20 އޮކްޓޯބަރު 2022 - 08:28 1
އިއްޔެގެ އަންހެން ސިންގަލްސް މެޗެއްގެ ތެރެއިން ނަބަހާ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
20 އޮކްޓޯބަރު 2022 - 08:28 1
މާލޭގައި މިހާރު ކުރިއަށްދާ ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި އިއްޔެގެ މެޗުތަކަށް ފަހު ރާއްޖޭގެ ކުޅުންތެރިންނަށް ސިންގަލްސް އިވެންޓްތައް ނިމިއްޖެ އެެވެ.
އަންހެން ސިންގަލްސް ދެ ވަނަ ބުރުގައި ރާއްޖޭގެ ހަތް ކުޅުންތެރިއަކު ވާދަކުރިއިރު، ފިރިހެން ސިންގަލްސް ދެ ވަނަ ބުރުގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ވާދަކޮށްފަ އެވެ.
އަންހެން ސިންގަލްސް އަށް ބަލާއިރު، ރާއްޖޭގެ މައިޝާ އަހުމަދު އަޒީމް ވަނީ މުބާރާތުގައި ހަ ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ އަދިތީ ބަޓް އަތުން 21-01، 21-04 އިން ބަލިވެފަ އެވެ. އިންޑިއާގެ އާދިޔާ ވާރިއާތު އަތުން ރާއްޖޭގެ އައިމިނަތު ނަބީހާ ބަލިވީ 21-07، 21-12 އިންނެވެ. ނަބީހާ އަކީ ފުރަތަމަ ބުރުގެ މެޗުން އީރާންގެ ސާރާ އަމީނިއާން ބަލިކޮށް ދެ ވަނަ ބުރަށް ދަތުކުރި ކުޅުންތެރިއެކެވެ.
އިއްޔެގެ މެޗެއްގެ ތެރެއިން ނީލާ: ނީލާ ވަނީ ސިންގަލްސް އާއި އަންހެން ޑަބަލްސް މެޗުން ވެސް އިއްޔެ ނާކާމިޔާބީއާ ކުރިމަތިލާްން ޖެހިފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރާއްޖޭގެ ތަޖުރިބާކާރު ކުުޅުންތެރިޔާ ނީލާ ނަޖީބު ވަނީ ޖަޕާނުގެ ކައޯރޫ ސުގިޔާމާ އަތުން 21-04، 21-09 އިން ބަލިވެފަ އެވެ.
އިންޑިއާގެ ރިޝާ ދުބޭ އަތުން ރާއްޖޭގެ ފާތިމަތު ނަބާހާ ބަލިވީ 21-17، 21-16 އިންނެވެ. މުބާރާތުގައި ދެ ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ އަޝްމިތާ ޗާލިހާ އަތުން ރާއްޖޭގެ މައިސާ ފަތުހުﷲ އިސްމާއިލް ބަލިވީ 21-09، 21-03 އިންނެވެ.
އިންޑިއާގެ ކުޝީ ތައްކަރު ވަނީ 21-04، 21-05 އިން ރާއްޖޭގެ އައިޝަތު ޒޯޔާ ހުސެއިން ބަލިކޮށްފަ އެވެ. ޖަޕާންގެ މިހޯ ކަޔާމާ ވަނީ 21-01، 21-0 އިން ރާއްޖޭގެ އައިޝަތު އަލީޝާ މޫސާ ބަލިކޮށްފަ އެވެ. އަދި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް މޫސާ އަތުން އިޒްރޭލުގެ ކަޓްސިއަރީނާ ޒަބްލޮޓްސްކާޔާ މޮޅުވީ 21-07، 21-05 އިންނެވެ.
ފިރިހެން ސިންގަލްސްގައި ފުރަތަމަ ބުރުގެ މެޗުން މޮޅުވި، ނިބާލް އަހުމަދު ދެ ވަނަ ބުރުގެ މެޗުގައި އިއްޔެ އިންޑިއާގެ ކިރަން ބަލާޖީ އަތުން ބަލިވީ 21-08، 21-14 އިންނެވެ. އަދި ރާއްޖޭގެ މުހައްމަދު އާކިފް އަތުން ދެ ވަނަ ސީޑް، ސްޕެއިންގެ ލުއިސް އެންރީކޭ މޮޅުވީ 21-08، 21-06 އިންނެވެ.
ފިރިހެން ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ރިވައިވަލްގެ ތޯއިފް (ކ) އާއި ޒަޔާން: ތޯއިފް އާއި ޒަޔާްންގެ ޕެއާ އިއްޔެ ބަލިވީ އިންޑިއާގެ ވަރުގަދަ ޕެއާއެއް އަތުން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިއްޔެ ރާއްޖޭގެ 13 ޕެއާ އެއް ވަނީ ޑަބަލްސް މެޗުތަކުގައި ވެސް ވާދަކޮށްފަ އެވެ. އެއްވެސް ޕެއާ އަކަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ.
މުބާރާތުގައި މިއަދު ވެސް ރާއްޖޭގެ 10 ޕެއާއެއްގެ މެޗުތައް އޮންނާނެ އެވެ. އެއީ މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ ޕެއާތަކުގެ މެޗުތަކެވެ.
މިއަދު ކުޅޭ ޑަބަލްސް އިވެންޓްތަކުގެ މެޗުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް މެޑަލް ގެނެސްދީފައިވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ އަންހެން ޑަބަލްސް ޕެއާ އާއި ނަބާހާ އާއި ޒަޔާން ޒަކީގެ މިކްސް ޑަބަލްސް ޕެއާގެ މެޗުތައް ހިމެނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment