ޓިމޯ ލެސްޓޭ ޓީމުގެ މާކުއޭސް ކަވާލިއޯ އަތުން ބޯޅަ ހޯދަން ރާއްޖެ ޓީމުގެ ލޫތު މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
ޗައިނާގައި އަންނަ އަހަރު ބާއްވާ 20 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ގްރޫޕް އެފްގައި ރާއްޖޭން ކުޅުނު ފަހު މެޗުން ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެ، 4-1 އިން ޓިމޯ ލެސްޓޭ އަތުން ބަލިވެއްޖެ އެވެ.
މި ނަތީޖާއާ އެކު، ރާއްޖޭން ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ނިންމާލާފައިވަނީ، ތިން ބައްޔާ އެކު އެވެ. ގްރޫޕްގެ އެއް ވަނަ މަގާމަށް މިރޭ ޔަމަނާއި އިންޑޮނޭޝިއާ ވާދަކުރާއިރު، މި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ލަނޑުގެ ތަފާތުން ކުރި ލިބެނީ، މި ގްރޫޕްގެ މެޗުތައް ހޯސްޓްކުރާ އިންޑޮނޭޝިއާ އިންނެވެ. ތިން ވަނަ ހޯދީ ތިން ޕޮއިންޓް ލިބުނު ޓިމޯ ލެސްޓޭ އެވެ. ހަތަރެއްގައި ނިންމާލި ރާއްޖެ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ނެރުނު ފުރަތަމަ އެގާރަ ކުޅުންތެރިން.---- ފޮޓޯ: އަދަދު ސްޕޯޓްސް
މިއަދުގެ މެޗަށް ރާއްޖޭން ނުކުތީ، ޝަނާން ރަޝާދުގެ ބަދަލުގައި، އަބްދުﷲ ފިޒާން އަބްދުލް ގަފޫރު (ފިޒޭ) ކުޅެން އަރުވައިގެންނެވެ. މެޗުގައި ފުރަތަމަ ފުރުސަތު ލިބުނީ ވެސް ފިޒޭ އަށެވެ. އޭރިއާތެރެއިން ފިޒޭ އާއި މުޒްދާން ހަސަން އަށް ލިބުނު ފުރުސަތުތަކުން ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.
ރާއްޖެ އަށް މި މެޗުގައި މައްސަލަ ދިމާވީ މެޗުގެ 33 ވަނަ މިނިޓްގައި ފިޒޭ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ނިންމީ ރަތެއް ދެއްކުމަށެވެ.
ރާއްޖޭގެ އެއް ކުޅުންތެރިއަކު މަދުވިތާ މާގިނައިރެއްނުވެ، ޓިމޯ ލެސްޓޭ އިން ދެ ގޯލު ޖަހައި، ފުރަތަަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. އެ ގޮތުން، ޓިމޯ ލެސްޓޭ އަށް ލީޑުނަގައިދިނީ، 40 ވަނަ މިނިޓްގައި، އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން، އަލެކްސަންޑްރޯ ބަކީޓޯ ލެމޯސް އެވެ. އަދި 44 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ފޮނުވާލި ޝޮޓަކުން ޓިމޯ ލެސްޓޭގެ ދެ ވަނަ ލަނޑު ޖެހީ، ބަދަލަކަށް ކުޅެން އެރި ވަބިއޯ ކަނަވާރޯ ޕިރޭޒް އެވެ. އޭނާ ޖެހި ޝޮޓް ގޯލަަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ޓިމޯ ލެސްޓޭގެ ދެ ކުޅުންތެރިން ކައިރިން ރާއްޖެ ޓީމުގެ މުޒްދާން ބޯޅަ ހިފައިގެންދަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް
ކުޅުންތެރިއަކު މަދުކޮށް ވެސް ކައުންޓަ އެޓޭކުގައި ރާއްޖޭން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން، 61 ވަަނަ މިނިޓްގައި ޓިމޯ ލެސްޓޭ އިން ޖެހި ތިން ވަނަ ގޯލަކީ ރާއްޖޭގެ މުހައްމަދު އައިމަން އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ކޯނަރެއްގައި ޓިމޯ ލެސްޓޭ އިން ޖެހި ގޯލެކެވެ. މި ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ރާއްޖޭން ގޯލެއް ޖެހި އެވެ. މިއީ ކައުންޓަ އެޓޭކެއްގައި، ރާއްޖޭގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، ޓީމޯ ލެސްޓޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާފައި ޖެހި ޝޮޓެއް ކީޕަރު، ޕަބްލޯ މަކާރިއޯ އަތުގައި ޖެހިފައި ލިބުމުން މުޒްދާން ޖެހި ގޯލެކެވެ.
އޭގެ ފަހުން ވެސް ރާއްޖެ އަށް ކައުންޓަ އެޓޭކުގައި ދެ ވަނަ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ބަދަލަކަށް ކުޅެން އެރި ޝަނާން އާއި މުހައްމަދު އިޒާން އަލީ އަށް ލިބުނު ފުރުސަތުތަކުގައި ގޯލަށް ބޯޅަ ޖެހުމުގެ ކުރިން ޓިމޯ ލެސްޓޭ ޑިފެންޑަރުން އެ ސަލާމަތްކުރެ އެވެ. ރާއްޖެ ޓީމުގެ އިޝްއާފް ފިރާގު އާއި މުހައްމަދު ޝަމްހާން ޖެހި ޝޮޓްތައް ދިޔައީ ގޯލާ ސީދާނުވެ އެވެ.
ޓިމޯ ލެސްޓޭގެ ފަހު ލަނޑު ޖެހީ، 73 ވަނަ މިނިޓްގައި ލުއިސް ފީގޯ ރިބޭރޯ އެވެ. އޭރިއާތެރެއިން ބޯޅަ ހިފައިގެން އަރިމައްޗަކަށް ޖެހި ލުމަށް ފަހު، ފީގޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
Comment