Advertisement

މަހިބަދޫން ގައުމީ ޓީމަށް: އިޝްފާގުގެ ހުނަރާ މެދު ސުވާލެއް ނެތް

21 އޮކްޓޯބަރު 2022 - 07:41 2

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޒުވާން ގައުމީ ޓީމުގެ މިޑްފީލްޑަރު އިޝްފާގު: އޭނާ އަންނަނީ ސީނިއާ ގައުމީ ޓީމާ އެކު ފަރިތަކުރަމުން.-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު


މަހިބަދޫން ގައުމީ ޓީމަށް: އިޝްފާގުގެ ހުނަރާ މެދު ސުވާލެއް ނެތް

21 އޮކްޓޯބަރު 2022 - 07:41 2

މީގެ ހަތް އަހަރު ކުރިން، މަހިބަދޫ ސްޕޯޓްސް ކްލަބް ދިޔައީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ. އެ ކްލަބްގެ އިސް މަސްއޫލުވެރިންގެ ގޮތުގައި ތިބި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިން ކަމަށްވާ، މަހިބަދޫ އަށް އުފަން، އިމްރާން މުހައްމަދު އާއި އަހުމަދު ތޯރިގު (ޓޮމް)، އޭރު ނިންމީ އަމިއްލަ ރަށުގައި ގައުމީ ފެންވަރުގެ ފުޓްބޯޅަ "މަރުނުވެ" ދެމިއޮންނަން ފިޔަވަޅުތަކެއް އަޅާށެވެ. އެ ވިސްނުންތަކުގެ ތެރެއިން ވުޖޫދުވީ މަހިބަދޫ ސްޕޯޓްސް ކްލަބްގެ އެކެޑަމީ އެވެ.

އެ އެކަމީގެ މަސައްކަތުން ގައުމީ އެކި އުމުރުފުރާ ޓީމުތަކަށް ހުނަރުހުރި މޮޅެތި ކުޅުންތެރިން ގެނެސްދިނުމަކީ އަސްލު މަގުސަދު ކަމަށް ދަނެގެން، ފުރަަތަމަ ދުވަހުން ފެށިގެން އިސްނަގައި ގިނަ ކަންކަން ކުރި އެވެ.

އޭގެ ނަތީޖާ މިހާރު ފެންނަން ފަށައިފި އެވެ.

ރަށެއްގެ އެެކެޑަމީން ފަށައިގެން ގައުމީ ޓީމަށް އައި ކުުޅުންތެރިން ވަރަށް ވެސް މަދެވެ. އެކަަމަކު، އެންމެ ފަހުން ނެގި 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަހިބަދޫ ސްޕޯޓްސް ކްލަބްގެ ތިން ކުޅުންތެރިން ތިބުމުން، ހަތް އަހަރު ކުރިން ފެށި އެެކެޑަމީގެ މަސައްކަތަށް "ދިރުމެއް" ލިބުނީ އެވެ.

އެންމެ ފަހުން ނެގި ގައުމީ 20 އަހަރުން ދަށުގެ ޓީމަށް ކުޅުނު އަލީ އިޝްފާގު ހަސަން މަޖީދު (އިސްޕަ)، މުހައްމަދު ލީވާން ނަދީމް އަދި މުހައްމަދު އައިހަމް އަންވަރު އަކީ މަހިބަދޫ އެކެޑަމީން ފަށައިގެން ގައުމީ ޓީމާ ހަމައަށް އައި ކުޅުންތެރިންނެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން އިޝްފާގަށް މިއީ މުޅިން ތަފާތު އަހަރެކެވެ. އޭނާގެ ނަން ފާހަގަކުރަން ޖެހޭ ސަަބަބުތައް ވެސް ގިނަ އެވެ.

ފުރަތަމަ ފެނިލުމުގައި ވެސް މީހުންގެ ލޮލުގައި އަޅައިގަތް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ އަހަރު ފެށިއިރު، އެފްއޭއެމުން އެންމެ ފުރަތަމަ ބޭއްވީ 19 އަހަރުން ދަށަށް ހާއްސަ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެކެވެ. އެ މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ޓީމުތަކުގެ އިތުރުން، ރަށަކުން ވާދަކުރި ހަމައެކަނި ޓީމަކީ މަހިބަދޫ އެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން، ސައްތަ އިން ސައްތަ، ރަށުގެ ހުނަރު ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތުގައި ފަހަތަށް އެންމެ ފިޔަވަޅެއް ނާޅަ އެވެ. އެ ގޮތުން ޔޫތު ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލައިގެން އައީ، އެ ޓީމުގައި ތިބި ކުޅުންތެރިން ފުރަތަމަ ޑިވިޝަނުގައި ކުޅެން ފުރުސަތު ހޯދައިދިނުމުގެ ވެސް އަމާޒުގަ އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މަހިބަދޫން ކުޅުނު ފުރަތަމަ މެޗު 1-1 އިން ނިމުނުއިރު، އެ މެޗުގައި މަހިބަދޫ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ، ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިޝްފާގު އެވެ.

ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ކުޅުނު އެ މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، އިޝްފާގު އަށް ހާފުގެ މެދެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

އިޝްފާގުގެ މި ގޯލަކީ ރާއްޖޭގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްތަކުގެ ތާރީހުގައި ވެސް ފެންނާނެ އިންޑިވިޖުއަލް ގޯލުތަކަށް ބަލާއިރު މޮޅު ގޯލެކެވެ.

"އެއީ އަލަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗު އެ ގޯލު އަބަދުވެސް ހަނދާނުގައި ހުންނާނެ،" އިޝްފާގު، 18، "އަދަދު" އަށް ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މަހިބަދޫން ކުޅުނު ހުރިހާ މެޗެއްގައި ވެސް މުޅި ޓީމު ލައްވައި ކުޅުމުގައި އިޝްފާގުގެ ލީޑަޝިޕް ރަނގަޅަށް ފެނުނެވެ. އެ މުބާރާތުގައި އޭނާގެ ކުޅުން ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ކޯޗުންނަށް ވެސް ފާހަގަކުރެވުނެވެ.

މިދިޔަ ޖެނުއަރީ މަހު ޔޫތު ޗެމްޕިއަންޝިޕް މެޗެއްގެ ތެރެއިން އިޝްފާގު ބޯޅަ ހިފައިގެން.--- ފޮޓޯ: އަދަދު


އިޝްފާގު، ޓީސީ އަށް ގެންދިޔައީ "ދުރާލާ ހުނަރަކަށް ފާރަލައިގެން"

މި އަހަރު، 19 އާއި 20 އަހަރުން ދަށަށް ސާފް ޗެމްޕިއަންޝިޕާއި އޭޝިއަން ކަޕް ކޮލިފައިން އޮތުމުން މިދިޔަ އޭޕްރީލް މަހުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޕްރެކްޓިސް ފެށި އެވެ.

ނަވާރަ އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އެކި ޓީމުތަކާ އެކީ މެޗު ކުޅުނުއިރު، ކ. ގުރައިދޫއާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗަކަށް ފަހު އިޝްފާގަށް ޓީސީ ސްޕޯޓްސް ކްލަބްގެ ހުށަހެޅުމެއް ލިބުނެވެ.

"ޓީސީން އެ މެޗަށް ފަހު (ގުރައިދޫ މެޗަށް ފަހު) ވާހަކަ ދެއްކީ، ދެން، އެ ޓީމުގައި ހުރި ފުރުސަތުތަކަށް ބަލާފައި، ނިންމީ އެ ޓީމަށް ދާން،" ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ފަހަކަށް އައިސް ގިނަ ކުޅުންތެރިންތަކެއް ނެރެދޭ ޓީސީއާ ގުޅުނު ގޮތް ކިޔައިދެމުން އިޝްފާގު ބުންޏެވެ.

މިދިޔަ ސީޒަނުގައި މެޖޯރިޓީ ޒުވާން ސްކޮޑެއް އޮތް ޓީސީ ޓީމުގައި އިޝްފާގު ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗެއްގައި ކުޅެފަ އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތަޔާއި އީގަލްސް ކޮޅަށް ފުރަތަމަ އެގާރައިގައި ހިމެނިގެންނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)، "އަދަދު" އަށް ބުނީ އިޝްފާގު ގެންނަން ނިންމީ ހަމައެކަނި 19 އަހަރުން ދަށުގެ ޓީމުގެ ޕްރެކްޓިސް މެޗެއް ބަލައިގެން ނޫން ކަމަށެވެ.

މީގެ ކުރިން ވެސް އިޝްފާގުގެ ހުނަރުގެ ވާހަކަ އަޑުއިވި، ޔޫތު ޗެމްޕިއަންޝިޕްގައި އޭނާގެ މެޗުތައް ވެސް ފެނިފައިވާތީ، ޒުވާން ހުނަރުވެރި ކުޅުންތެރިއަކަށް ފުރުސަތު ދޭން އަބަދުވެސް ބޭނުންވާތީ ނިޒާމްބެ ވިސްނީ އިޝްފާގަށް ޓީސީން ކުރިއަށްދިއުމުގެ ފުރުސަތު ދޭށެވެ.

"އަސްލު ވަރަށް ކުރިއްސުރެން ވެސް އިޝްފާގުގެ ހުނަރުގެ ވާހަކަ އިވޭ، ދެން މެޗުތަކެއް ބެލިން ޔޫތުގެ ވެސް. ދެން، ހުނަރަށް ބަލާއިރު ތަފާތެއް ގެނެވޭނެ ކުޅުންތެރިއެއްކަން ފުރުސަތު ދީފިއްޔާ، ރިގްރެޓް ވާން ޗާންސެއް ނުދީ ވަރަށް މަސައްކަތް ކުރާ ކުޅުންތެރިއެއްކަން އެނގޭ، މި ހުރިހާ ކަމަކަށް ބަލާފައި އަސްލު މުސްތަގުބަލަކަށް ބަލާފައި ގެނައި ކުޅުންތެރިއެއް އެއީ،" ނިޒާމްބެ ބުންޏެވެ.

ޕްރެކްޓިހާއި މެޗުތަކުގައި އަމިއްލަ އަށް ކުރިއަށްދާން އިޝްފާގު ދޭ އަހައްމިއްޔަތުކަން ނިޒާމްބެ ވަނީ ފާހަގަކޮށްފަ އެވެ.

އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ގައުމީ ޒުވާން ފުޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން އިޝްފާގު (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްސީ


"މިއީ ހަމަ ވަރަށް ތަފާތު އަހަރެއް"

ގަލޮޅު ދަނޑަށް މުޅިން އަލަށް ކުޅެން އެރި އިޝްފާގު، ފުރަތަމަ މެޗު ކުޅުނުތާ އަހަރެއް ވެސް ނުވަނިސް މި ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ޖުމްލަ އަށް މެޗެއްގައި ކުޅެފަ އެެވެ. އެއީ ޖުލައި މަހު އިންޑިއާގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި ސެޕްޓެމްބަރު މަހު ސައުދީ އަރަބިއްޔާގައި ބޭއްވި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.

އިޝްފާގު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުން ސާފް އާއި އޭޝިއަން ކަޕް ކޮލިފައިންގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ. އެ ދެ މުބާރާތަށް ބަލާއިރު، އޭނާ ބަދަލުކޮށްފައި ވަނީ ވެސް މަދު މެޗެެއްގަ އެވެ. ސާފްގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީ ލަންކާއާ ދެކޮޅަށް ކުޅެގެން ހޯދި ތަޖުރިބާގެ އަލީގައި އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާ، ސައުދީ އަރަބިއްޔާ، އުޒްބެކިސްތާން އަދި މިޔަންމާއާ ދެކޮޅަށް ޓީމުގެ މެދުތެރޭގައި ހުރެގެން އިޝްފާގު ދެއްކީ "ޖެހިލުންކުޑަ" ކުޅުމެކެވެ.

ގައުމީ ޖޯޒީގައި އިޝްފާގު ކުޅުނު އަށް މެޗުގައި ވެސް އޭނާއާ ދެކޮޅަށް ނުކުތް ކޮންމެ ކުޅުންތެރިއަކީ ވެސް މީގެ ކުރިން ބައިނަލްއަގުވާމީ ލެވަލްގައި ނިސްބަތުން ރަނގަޅު އަދަދަކަށް މެޗު ކުޅެފައިވާ ކުޅުންތެރިންނެވެ. ކޮންމެ މެޗަކީ ވެސް އާ ތަޖުރިބާއެއްގެ ގޮތުގައި ދެކިގެން ނުކުމެ، އިޝްފާގު ވަނީ ކެރިއަރަށް މުހިންމު ކަންތައްތަކެއް ދަސްކޮށްފަ އެވެ.

"މިއީ ވަރަށް ސަޅި އަހަރެއް، ފުރަތަމަ މެޗު (ޔުނައިޓެޑް ވިކްޓަރީ ކޮޅަށް) ގަލޮޅު ދަނޑުގައި ފަހު ވަގުތު ގޯލު ޖަހައިގެން، މޭން އޮފް ދަ މެޗު ލިބުނީ، ދެން ފުރަތަމަ ޑިވިޝަން ޓީމަކަށް ދިޔައީ، އެ އަށް ފަހު، ގައުމީ ޓީމަށް ދެ މުބާރާތް ކުޅެން ލިބުނީ،" މި އަހަރުގެ މިހާތަނަށް ކުރިއަށް ދިޔަ ގޮތަށް އިޝާރާތްކޮށް އިޝްފާގު ބުންޏެވެ.

ސައުދީ އަރަބިއްޔާގައި އޭޝިއާގެ 20 އަހަރުން ދަށުގެ ކޮލިފައިންގައި ކުޅުނު މެޗެއްގެ ތެރެއިން އިޝްފާގު.--- ފޮޓޯ: އަދަދު


މި އަހަރު އިޝްފާގުގެ ކެރިއަރުގެ ދުވެލި މި ފެންނަނީ ވަރަށް ހަލުވި ކޮށެވެ. ގައުމީ ސީނިއާ ޓީމުން ކުރިއަށް އޮތް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކަށް ނެގި ޕްރިލިމިނަރީ ސްކޮޑުން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ 20 އަހަރުން ދަށުގެ ގައުމީ ޓީމުން .އިޝްފާގު ހިމެނޭ ގޮތަށް ހަތް ކުޅުންތެރިއަކަށް ފުރުސަތު ދީފަ އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ ޔޫތު ޗެމްޕިއަންޝިޕްގައި މަހިބަދޫ ކުޅުނު ފުރަތަމަ މެޗުގައި އިޝްފާގަށް މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ދޭން ނިންމިއިރު ވެސް އޭނާ އަކީ މުސްތަގުބަލު އުޖާލާ ކުޅުންތެރިއެއްކަން އެނގޭ ކަމަށެވެ.

"އެއްވެސް އޭޖެއްގެ ގައުމީ ޓީމަކަށް ކުޅެފައި ނެތްކަމުގައި ވިޔަސް އިޝްފާގު، އެ މުބާރާތުގައި (ޔޫތު ޗެމްޕިއަންޝިޕްގައި) ދެއްކި ކުޅުމުގެ ސަބަބުން އަސްލު ހަގީގަތުގައި ވަރަށް ބޮޑު ޔަގީންކަމެއް އޮތް. އިޝްފާގަކީ ވަރަށް ޓެކްނިކަލީ މޮޅު މިޑްފީލްޑަރެއް، ރާއްޖެ އަށް (ސީނިއާ ގައުމީ ޓީމަށް) ކުޅެވޭނެ ކަހަލަ ސްޓައިލް ހުރި ޕާސްކޮށްގެން މޮޅަށް ކުޅޭ ކުޅުންތެރިއެއް،" ޝާކިއްޓޭ ބުންޏެވެ.

"ކެރިއަރެއްގެ ގޮތުގައި ފުޓްބޯޅަ ނަގައިގެން މޮޅު ކުޅުންތެރިއަކަށްވާން ބޭނުންނަމަ އިޝްފާގަށް އޮތީ އެ ކުރަމުން އަންނަ މަސައްކަތް ހުއްޓައިނުލައި ކުރުން، އިޝްފާގުގެ ކިބައިގައި އެ ހުރި ކޮލިޓީ އަކީ ހަގީގަތުގައި ވީހާވެސް ގިނަ މެޗު ކުޅެގެން އަދި ވެސް އިމްޕްރޫވް ކުރެވޭނެ ކަންކަން، ވަރަށް މުސްތަގުބަލު އޮތް ކުޅުންތެރިއެއްގެ ގޮތުގައި ފެންނަނީ،"

ކާމިޔާބު ފުޓްބޯޅަ ކެރިއަރެއްގެ ބިންގާ އަޅަން އިޝްފާގަށް މިއީ ވަރަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު އަހަރެކެވެ. އުފަން ރަށުގެ އެކެޑަމީން ތަމްރީންވެގެން އައިސް ރަށު ޔޫތު ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން، ގައުމީ ޖޯޒީ ލައިގެން އޭޝިއާ ބައްރުގެ ގަދަބާރުތަކާ ދެކޮޅަށް ކުޅެލަން ފުރުސަތު ވެސް އިޝްފާގަށް ލިބިއްޖެ އެވެ.

ފުޓްބޯޅަ އިން ކާމިޔާބު މުސްތަގުބަލެއް ބިނާކުރަން ބަލާއިރު، އުފަން ރަށް، މަހިބަދޫ އަކީ އިޝްފާގަށް މިސާލު ނެގޭނެ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ރަށެކެވެ. އޭނާ އަށް އެހީތެރިވެދޭން ހުރި އެއް ކުޅުންތެރިއެއްގެ ނަން އޭނާ އުފަލާ އެކު ފާހަގަކުރެ އެވެ. އެއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަން، އަސަދު އަބްދުﷲ އެވެ.

"ކޮންމެ ކަމެއް ނިންމާނީ ވެސް ވަރަށް މަޝްވަރާކޮށްފައި، (އަސަދުﷲ) އަކީ އަސްލު އެންމެ އެހީވާ އެއް މީހަކީ،" އިޝްފާގު ބުންޏެވެ.