Advertisement

ޓީވީތަކުން އަންހެން ފުޓްބޯޅަ އަށް ހަރަދުކުރަން ބޭނުމެއް ނުވޭ: އިންފަންޓީނޯ

22 އޮކްޓޯބަރު 2022 - 16:31 0


ޓީވީތަކުން އަންހެން ފުޓްބޯޅަ އަށް ހަރަދުކުރަން ބޭނުމެއް ނުވޭ: އިންފަންޓީނޯ

22 އޮކްޓޯބަރު 2022 - 16:31 0

އޯކްލެންޑް، ނިއު ޒީލެންޑް (އޮކްޓޫބަރު 22) - ފިރިހެނުންގެ ފުޓްބޯޅަ އަށް ކުރާ ހޭދައާ އަޅާކިޔާއިރު، ޓީވީ ބްރޮޑްކާސްޓަރުން އަންހެން ފުޓްބޯޅަ އަށް ހަރަދުުކުރަން ބޭނުންނުވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

އިންފަންޓީނޯ، މި ގޮތަށް ވިދާޅުވީ އަންނަ އަހަރުގެ އަންހެނުންގެ ފީފާ ވޯލްްޑް ކަޕްގެ ގުރުއަތުލުމުގެ އިވެންޓްގައި ވާހަކަ ދައްކަަވަމުންނެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަކީ 32 ޓީމު ވާދަކުރެވޭ ގޮތަށް ބާއްވާ ފުރަތަމަ ވޯލްޑް ކަޕެވެ.

އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ބްރޯޑްކާސްޓިން ރައިޓްސް ގަންނަން ލިބުނު ތަރުހީބަށް އިޝާރާތްކޮށް އިންފަންޓީނޯ ވަނީ ނުސީދާ ގޮތަކަށް ޓީވީ ބްރޯޑްކާސްޓަރުންނަށް ފާޑުކިޔައިފަ އެވެ.

"ބްރޯޑްކާސްޓަރުން އަންހެން ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ފީފާ އަށް ބިޑްކޮށްފައިވަނީ ފިރިހެނުންގެ ވޯލްޑް ކަޕަށް ހުށަހަޅާ ބިޑަށް ވުރެ 100 ގުނަ މަދުން،" އިންފަންޓީނޯ ވިދާޅުވި އެވެ. "އެންމެން ވެސް ބުނަނީ އަންހެނުންނާއި ފިރިހެނުންގެ މި ހުރި ތަފާތު ކުރުންތައް ނައްތާލަން. އެކަމަކު، އިންސާފުވެރިކޮށް މި ކަންކުރެވޭނެ ގޮތަކަށް ނޫން ދެން ހުރި ކަންކަން މި ފެންނަނީ،"

އިންފަންޓީނޯ ވިދާޅުވީ ފީފާ އިން އަންހެން ފުޓްބޯޅަ ތަރައްގީ ކުރަން ހާއްސަ ޕްރޮގްރާމްތަކެއް މިދިޔަ އަހަރުތަކުގައި ހިންގި ކަމަށެވެ. އަދި އެ ކަންކަަމަށް ޖުމްލަ އެކު އެއް ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުވެފައިވާ ކަމަށް ފީފާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ފީފާ އިން މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބަލާއިރު، ފިރިިހެނުންގެ މުބާރާތްތަކުގެ ރައިޓްސް އެކޭ އެއްގޮތަށް އަންހެނުންގެ މުބާރާތްތަކުގައި ވެސް ރައިޓްސް ޖެހޭނީ ވަކިން ގަންނާށެވެ.

"ދެން މި އޮތް އަންހެނުންގެ ވޯލްޑް ކަޕަށް 400 މިލިއަން ޑޮލަރު ހޭދަވާނެ. އުންމީދަކީ އެ ވަރުގެ އާމްދަނީ އެއް ހޯދޭނެ ގޮތްތަކެއް ވެސް މީގެ ތެރެއިން ހޯދުން، އެކަން ކުރެވޭނެ. އެކަމަކު، އެއީ އެންމެންގެ ބައިވެރިވުމާ އެކީ،" އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާގެ 17 އަހަރުން ދަށުގެ ވިމެންސް ވޯލްޑް ކަޕް މިހާރު ކުރިއަށްދަނީ އިންޑިއާގަ އެވެ. އިންފަންޓީނޯ ވަނީ އެ މުބާރާތުގެ އިންތިޒާމްތައް ހުރި ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި އަންހެނުންގެ ފުޓްބޯޅަ ޕްރޮމޯޓްކުރަން އިންޑިއާ އިން ކުރާ މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.