24 އޮކްޓޯބަރު 2022 - 00:01 0
އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި އިންޑިއާގެ އާކަރްޝީ ކަޝްޔަޕް ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
24 އޮކްޓޯބަރު 2022 - 00:01 0
މާލޭގައި މިއަދު ނިމުނު ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގެ އަންހެން ސިންގަލްސް އާއި މިކްސް ޑަބަލްސް އަދި ފިރިހެން ޑަބަލްސް ބައިގެ ޗެމްޕިއަންކަން އިންޑިއާގެ ކުޅުންތެރިން ހޯދައިފި އެވެ.
އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އިންޑިއާގެ އާކަރްޝީ ކަޝްޔަޕް ހޯދިއިރު، މިކްސް ޑަބަލްސް ޗެމްޕިއަނުންނަކީ ރޯހަން ކަޕޫރް އާއި ރެޑީ ސިކީގެ ޕެއާ އެވެ. އަދި ފިރިހެން ޑަބަލްސް އިން ރަން މެޑަލް ހޯދީ އިންޑިއާގެ ރޯހަން ކަޕޫރާއި ރެޑީ ސުމީތުގެ ޕެއާ އެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ސްޕެއިންގެ ލުއިސް އެންރީކޭ ހޯދިއިރު، އަންހެން ޑަބަލްސް ޗެމްޕިއަނުންނަކީ ޖަޕާނުގެ ޗިސާޓޯ ހޯސީ އާއި މިޔޫ ޓަކަހާޝީގެ ޕެއާ އެވެ.
ކުޅިވަރު އެކުވެނި އިންޑޯ ބެޑްމިންޓަން ކޯޓުގައި މިއަދު ކުޅުނު ފައިނަލް މެޗުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރިއަށްދިޔަ މިކްސް ޑަބަލްސް ފައިނަލުގައި ރޯހަން ކަޕޫރް އާއި ރެޑީ ސިކީގެ ޕެއާ ބައްދަލުުކުރީ އަލްޖީރިއާގެ ކޮޝެއީލާ މަމޭރީ އާއި ތަނީނާ ވިއޮލެޓް މަމޭރީގެ ޕެއާއާ އެވެ. ރޯހަން އާއި ރެޑީގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16، 21-18 އިންނެވެ.
ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ލުއިސް އެންރީކޭ: އޭނާ ވަނީ ފައިނަލުގައި މޮޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ފިރިހެން ސިންގަލްސް ފައިނަލުގައި ކުޅުނު އިޒްރޭލުގެ މިޝާ ޒިލްބާމަން އަކީ މި މުބާރާތުގެ އެއް ވަނަ ސީޑެވެ. އެކަމަކު، އޭނާ އަތުން ފައިނަލުގައި 2-1 ސެޓުން ކުރިހޯދީ ދެ ވަނަ އަށް ސީޑްކޮށްފައި އޮތް އެންރީކޭ އެވެ. މި މެޗުގެ ފުރަތަމަ ސެޓު 07-21 އިން އެންރީކޭ ގެންދިޔަ ނަމަވެސް ދެން ކުޅުނު ސެޓު 21-11 އިން ގެންގޮސް ޒިލްބާމަން އެނބުރި އަ އެވެ. އެކަމަކު، ދެން ކުޅުނު ސެޓު، 18-21 އިން ގެންގޮސް އެންރީކޭ މޮޅުވީ އެވެ.
މުބާރާތުގެ ފިރިހެން ސިންގަލްސްގެ ދެ ވަނަ ބުރުގައި ރާއްޖޭގެ މުހައްމަދު އާކިފް ބަލިވީ އެންރީކޭ އަތުން 21-08، 21-06 އިންނެވެ.
އާކަރްޝީ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިންޑިއާގެ އިރާ ޝަރްމާ އަތުން 24-22، 21-12 އިން މޮޅުވެގެންނެވެ. އާކަރްޝީ އަކީ އަންހެން ސިންގަލްސްގެ އެއް ވަނަ ސީޑެވެ. އިރާ އަކީ ތިން ވަނަ އަށް ސީޑްކޮށްފައިވާ އަންހެން ސިންގަލްސް ކުޅުންތެރިޔާ އެވެ.
އަންހެން ޑަބަލްސް ފައިނަލުގައި ކުޅުނީ ޖަޕާނުގެ ދެ ޕެއާ އެެވެ. ޖަޕާނުގެ ޗިސާޓޯ ހޯސީ އާއި މިޔޫ ޓަކަހާޝީގެ ޕެއާ ވަނީ 21-16، 21-15 އިން އެ ގައުމުގެ ކަހޯ އޮސާވާ އާއި ކައޯރޫ ސުގިޔާމާގެ ޕެއާ ބަލިކޮށްފަ އެވެ. ފިރިހެން ޑަބަލްސް ބައިގައި އިންޑިއާގެ ރޯހަން ކަޕޫރާއި ރެޑީ ސުމީތުގެ ޕެއާ އިން ވަނީ 2-1 ސެޓުން ތައިލެންޑްގެ ޗަލޮއެމްފޯން އާއި ނަންތަކާންގެ ޕެއާ ބަލިކޮށްފަ އެވެ.ޗަލޮއެމްފޯން އާއި ނަންތަކާންގެ ޕެއާ އިން ފުރަތަމަ ސެޓު، 21-23 އިން ގެންދިޔަ އެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓު، 21-19، 21-17 އިން ގެންގޮސް ރޯހަން ކަޕޫރާއި ރެޑީ ސުމީތުގެ ޕެއާ މެޗުން މޮޅުވީ އެވެ.
މިއީ ކޮވިޑް-19 ގެ ބްރޭކަށް ފަހު ރާއްޖޭގައި ބޭއްވުނު ބައިނަލްއަގުވާމީ ބެޑްމިންޓަން ފުރަތަމަ މުބާރާތެވެ. މިއީ ލިނިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖް ރާއްޖޭގައި ބޭއްވި ފަސް ވަނަ ފަހަރެވެ. މި ފަހަރު ރާއްޖޭގެ 30 އަަށް ވުރެ ގިނަ ކުޅުންތެރިން މި މުބާރާތުގެ އެކި އިވެންޓްތަކުގައި ވާދަކުރިއިރު، އެއްވެސް ކުޅުންތެރިއަކަށް ދެ ވަނަ ބުރު ފަހަނައަޅައި ދެވިފައެއްނުވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment