Advertisement

އިޖުރާއީ އޮޅުންބޮޅުމާއި އިހުމާލު؛ ހިމާޔަތަށް އެދެން ފަސްޖެހިފައި!

6 ޑިސެންބަރު 2022 - 08:45 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަންހެނަކު ކުޑަކުދިންތަކަކާ އެކު: ގެވެށި އަނިޔާގެ މައްސަލަތަކުގައި ގާނޫނީ ރައްކާތެރިކަން ކަށަވަރު ނުވުމުގެ ޝަކުވާ އެބަ އޮތް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


އިޖުރާއީ އޮޅުންބޮޅުމާއި އިހުމާލު؛ ހިމާޔަތަށް އެދެން ފަސްޖެހިފައި!

6 ޑިސެންބަރު 2022 - 08:45 0

އޭނާ ހުރީ ފިރިމީހާގެ އަނިޔާ އާއި ވޭނުގެ ހާލިން ސަލާމަތްވާނެ ގޮތެއް ނުފެނި ފިތި, ތާށިވެފަ އެވެ. ކިރިޔާ ރުޅި އަޔަސް, ކުރިމަތިލާން ޖެހޭ ހަމަލާތަކާއި ޖާސޫސްކުރުމާއި ފާރަލުންތަކާއި ޝައްކުތަކުން ބަލިވެ, ބިކަވެފަ އެވެ. ބިރުގަނެ, ލަދުގަނެފަ އެވެ. އެ ހާލުގައި ދުރުން ފެންނަން ހުރި 'ގާނޫނީ ރައްކަލުގެ ދޮރާ' ދިމާއަށް މިސްރާބު ޖެހުމުން ވެސް އިތުރަށް ކުރިމަތިލާންޖެހުނީ މާޔޫސްކަމާ އެވެ. ޝަރުއީ ކޯޓުން ހުޅުވާފައި ހުރި ދޮރުން ވަދެ, އިންސާފު ހޯދަން އެނބުރެން މަޖުރޫވީ އިޖުރާއީ ބޮޑު އޮޅުންބޮޅުންގަނޑެއްގަ އެެވެ.

މުޖުތަމައު ކިތަންމެ ކުޑަޔަސް ގެވެށި އަނިޔާގެ މައްސަލަތަކުގައި ޝިކާރައަކަށްވެފައިވާ އަންހެނުން އެހާމެ ގިނައިރު މިކަމުގައި ހަރުދަނާ ގާނޫނީ ނިޒާމްތަކާއި އުސޫލުތައް ކަނޑައެޅިފައި އޮތުމަކީ ރަނގަޅެކެވެ. އެގޮތުން, ރައްކާތެރިކަމުގެ އަމުރާއި ރައްކާތެރިކަމުގެ އަވަސް އަމުރު ފަދަ އަމުރުތައް ނެރެ, އަނިޔާގައިވާ މީހާ ވަގުތުން ސަލާމަތް ކުރުމުގެ ބާރު ކޯޓުތަކަށް އެބަ އޮތެވެ.

މި އަމުރަކީ، ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެ އަމަލުގެ ޝިކާރައަކަށްވާ މީހާ، އެފަދަ އަމަލެއް ތަކުރާރުވުމުން ރައްކާތެރިކުރުމުގެ ނިޔަތުގައި، އެ އަމަލު ހިންގާ މީހާއަށް ވަކި ކަންތައްތަކެއް ކުރުމަށް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އަންގައި، ކޯޓުން ކުރާ ގާނޫނީ އަމުރެކެވެ. ގާނޫނުގައިވާ ގޮތުން، ގެވެށި އަނިޔާގެ އަމަލެއް ހިނގާފާނެކަމުގެ ބިރު އުފެދިފައިވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭހިނދު، އެފަދަ އަމަލެއް ހިނގިޔަނުދިނުމަށް، ނުވަތަ އެފަދަ އަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެ އެވެ.

ރައްކާތެރިކުރުމުގެ އަމުރެއްގެ އެންމެ އަސާސީ އެއް މަގުސަދަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެކަމަށް ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި ނަފްސާނީ ރައްކާތެރިކަމާއި ސިއްހަތުގެ ދުޅަހެޔޮކަމާއި އޭނާގެ ހައްގުތަކުގެ ރައްކާތެރިކަން ދަމަހައްޓައިދިނުމެވެ.

އެކަމަކު, މިފަދަ މައްސަލަތަކުގައި އިންސާފާއި ހިމާޔަތުގެ ހުރަހަކަށް ވަނީ ނޭނގުމާއި ފަރުވާކުޑަކަމާއި އިހުމާލެވެ. ހައިކޯޓުން ކޮށްފައިވާ މި ހުކުމުން އެކަން އެބަ ހާމަވެ އެވެ; ފިރިމީހާގެ އަނިޔާގައި ތާށިވެފައި ހުރި އެ އަންހެންމީހާ ރައްކާތެރިކަމުގެ އަވަސް އަމުރަކަށް އެދުނީ ފެމެލީ ކޯޓުގަ އެވެ. ވޭނުގެ އެ ހާލިން ސަލާމަތާއި ރައްކާތެރިކަން ގާނޫނީ މަގުން ވަގުތުން ކަށަވަރު ކުރުމަށެވެ.

އަމުރު ހޯދުމަށް އަންހެންމީހާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅީ އޭނާއަށް ލިބިފައިވާ އަނިޔާގެ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތަކެވެ. އެ ހެކިތަކަށް ވެސް ބެލުމަށްފަހު ފެމެލީ ކޯޓުން ނިންމީ, ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެންޖެހޭ ހާލަތެއް އޮތް ކަމަށެވެ. އަންހެންމީހާ ދެއްކި ވާހަކަތަކުން އެމީހާ ހުރީ ވަގުތުން ރައްކާތެރިކަން ދޭންޖެހޭ ހާލަތުގައިކަން އެ ކޯޓަށް ގަބޫލު ކުރެވެމުން ނެރުނު އަމުރު, ފިރިމީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

ހައިކޯޓުގައި މިހިނގި އިސްތިއުނާފީ މައްސަލާގައި ހާމަވީ, ވަރަށް ފަސޭހައިން، މަދަނީ މައްސަލައެއް ސާބިތުކުރާ މިންގަނޑަށް ވާސިލުނުވެ ވެސް ނެރެވެން އޮތް މި އަމުރާ މެދު ފެމެލީ ކޯޓުން ކަންތައް ކޮށްފައި އޮތީ ގޯހުން ކަމެވެ. އިޖުރާއަތުތައް އޮޅުވާލައި, އޮޅުންބޮޅުންގަނޑެއްގެ ތެރޭން އަމުރު ނެރުމުން އަންހެންމީހާ އިތުރަށްވީ މާޔޫހެވެ.

ނާޒުކު ފައްތަރެއްގައި ހުރި އަންހެނަކާ ގުޅޭ ގޮތުން ފެމެލީ ކޯޓުން ރައްކާތެރިކަމުގެ އަވަސް އަމުރެއް ނެރެން ޖެހޭ ހާލަތެއް އޮތް ކަމަށް ބަލައި, އެ އަމުރު ނެރެފައި އޮތީ ރައްކާތެރިކަމުގެ އަމުރު ނެރުމުގެ އިޖުރާއަތު ހިންގައިގެންނެވެ. ގާނޫނުގައި މި ދެ އަމުރަކީ މުޅީން ވަކިކޮށް, އިޖުރާއަތު ވެސް ވަކިން މާއްދާތަކުގައި ލިޔެ, ބަޔާންކޮށްފައި އޮތް ކަމެކެވެ. ތަފާތު, ދެ އިޖުރާއަތެއްގެ މަތިން އަމުރު ނެރެން ގާނޫނުގައި ވަނީ މުހިންމު މަގުސަދެއްގައި އެނގެން އޮތްއިރު, އެކަން ފެމެލީ ކޯޓުގެ ގާޒީއަށް ސާފުނުވެ އޮތީ އެވެ.

