Advertisement

ހުވަފެނީ މަންޒިލުގައި ފަސް ތަރީގެ މުބާރާތެއް!

19 އޮކްޓޯބަރު 2022 - 07:54 0

ސަން އައިލެންޑް ރިސޯޓް

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)، އެފްއައިވީބީ ބީޗް ޓުއާ މުބާރާތުގެ މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުވަފެނީ މަންޒިލުގައި ފަސް ތަރީގެ މުބާރާތެއް!

19 އޮކްޓޯބަރު 2022 - 07:54 0

ސަން އައިލެންޑް ރިސޯޓް

ދުނިޔޭގެ ގިނަ ގައުމުތަކެއް ޝާމިލުވާ ބޮޑު ފެޑެރޭޝަނެއްގެ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބެނީ މަދު ފަހަރެއްގަ އެވެ. ގިނަ ފަހަރަށް ރާއްޖެ އަށް ފުރުސަތު ނުލިބޭ މައިގަނޑު ސަބަބަކަށްވެފައި އޮންނަނީ ކުޅިވަރުގެ ރަނގަޅު ވަސީލަތްތަކެއް ގާއިމްވެފައި ނެތުމެވެ. ލިބިފައި ހުރި މަދު ވަސީލަތްތަކާ އެކު ނަމަވެސް ދެކުނު އޭޝިއާގެ ސަރަހައްދީ މުބާރާތްތައް ފަހަކަށް އައިސް ގިނަ އަދަދަކަށް ރާއްޖޭގައި ބާއްވަމުން ފުރުސަތު ލިބެ އެވެ.

ދާދިފަހުން ސަން އައިލެންޑު ރިސޯޓުގައި ބޭއްވި ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން (އެފްއައިވީބީ) ބީޗް ޕްރޯ ޓުއާގެ މޯލްޑިވްސް ޗެލެންޖަކީ ގިނަ ގޮތްގޮތުން ފާހަގަކޮށްލަން ޖެހޭ މުބާރާތެކެވެ. އެ މުބާރާތަކީ ބީޗްވޮލީބޯޅައިގެ އެންމެ މަތީ ފަންތީގެ މުބާރާތެވެ. އެހެންކަމުން، އެ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބާއްވާއިރު، ގިނަ ގޮތްގޮތަކުން އެކަމަށް ތައްޔާރުވެ، މީގެ ކުރިން އެހެން ގައުމުތަކުގައި ބާއްވަމުން އައި މުބާރާތްތަކާއި އެއް ފެންވަރެއްގައި ބޭއްވުމަކީ މި ކުޑަކުޑަ ރާއްޖެ އަށް އޮންނާނެ ޗެލެންޖެކެވެ.

އެފްއައިވީބީ ބީޗް ޕްރޯ ޓުއާގައި ބޭނުންކުރާ ބޯޅަ އާއި މުބާރާތުގައި ދޭ މެޑަލްތައް.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މި ޗެލެންޖު ރާއްޖެއިން ފުރިހަމަ ކޮށްފައިވަނީ ތައުރީފު ހައްގު މިންވަރަށެވެ. އެކަން އެނގެނީ މުބާރާތަށް އައި އެފްއައިވީބީގެ ރެފްރީންނާއި، އޮފިޝަލުންނާއި ކުޅުންތެރިން ހިއްސާކުރި ވާހަކަތަކުންނެވެ.

އެފްއައިވީބީގެ މިވަރުގެ ބޮޑު ބީޗްވޮލީބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވަން ބަލާއިރު ފައިދާ ނެގޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު އެއްް މަންޒިލެވެ. އެހެންކަމުން، މި ގައުމުގައި ބާއްވާ މުބާރާތަކަށް ކުޅުންތެރިން އާއިލާއާ އެކު ވިޔަސް ނާންނަންވީ ސަބަބެއް ނެތެވެ. އަނެއްކޮޅުން، ރާއްޖޭގެ ގުދުރަތީ ތުނޑިތަކާއި ބީޗަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ބީޗްވޮލީބޯޅަ އަށް އެކަށޭނަ "ފައްކާ" ކޯޓުތަކެކެވެ. ހުދު ދޮންވެލިގަނޑާއި ގުޅިފައިވާ ނޫ ކުލަބަރީގެ ވިލުތަކަކީ ވެސް ކޯޓުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަންކަމެވެ.

"އަހަރެން އަބަދުވެސް އަންނަން ބޭނުންވެފައި ހުރީ ރާއްޖެ އަށް، މި ބީޗްތަކާއި، ރީތި މޫދުގެ ވާހަކަ އެންމެންވެސް ދައްކާ، އެކުވެރިންވެސް ވަރަށް ކިޔާ މި ވާހަކަ. ފޮޓޯއިން ވެސް ފެނޭ. ވީޑީއޯއިން ވެސް ދެކެން. އަހަރެން އެންމެ ލޯބިވާ ކުޅިވަރު ކުޅެލަން މިއައީ އެންމެ އަންނަން ބޭނުންވި ގައުމަށް. ބުނެދޭން ވެސް ނޭނގޭ ވަރުގެ އުފާވެރި އިހުސާސެއް ކުރެވެނީ" މުބާރާތުގެ އަންހެން ބައިގެ ހަތަރު ވަނަ ހޯދި އެމެރިކާ ޕެއާ ގައި ހިމެނޭ މޭގާން ކްރާފްޓް ބުންޏެވެ.

އަންހެން ކެޓަގަރީގައި މެޑަލް ހޯދި ޕެއާތައް: މުބާރާތުގައި ވާދަކުރަން ރާއްޖެ އައުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބުނެފައިވޭ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ރާއްޖެ އަކީ އަހަރެންގެ ޑްރީމް ޑެސްޓިނޭޝަން. އަބަދު ވެސް މި ގައުމަށް އަންނަން ބޭނުންވޭ. މި ފަހަރު ކުޅެން މިއައީ. އަހަރެން އެނބުރި އަންނާނަން އާއިލާއާ އެކު. މި އެއް ހަފްތާ މިއުޅެވުނީ ހަމަ ހުވަފެނެއްގައޭ ބުނެވޭނީ." މުބާރާތުގައި ވާދަކުރި ޗެކްރިޕަބްލިކް ޓީމްގެ މެންބަރެއް ކަމަށްވާ ސާރާ ސްޓޮޗްލޯވާ ބުންޏެވެ.

މުބާރާތުގެ ވާހަކަ ދެއްކި ކޮންމެ މީހަކަށް ވެސް ދެއްކުނީ ދާދި އެއް ކަހަލަ ވާހަކަތަކެކެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކަ އެވެ. ރާއްޖެ އަށް އެނބުރި ޗުއްޓީއަށް އަންނާނެކަމުގެ ޔަގީންކަން ދީ ހިއްސާކުރާ ވާހަކަތަކެވެ. ބީޗުތަކާއި މޫދުތަކުގެ ރީތި ކަންކަމުގެ ވާހަކަ އެވެ. އެންމެން ވެސް ފާހަގަކުރީ މިއީ އެންމެ ތަފާތު އިހުސާސްތަކެއް ކުރެވުނު ފުރިހަމަ މުބާރާތުގެ ގޮތުގަ އެވެ.

މުބާރާތާއި ގުޅޭގޮތުން އެހެން ބައެއް ގައުމުތަކުގެ ކުޅުންތެރިން ފާހަގަކުރި ވަރަށް މުހިންމު ކަމެއް ވެސް އެބައޮތެވެ. އެއީ މެޗުތައް ކުޅުނު ސަން އައިލެންޑުގެ ވާހަކަ އެވެ. ކެއުމުގެ ކަންކަމާއި، ދަތުރުކުރުމާއި، ތިބުމުގެ އިންތިޒާމްތަކުގެ ވާހަކަ އެވެ. އަނެއްކޮޅުން، ހެނދުނު މެޗު ކުޅެފައި މެންދުރު ފަހު ނޫނީ ހަވީރު ކުޅެން އޮންނަ މެޗަށް ތައްޔާރުވާން ލިބޭ ވަގުތުގައި އަމިއްލަ ކޮޓަރިއަށް އެނބުރިގޮސް ރަނގަޅަށް އަރާމުކުރަން ފުރުސަތު ލިބޭ ވާހަކަ އެވެ.

"ބައެއް މުބާރާތްތަކުގައި އަހަރުމެން މެޗު ކުޅޭ ވެނިއުގައި ތިބެން ޖެހެނީ އެއް މެޗު ނިންމާފައި. ބޭނުންވާ ގޮތަށް ރެސްޓު ނުކުރެވޭ. އެކަމަކު، މި މުބާރާތުގައި އަހަރުމެން މެޗު ނިންމާފައި ރޫމަށް ގޮސް ފެންވަރައިން ނިދާފައި ރަނގަޅަށް ރެސްޓު ކޮށްލާފައި މި އަންނަނީ. ހުރިހާ ގޮތަކުންވެސް މި މުބާރާތް ފުރިހަމަ" ފިރިހެން ބައިގައި ވާދަކުރި ބްރެޒިލް މަޝްހޫރު އިވާންދްރޯ ބުންޏެވެ.

ރާއްޖެ އާއި ބްރެޒިލް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"ޖަޕާނުގެ އެއް ކުޅުންތެރިއެއް ފިޔަވައި އެންމެން މިއައީ އަލަށް. ހުރިހާ އެންމެންވެސް އަބަދުވެސް ދައްކަން ރާއްޖޭގެ ވާހަކަ. ކެއުންވެސް، ރޫމްވެސް ހަމަ އެއްވަނަ. އަހަރެން ހަޔާތުގައިވެސް ނުކުޅެން މިވަރުގެ ސަޅި މުބާރާތެއް" ޖަޕާންގެ ޔޫރީކާ ބުންޏެވެ.

މުބާރާތުގެ މެޗުތަކަށް އިންސާފުކުރި ރެފްރީންނަކީ ވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބީޗު ރެފްރީންނެވެ. ބައެއް ރެފްރީންނަކީ އޮލިމްޕިކްސްގައި ވެސް ރެފްރީކަން ކޮށްފައި ތިބި، އޭގެ އިތުރުން ވެސް އެތައް މުބާރާތްތަކެއްގައި ވެސް އިންސާފު ކޮށްފައިވާ ރެފްރީންނެވެ.

"އަހަންނަށް ކެރިއަރުގައި އެތަށް މުބާރާތެއް ކުރެވިއްޖެ. ވަރަށް ގިނަ ގައުމުތަކަށް ދެވިއްޖެ. ފެންވަރު ރަނގަޅު މުބާރާތްތަކުގައި އުޅެވިއްޖެ. ރާއްޖޭގެ މުބާރާތް އަބަދު ވެސް ހަނދާން ހުންނާނެ. ކޮންމެ ދުވަހަކީވެސް ހަމަ ހުވަފެނެއް ފަދަ" މުބާރާތުގައި ރެފްރީކަންކުރި އެންމެ ސީނިއާ އެއް ރެފްރީކަމަށްވާ ޖަޕާންގެ ސަޓޯމޯ މަރީކޯ ބުންޏެވެ.

މުބާރާތުގެ މެޗުތައް ލައިވްކުރަން އައި ކްރޫގެ މެންބަރުންނާއި އެހެނިހެން ކަންކަން ގާތުން ސުޕަވައިޒް ކުރަން އައިސްތިބި ހުރިހާ އޮފިޝަލުން ވެސް އިންތިޒާމްތައް ރަނގަޅުކަން ފާހަގަކުރި އެވެ.

އެ ގޮތުން ކޯޓުތައް ބަލަހައްޓަން ތިބި ދިވެހި އޮފިޝަލުންގެ ހުނަރުވެރި ކަމާއި، މިކަމުގެ ގާބިލްކަންހުރި މިންވަރު ފާހަގަކުރި އެވެ. އެއްވެސް މެޗެއްގައި މައްސަލައެއް ދިމާނުވެ، ހުރިހާ މެޗެއްވެސް ބޭނުންވި ގަޑިއަށް ފަށައި ފުރިހަމަކަމާ އެކު ނިންމާލެވުމަކީ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އެފްއައިވީބީގެ އޮފިޝަލުން ފާހަގަކުރި އެވެ.

ހުރިހާ ކަމަކަށް ބަލާއިރު ވެސް ފެނުނީ އިންތިޒާމްތަކުގެ ރޭވުންތެރިކަމެވެ. ހިންގުންތެރިކަމާއި، ދިވެހިންނަށް ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެކަމުގެ އިތުބާރާއި ޔަގީންކަމެވެ. މުބާރާތާއި ގުޅުން ހުރި ކޮންމެ މީހަކުވެސް ސަން އައިލެންޑުން ފޭބީ މުބާރާތަށް ފަސް ތަރި ދީފަ އެވެ. އަނެއްކާ ވެސް އަންނަ އަހަރު މި މުބާރާތް ރާއްޖޭގައި ބާއްވާނެކަމުގެ އުއްމީދުގަ އެވެ.