18 އޮކްޓޯބަރު 2022 - 16:11 0
މިއަދުގެ މެޗުގެ ތެރެއިން ރާއްޖޭގެ ނަބީހާ ޝަޓްލް ފޮނުވާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
18 އޮކްޓޯބަރު 2022 - 16:11 0
މާލޭގައި މިއަދު ފެށި ލިނިން މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖްގައި ކުޅުނު އަންހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުން އީރާންގެ ކުޅުންތެރިޔާ، ސާރާ އަމީނިއާން ބަލިކޮށް ރާއްޖޭގެ އައިމިނަތު ނަބީހާ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
އަންހެން ސިންގަލްސް ފުރަތަަމަ ބުރުގެ މެޗުން ނަބީހާ ވަނީ 21-17، 23-21 އިން ސާރާގެ މައްޗަށް ކުރިހޯދައިފަ އެެވެ. ދެ ވަނަ ބުރުގައި ނަބީހާ (ނަބީ) ކުޅެން ޖެހޭނީ އިންޑިއާގެ އާދިޔާ ވާރިއާތުއާ ދެކޮޅަށެވެ.
އަންހެން ސިންގަލްްސް ފުރަތަމަ ބުރުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިއަކު ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން ރާއްޖޭގެ ޝައިބާ މުހައްމަދު ޝަރީފް ވަނީ އިންޑިއާގެ ސްނޭހާ ރާޖްވާރު އަތުން 21-08، 21-05 އިން ބަލިވެފަ އެވެ. ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފް އަތުން ސްރީ ލަންކާގެ ރަޝްމީ މުޑަލީގޭ މޮޅުވީ 21-04، 21-02 އިން މޮޅުވެފަ އެވެ.
މިއަދުގެ މެޗުގެ ތެރެއިން ރާއްޖޭގެ އަފްނާން: އަފްނާން ވަނީ ފުރަތަމަ ސެޓުގައި މެލޭޝިއާ ކުޅުންތެރިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައި.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދު އަތުން މެލޭޝިއާގެ އަމާންޑާ ހްވާ ކުރިހޯދީ 21-14، 21-06 އިންނެވެ. އަދި ރާއްޖޭގެ ސަމްރާ އަހުމަދު ހައިކަލް އަތުން އިންޑިއާގެ އަކްޝަޔާ އަރުމުގަމް މޮޅުވީ 21-04، 21-0 އިންނެވެ.
ނަބީހާގެ އިތުރުން އަންހެން ސިންގަލްސް ދެ ވަނަ ބުރުގައި ރާއްޖޭން ވާދަކުރަނީ، މެޗެއް ނުކުޅެ ގުރުއަތުލައިގެން މި ބުރަށް ދަތުރުކުރި ކުޅުންތެރިންނެވެ. އެއީ ފާތިމަތު ނަބާހާ، އައިޝަތު ޒޯޔާ ހުސެއިން، މައިޝާ އަހުމަދު އަޒީމް، އައިޝަތު އަލިޝާ މޫސާ، ނީލާ ނަޖީބް، އައިމިނަތު ޝަހުރުނާޒް މޫސާ އަދި މައިސާ ފަތުހުﷲ އިސްމާއިލް އެވެ.
ފިރިހެން ސިންގަލްސް ކޮލިފިކޭޝަން ބުރުގައި މިއަދު ރާއްޖޭގެ ކުޅުންތެރިން ވަނީ ވާދަކޮށްފަ އެވެ. އެ ގޮތުން ކޮލިފައިން ބުރުގައި ރާއްޖޭގެ ނަޝީއު ޝަރަފުއްދީން ވަނީ އިންޑިއާގެ ބަވޭޝް ޕާންޑޭ އަތުން 21-10، 21-14 އިން ބަލިވެފަ އެވެ. ޖަޕާންގެ ޓަކޫމާ ކަވަމޯޓޯ ވަނީ 21-05، 21-02 އިން ރާއްޖޭގެ މުހައްމަދު ރަފާހު ބަލިކޮށްފަ އެވެ. ރާއްޖޭގެ މުހައްމަދު އުދައިޝް އަހުމަދު ޝަރީފް އަތުން ސްރީ ލަންކާގެ ޗަމަތު ޑިއާސް މޮޅުވީ 21-03، 21-07 އިންނެވެ. އިންޑިއާގެ އަނީރްބާން ބަޓަޗަރުޖީ ވަނީ 21-04، 21-06 އިން ރާއްޖޭގެ އަޒުހަރު މުހައްމަދު އައްޔޫބު ބަލިކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކީ "އަދަދު": މި ފަހަރުގެ އިންޓަނޭޝަނަލް ޗެލެންޖްގައި ރިވައިވަލްގެ ގިނަ ކުޅުންތެރިންތަކެއް ވާދަކުރޭ.--ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ތައިލެންޑްގެ ސަރަސިތު އަރިޔަބަރަނީކުލް ވަނީ 21-06، 21-04 އިން ރާއްޖޭގެ އަބްދުލް ރަޝީދު އަސީލް ބަލިކޮށްފަ އެވެ. ރާއްޖޭގެ ޔޫސުފް މުނާދީ މަތުލޫބް ވަނީ އިންޑިއާގެ އަމަލް ސަންޖާޔީ މަޔާދޭވީ އަތުން 21-06، 21-04 އިން ބަލިވެފަ އެވެ. ރާއްޖޭގެ މުހައްމަދު އަދީމް އާދަމް ވަނީ އިންޑިއާގެ އުމަންގް ކޯޝިކް އަތުން 21-09، 21-11 އިން ބަލިވެފަ އެވެ.
މެލޭޝިއާގެ މިންގް ޔަޕް ޓޫ ވަނީ 21-03، 21-06 އިން ރާއްޖޭގެ އަހުމަދު ދާނިއާލް އަޝްރަފް ބަލިކޮށްފަ އެެވެ. އަދި ރާއްޖޭގެ މުހައްމަދު މާއިލު ފަތުހުﷲ އިސްމާއިލް ވަނީ 21-07، 21-06 އިން އިންޑިއާގެ ސަބްރީޝްވަރަން ހަރީބާސްކަރަން އަތުން ބަލިވެފަ އެވެ.
މުބާރާތުގައި މިއަދު ފިރިހެން ސިންގަލްސް މެއިން ޑްރޯގެ ފުރަތަމަ ބުރުގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިއަދު ހެނދުނު ފެށި މުބާރާތް ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަރިހުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވުޒާރާތަކުގެ އިސްވެރިންނާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮވިޑް 19 ގެ ސަބަބުން އައި ހުއްޓުމަށް ފަހު އަލުން ރާއްޖޭގެ އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތް މި ފަހަރު ބާއްވާއިރު، 27 ގައުމަކުން 207 ކުޅުންތެރިން ވާދަކުރެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފަސް ބައްރުގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ހިމެނެ އެވެ.
Comment