"ފެމެލީ ކޯޓުން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައިވަނީ، ދެފަރާތުގެ ކިބައިން އަޑުއެހުމަށްފަހު ކަމަށްވާތީ، މިމައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަމާއި ހިންގަމުން ގެންދާ ކަމަށް ބަޔާންކުރި އަމަލުތަކުގެ ހަރުކަށިކަމާއި ނުރައްކާތެރި ކަމާއި އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށް އުނިކަން ލިބޭނެ ނިސްބަތުގެ ބޮޑުކަމުގެ މައްޗަށް ސަމާލުކަން ދެވިފައިވާ ތަނެއް ނުފެނޭ. ނަތީޖާއަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ނެގެހެއްޓިފައި ނެތުން،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.

އެހެންވެ, އަންހެންމީހާ ރައްކާތެރިކުރަން ނެރުނު އަވަސް އަމުރު ނަގަހައްޓާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ހައިކޯޓުން ނިންމީ ގާނޫނާ ހިލާފުނުވާށެވެ. އެކަމަކު, ހައިކޯޓަށް ވެސް ޔަގީންވީ ކަމަކީ އަންހެންމީހާ ހުރި ހާލަތުން މިއީ އަމުރު ބާތިލްކޮށްލައި, ދޫކޮށްލެވެން އޮތް މައްސަލައެއް ނޫން ކަމެވެ. ގެވެށި އަނިޔާގެ އަމަލެއް ނުހިނގާ ކަމަށް ބެލެވޭ ވަރަށްވުރެ އެފަދަ އަމަލެއް ހިނގާ ކަމަށް ބެލެވެން އޮތުމުން, ހައިކޯޓުން ފެމެލީ ކޯޓަށް އެންގީ މައްސަލަ އަލުން ބެލުމަށެވެ.

އަންހެންމީހާ އެނބުރި 'ސްކުއާ ވަން' އަށެވެ; ރައްކާތެރިކަމުގެ އަމުރެއް, ގާނޫނީ އައްޑަނެއް ނުލިބި, އެކި ކޯޓުތަކުގެ އިޖުރާއަތާއި ގާނޫނީ މާނަކުރުންތަކުގެ ތެރޭގައި ފިތި ގޮތް ހުސްވަނީ އެވެ.

އަވަސް އަމުރު ނެރުމުގެ ކުރިން ރިއާޔަތްކުރަންޖެހޭ ކަންކަން


(ހ) ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ބޮޑުކަމާއި އެކަމުގައި ހިމެނިގެންވާ ނުކުތާތަކުގެ ނުރައްކާތެރިކަންކަން. (ށ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވި ފަރާތުން ހިންގަމުންގެންދާ އަމަލުތަކުގެ ހަރުކަށިކަން ނުވަތަ ނުރައްކާތެރިކަން. (ނ) ރައްކާތެރިކުރުމުގެ އަމުރު ނިސްބަތްވާ ފަރާތުން ހިންގަމުންގެންދާ އަމަލުތަކުގެ ސަބަބުން، އެ އަމުރަށް އެދުނު ފަރާތުގެ މަސްލަހަތަށް އުނިކަން އަންނަ ނިސްބަތުގެ ބޮޑުކަން.

އަނިޔާ ލިބޭ މީހާއަށް އިތުރު ތަކްލީފެއް

ކަށިން ހިތްވަރު ނެރެގެން ޝަރުއީ ކޯޓަކާ ހަމައަށް ދިޔުމުން ވެސް މިފަދަ ކަންކަމާ ކުރިމަތިލާން ޖެހުމަކީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ފާހަގަ ކުރައްވާ ގޮތުގައި އަނިޔާގައި އުޅޭ މީހުން ފަހަތަށް އިތުރު ފިޔަވަޅެއް އަޅަން މަޖުބޫރު ކުރުވާ ކަމެކެވެ. ގާނޫނީ ހޭލުންތެރިކަން ފަތުރަން އަމިއްލަ ޖަމިއްުޔާއެއް ވެސް ހިންގަވާ ޝުނާނާ ވިދާޅުވި ގޮތުގައި, ހާއްސަކޮށް ރަށްރަށުގައި މިފަދަ މައްސަލަތަކުގައި ގާނޫނީ ރައްކާތެރިކަމެއް އިދާރާތަކުން ލިބިދާނެ ކަމާމެދު އާންމުން އިތުބާރެއް ނެތެވެ.

"ޖެހިލުންވޭ ޕްރޮޓެކްޝަން އޯޑާއަށް އެދެން, އެކަމަށް އެދެފިނަމަ އޭގެ އަނެއް ދުވަހު މާބޮޑަށް އަނިޔާ ކުރާނެ ކަމަށް, އިދާރާތަކުން އެ ޕްރޮޓެކްޝަން ލިބޭނެ ކަމަށް އިތުބާރެއް ނޯވޭ, އަމުރު ނެރުނަސް އެ ތަންފީޒު ކުރެވިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވޭ," ރަށްރަށުގައި ހިންގާ ގާނޫނީ ކްލިނިކްތަކުން ލިބުނު ފީޑްބެކްތައް ޝުނާނާ ހިއްސާކުރެއްވި އެވެ.

ޝުނާނާ ދެން ވެސް ހިއްސާކުރެއްވީ ތަޖުރިބާއެކެވެ; ކުރީގެ އަންހެނުންގެ ފަރާތުން ލިބެމުންދިޔަ ފުރައްސާރަ އާއި އަނިޔާތަކުން ސަލާމަތްވާން ރައްކާތެރިކަމުގެ އަމުރަކަށް އެދުނު ފިރިހެނަކަށް ކުރިމަތިވި ހާލަތެވެ. އެ އަމުރު, ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނެރުނަސް ތަންފީޒު ކުރަން ގޮތެއް ނެތެވެ. އަނިޔާ އާއި ފުރައްސާރަތަކުން އެ ގާނޫނީ އައްޑަނެއް އޭނާއަށް ލިބޭ ގޮތެއް ނުވި ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ވެސް ފާހަގަ ކުރައްވަނީ މިއީ, ހައްލު ލިބުން ލަސްވެފައި އޮތް، ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ މައްސަލަތަކުގައި ކޯޓުތަކުން އިތުރަށް ގާނޫނަށް ހޭލުންތެރިވާން ޖެހެ އެވެ. ގާނޫނީ ނިޒާމްގެ ތެރެއިން މިހާރު ވެސް ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައިވާއިރު, ޝިކާރައަކަށް ވެފައިވާ މީހާއަށް އެ ފަރުވާ ފޯރުކޮށްދިނުމަށް ކޯޓުތަކުން އިސްކަން ދޭން ޖެހޭނެ އެވެ.

ޖީހާން ވިދާޅުވާ ގޮތުގައި, ގެވެށި އަނިޔާގެ ގާނޫނުގެ އޮތީ އެންމެ މަގުސަދެއް ކަމާއި, އެއީ, އަނިޔާ ލިބޭ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމެވެ; އެ ނޫން މާނައެއް, އެ ނޫން މަގުސަދެއް ކޯޓުތަކުން ތަރުޖަމާކޮށްގެން ނުވާނެ ކަމަށް މެންބަރު ފާހަގަކުރައްވަ އެވެ. އަދި, ޒާތީ, އާއިލީ މައްސަލައެއް ކަމަށް ބަލައި, ސީރިއަސް ކަމެއް ނެތި މައްސަލަ ހިންދާލުމުގެ ވިސްނުން ބަދަލުކޮށް އެފަދަ މައްސަލައެއް ކޯޓަށް އައިސްފި ނަމަ ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ޖީހާން ފާހަގަކުރައްވަ އެވެ.

ޖީހާން ފާހަގަކުރެއްވި ގޮތުގައި މިހާރު ވެސް ގާނޫނީ ހަރުދަނާ ނިޒާމެއް އޮތް ނަމަވެސް, ބަދަލު ކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. އެގޮތުން އިސްލާހު ކުރަން ޖެހޭ ކަންކަމާއި އިތުރަށް މާނަކޮށް ތަފްސީލް ކުރަން ޖެހޭ ކަންކަން ކުރުމަށް އެޖެންޑާގައި އެބަ އޮތް ކަމަށް މަޖިލީހުގެ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ, ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ވިދާޅުވި އެވެ.

ގާނޫނަށް ބަދަލު ގެނައުމަށް ޖެންޑާ މިނިސްޓްރީގެ ތާއިދާއި މަސައްކަތް ވެސް އެބަ އޮތެވެ; ޖެންޑާ މިނިސްޓަރު އައިޝާ ދީދީ ވެސް ފާހަގަކުރައްވާ ގޮތުގައި ކޯޓުތަކުގެ އިޖުރާއަތުތަކާއި ނިޒާމު މިހާރަށްވުރެ ފަސޭހަވާން ޖެހެ އެވެ. އެގޮތުން, ރައްކާތެރިކަމުގެ އަމުރަކަށް އެދި ހުށަހަޅާ ފޯމު ފުރުމާއި އެ ފޯމު ހުށަހެޅުމުގައި އޮންނަ އިންތިޒާމުތައް ވެސް އާންމުންނާ ރަހުމަތްތެރި ފަސޭހަ އިންތިޒާމުތަކަކަށް ހެދުން މުހިންމެވެ.

"ބައެއް ހާލަތުތަކުގައި އަނިޔާ ލިބޭ ފަރާތުން ރައްކާތެރިކަމުގެ އަމުރަކަށް އެދެން ފަސްޖެހުން ނުވަތަ އެދޭނެ ގޮތެއް ނެތުމުން އެހެން ފަރާތަކުން އަނިޔާ ލިބުނު ފަރާތައް ރައްކާތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާއިރު، ރައްކާތެރިކަމުގެ އަމުރު ހޯދުމަށް ކަމާގުޅޭ އިދާރާތަކުން އަދި އެހެނިހެން އަމިއްލަ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިގަނެ އަވަސްގޮތެއްގައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތް ހަމަޖައްސައިދިނުން މުހިންމު," މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓްރީއާ ހަމައަށް އަންނަ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބަލައި, އިތުރު ކަމެއް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ; އަނިޔާގެ ޝިކާރައަކަށްވާ މީހާ އިތުރަށް ވިކްޓިމައިޒްވާ ބީދައަކުން ތަންފީޒީ އިދާރާތަކުން ޝަރުއީ މަރުހަލާއަށް ފޯރުކޮށްދޭ މައުލޫމާތުތައް ވެރިފައި ކުރުމުގައި އަމަލުތައް ބަހައްޓާ ކަމެވެ. އެހެންވެ, އެ އިޖުރާއަތުތައް އެ މަގަށް ދޮރު ނުހުޅުވޭ ގޮތަށް ބައްޓަން ކުރުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.

"މިފަދަ މައްސަލަތައް ތަހުގީގީ މަރުހަލާ އާއި ޝަރީއަތް ކުރުމުގެ މަރުހަލާއަށް ގެންދިޔުމުގައި އަވަސް ކުރުން މުހިންމު, މި މަރުހަލާތައް ދިގުދެމިގެންދިޔުމުން އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް އިތުރަށް ނާޒުކު ހާލެއްގައި ހުރުމުގެ ފުރުސަތު ބޮޑު," މިނިސްޓަރު ވިދާޅުވި އެވެ.

ފުރައްސާރަ އާއި ކުށްތަކަށް ފަނޑިޔާރުން ހޭލުންތެރިވާންޖެހޭ

ފެމެލީ ކޯޓަށް, މުހިންމު އިޖުރާއަތެއް އޮޅިފައިވުމުން އެނގެން އޮތް އެންމެ މުހިންމު ކަމަކީ މިއީ ކޮންމެހެން ގާޒީން އަހުލުވެރިވާން ޖެހޭނެ ކަންކަން ކަމެވެ. މިއީ މުހިންމު ކަމެއް ކަމަށް ދެކި, ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ ތަނުން ބުނެ އެވެ. އެގޮތުން, ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅިގެން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުން ގާނޫނުތަކަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ޖުޑީޝަލް އެކަޑަމީން ހިންގާ ކަމަށް މައުލޫމާތު ދިނެވެ.

