

24 އޮކްޓޯބަރު 2022 - 00:05 0

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު: ޗާގޯސްގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖޭން ނިންމި ސަބަބާއި، ކަނޑުގެ އިމުގެ މައްސަލައިގެ ދިފާއުތައް ވަނީ ހާމަކޮށްފައި. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ކަނޑުގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ދިފާއުތައް ހާމަކޮށްފި، މޮރިޝަސް އެދޭ ގޮތަށް ދޫނުދޭނެ

24 އޮކްޓޯބަރު 2022 - 00:05 0

ޗާގޯސް، މޮރިޝަސްއާ ހަވާލު ކުރަން އދ. ގެ އާންމު މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ރާއްޖޭން ތާއިދު ކުރަން ނިންމުމަކީ، މިހާރު ކުރިއަށްދާ ކަނޑުގެ ސަރަހައްދުގެ އިމުގެ މައްސަލައަށް އަސަރެއް ކުރާނެ ކަމެއް ނޫން ކަމަށާއި، އެ މައްސަލައިގައި މޮރިސަސްއިން އެދޭ ގޮތަށް ދޫނުދޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާ ގޮތަށް ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް ކުރިން ރާއްޖޭން ތާއިދެއް ނުކުރެ އެވެ. އެ ނިންމުން ބަދަލުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވެގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާތީ، މިރޭ ދަންވަރު އެޓާނީ ޖެނަރަލް އޮފީހުން ނެރުނު ބަޔާނެއްގައި މައްސަލަ އިތުރަށް ސާފުކޮށްދީ، ރާއްޖޭން ވަކާލާތުކުރާ ދިފާއުތައް ވަނީ ހާމަކޮށްފަ އެވެ.

ރާއްޖޭގެ ދިފާއު ބިނާކޮށްފައިވާ މައިގަނޑު ކަންކަން

  1. މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ބަޔާންކޮށްފައި ވީ ނަމަވެސް، ބައިނަލްއަގުވާމީ ކޯޓުތަކުން މިފަދަ މައްސަލަތަކުގައި މިހާތަނަށް ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތްކޮށް، އެއީ ބޭސް ޕޮއިންޓެއް ކަމަށް ނުބަލައި އެ ސަރަހައްދު ބައިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތްކޮށް ކާމިޔާބުވެއްޖެނަމަ ދިވެހިރާއްޖެ އަށް 4,687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ލިބިގެންދާ ނެތީ، ސަރަޙައްދު ބައި ކުރަން މޮރިޝަސްއިން ހުށަހަޅާފައިވާ ގޮތަށް އިއުތިރާޒުކުރުން.
  2. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަކީ އައުޓަ ކޮންޓިނެންޓަލް ޝެލްފްގެ ލިމިޓް ކަނޑައެޅުމަށް ހާއްސަކޮށް އުފައްދާފައިވާ ކޮމިޝަނެއް ކަމަށް ވާތީ އާއި މި މައްސަލަ މިހާރު ބަލަމުންދާ ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަކީ އައުޓަ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަތައް ބެލުމަށް ސައިންޓިފިކް އެކްސްޕަޓުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޗެމްބަރެއްކަމުގައި ނުވާތީ، ދިވެހިރާއްޖޭގެ ފަރާތުން ސީއެލްސީއެސް އަށް 2010 ވަނަ އަހަރު ހުށަހަޅާފައިވާ ހުށަހެޅުމާ އެއްގޮތަށް އެ ކޮމިޝަނުން އައުޓަ ކޮންޓިނެންޓަލް ޝެލްފްއާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވޭތީ، އައުޓަ ކޮންޓިނެންޓަލް ޝެލްފްއާ ގުޅޭ ގޮތުން މޮރިޝަސްއިން ހުށަހަޅާފައިވާ ހުށަހެޅުން ބެލުމުގެ އިހުތިސޯސް ޓްރައިބިއުނަލްގެ ސްޕެޝަލް ޗެމްބަރަށް ލިބިފައިނުވާކަމަށް ހުށަހެޅުން.
  3. ދިވެހިރާއްޖެއިން ހުށަހަޅާ ހުށަހެޅުން ބަލައިނުގަނެ، އައުޓަ ކޮންޓިނެންޓަލް ޝެލްފްއާގުޅޭ މައްސަލަ ބެލޭނެ ކަމަށް ޓްރައިބިއުނަލުން ނިންމަވާ ހާލަތުގައިވެސް، އައުޓަ ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމުގެ ގޮތުން ހުށަހަޅަންޖެހޭ "ނެޗުރަލް ޕްރޮލޮންގޭޝަން" އާގުޅޭ ސައިންޓިފިކް އަދި ޓެކްނިކަލް ހެކިތައް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައި ނުވާތީ، މޮރިޝަސްއަށް އައުޓަކޮންޓިނެންޓަލް ޝެލްފް ހައްގުވެގެން ނުވާކަމަށް ބަޔާންކުރުން.

ކަނޑުގެ އިމުގެ މައްސަލަ މިހާރު އޮތް މަރުހަލާ ސާފުކޮށް ދިނުމުގެ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުހަލާ ނިމި، އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް މި އޮކްޓޯބަރު 17-24 އާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. މިއަދު އޮންނަ މައްސަލައިގެ އެންމެ ފަހު އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނެތްނަމަ، ޒަމާންވެފައި އޮތް ކަނޑުގެ އިމުގެ މި މައްސަލައަށް ގޮތެއް ކަނޑައަޅާނެ އެވެ. ފުށުއަރާ ކަނޑުގެ ސަރަހައްދުން ރާއްޖޭގެ އިމާއި މޮރިޝަސްގެ އިން ކަނޑައަޅާނެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން ދެ ގައުމުގެ މެދުގައި އޮންނަ ފުށުއަރާ ސަރަހައްދުގެ ބައި ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލުންނެވެ.

"އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ،" ބަޔާނުގައި ބުނެ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މޮރިޝަސްއިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހެޅީ އޮގަސްޓު 23، 2019 ގަ އެވެ. މޮރިޝަސް އިން ހުށަހެޅި އެ މައްސަލަ ބަލައި ކަނޑުގެ ސަރަޙައްދުގެ އިން ކަނޑައެޅުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ރާއްޖޭން ފާހަގަކުރި އެވެ. އެހެން ނަމަވެސް ޖަނަވަރީ 28، 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

ޓްރައިބިއުނަލުން އެގޮތަށް ނިންމުމާ ގުޅިގެން ރާއްޖޭން ލިޔުމުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވުމުން ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަނުކުރެވުނެވެ. މި މައްސަލައިގައި ކަމާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަޞްލަޙަތުތައް އެންމެ ފުރިހަމައަށް ވާނީ ދިފާއުކޮށްފަ އެވެ." ބަޔާނުގައިވެ އެވެ.

މައްސަލައިގެ ފަސްފަހަތާއި ބަދަލުކުރި ނިންމުން

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ އެތަން ހަވާލުކުރުމަށެވެ. އެ ނިންމުމާ ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއިދުކުރި އެވެ. ނަމަވެސް ރާއްޖޭން އޭރު އެ ގަރާރަށް ތާއިދެއް ނުކުރެ އެވެ.

އދ ގެ އާންމު މަޖިލީހުގައި އޮތް އެ ގަރާރުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައި އޮތަސް، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިން ގަރާރަށް ތާއިދު ނުކުރީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ.

އެ ނިންމުން ބަދަލުކޮށް، މޮރިޝަސްއާ އެއްކޮށް ވޯޓުލާން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ފާހަގަ ކުރެއްވައިފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އދ. އާންމު މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި ހާރިޖީ ސިޔާސަތު ކަނޑައެޅުމާއ، ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖޭން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު، ގައުމުތަކުގެ ސިޔާސަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ، އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނާތީ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.