އެގޮތުން, ޑީޖޭއޭއިން މި ރިޕޯޓަށް ހިއްސާކުރި މައުލޫމާތަށް ބަލާއިރު, ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި ޖިންސީ ކުށުގެ ގާނޫނަށް ފަނޑިޔާރުން އަހުލުވެރިކުރުވުމުގެ ތަމްރީން ޕްރޮގްރާމްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިޔުމަށްޓަކައި ކަމާ ގުޅޭ ދާއިރާތަކުގެ މަޝްވަރާއާ އެކު ޓްރެއިނިން މެނުއަލްއެއް އެކުލަވާލައި, ޓްރޭނިން އޮފް ޓްރޭނާސް ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ އެވެ. މި ޕްރޮގްރާމްގައި ޑީޖޭއޭގެ އިތުރުން ޖެންޑާ މިނިސްޓްރީ އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޭފުޅުން ތަމްރީނުކުރި އެވެ.

ފަނޑިޔާރުންނަށް ހާއްސަކޮށްގެން މިދިޔަ އަހަރު އޭގެ ދަށުން ފުރަތަމަ ޕްރޮގްރާމް ބޭއްވި އެވެ. އެއީ ސަރުކާރުގެ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރެއިން އަންހެނުންނަށް އިންސާފު ލިބޭ މިންވަރު އިތުރު ކުރުމަށް އެކި މުއައްސަސާތަކާ އެކު ބޭއްވޭ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތާއި ލީގަލް އެންޕަވާމަންޓް އިތުރުކުރުމުގެ މަގުސަދު ހާސިލް ވެގެންދާނެ ޕްރޮގްރާމެއް ކަމަށް ޑީޖޭއޭއިން ދެކެ އެވެ.

މީގެއިތުރުން ގެވެށި އަނިޔާ ހުއްޓުވުމާއި ޖިންސީ ކުށްތަކާ ގުޅޭ ގޮތުން ބޭރުގެ ކޮންސަލްޓަންޓަކާ އެކު ކުރު މޮޑިއުލްއެއް ޑިވެލޮޕްކޮށް ފަނޑިޔާރުންނަށް އަމާޒުކޮށްގެން ޓްރެއިނިން އޮފް ޓްރެއިނާސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަލަށް ފަނޑިޔާރުންނާނަށްވާ ބޭފުޅުންނަށް އަމާޒުކޮށް އިންޑަކްޝަން ޕްރޮގްރާމްގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ޖިންސީ ކުށުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ހިމަނާފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

ފަނޑިޔާރުން ތަމްރީނުކޮށް ގާނޫނަށް އަހުލުވެރިކުރުމުގެ މަސައްކަތް ކުރަމުންދާކަން ސާބިތުކޮށް ދޭން ޑީޖޭއޭއިން މި ނޫހަށް ދެއްކި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރު ތެރޭ ހަތް ތަމްރީނު ޕްރޮގްރާމެއްގައި ފަނޑިޔާރުންނާއި މުވައްޒަފުން އަދި އެހެން މުއައްސަސާތަކުގެ މީހުން ހިމެނޭ ގޮތަށް 115 މީހުން ވަނީ ތަމްރީނުކޮށްފަ އެވެ. ކުރިއަށް ދެ ޕްރޮގްރާމެއް ހިނގަން ރޭވި ތައްޔާރުވެފައި އެބައޮތެވެ.

އަދުލުއިންސާފަށް ވާސިލުވުމުގައި އޮތް އެންމެ ބޮޑު ހުރަހަކީ ނޭނގުމެވެ. މައްސަލަ ހުށަހަޅާ މީހުންނާއި ފަނޑިޔާރުންގެ ވެސް މައުލޫމާތާއި ގާނޫނަށް އަހުލުވެރިވުން ކުޑަކަން އެއޮތީ ފެންނާށެވެ. ޑީޖއޭއާއި ދައުލަތުގެ އެހެން މުއައްސަސާތަކުން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުން ހާސިލު ކުރަންވީ ނަތީޖާއަކީ ކުޑަމިނުން ރައްކާތެރިކަމުގެ އަމުރާމެދު ގޮތް ނިންމާ މީހުން ކަމާ ގުޅުންހުރި ގާނޫނުތަކަށް އަހުލުވެރި ކުރުވުމެވެ.