Advertisement

ދިގުރަށު މީހުންނަށް މިއީ އާދައިގެ އުދައެއް ނޫން، ގިނަ ސުވާލުތަކެއް އެބަހުރި

15 އޮކްޓޯބަރު 2022 - 08:46 2

އދ. ދިގުރަށް

އަހުމަދު އާއިދު

އަހުމަދު އާއިދު

ދިގުރަށުގެ ބަނދަރު: މިދިޔަ ބުދަދުވަހުގެ ރޭ ދިގުރަށަށް އެއީ މިރަށު މީހުން ބުނާ ގޮތުން ނަމަ އާދަޔާ ހިލާފު ރާޅުތަކެއް. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ދިގުރަށު މީހުންނަށް މިއީ އާދައިގެ އުދައެއް ނޫން، ގިނަ ސުވާލުތަކެއް އެބަހުރި

15 އޮކްޓޯބަރު 2022 - 08:46 2

އދ. ދިގުރަށް

ކަނޑުތޮށި މަތިން ހިއްލައިލި ރާޅު ބިންދައިލީ ބަނދަރު ތެރެއަށެވެ. އެއާއެކު ފަޅުތެރެ ފުރި އުތުރި، ބަންޑުންވެގެން ރަށުގެ ތެރެއަށް އަރައިގެން ދިޔަ ލޮނުގަނޑުގެ އުސްމިނުގައި ދެތިން ފޫޓު ހުއްޓެވެ. ބަނދަރުގައި އަޅާފައި ހުރި އެތައް އުޅަނދެއްގެ ވާތައް އެވަގުތު ކަނޑައިގެން ދިޔަ އެވެ. މުޅި ފަޅުތެރެ ހަލަބޮލިވެ، އެއްގަމު ތޮށީގައި އުޅަނދުތައް ތެޅެން ފެށި އެވެ.

މިއީ މިދިޔަ ބުދަ ދުވަހުގެރޭ އދ. ދިގުރަށަށް އެރި "ސުނާމީ އެއް ފަދަ" ރާޅުތަކުގެ ތެރެއިން ދެ ވަނަ ރާޅު އެރި ވަގުތު ހާލަތު އޮތް ގޮތް އެރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއް ރަހީމް ސިފަކޮށްދެއްވި ގޮތެވެ.

އޭނާ އާއި ރަށުގެ އެހެން ގިނަ ބަޔަކު "އަދަދު" އަށް ދިން މައުލޫމާތުން އެނގުނު ގޮތުގައި އެ ރޭ ދިގުރަށަށް ޖުމްލަ ހަތަރު ރާޅެއް އެރި އެވެ. ފުރަތަމަ ރާޅު އެރި މަންޒަރު ނުވަތަ އެ ރާޅުގެ ބޮޑުމިން ފެނުނު މީހަކު ރަށަކު ނެތެވެ. ނަމަވެސް އެ ރާޅު އެރިކަމަށް އެންމެން ވެސް ބުނަނީ އެރޭގެ މެންދަމުން އަލިވެ، 12:55 ހާއިރު އެވެ.

ފުރަތަމަ ރާޅުގެ އެރުމުން ރަށުގެ ގޮނޑުދޮށުގައި ހެދިފައިވާ ފެންގަނޑު ފެނިގެން ރަށު ކައުންސިލްގެ ސަމާލުކަމަށް އެކަން ފުރަތަމަ ގެނައި މީހަކީ ތަޖުރިބާކާރު މާލިމީ މުހައްމަދު "މޯޑު" ގާސިމް އެވެ. އޭނާ ބުނި ގޮތުގައި އެ ރޭ އޭނާ ކެފޭއެއްގައި އިނދެފައި ނުކުތް އިރު ރަށުގެ އިރުމަތީ ހޭޅިއާ ޖެހިގެން އޮންނަ މަގު ، ރަށު މީހުން ކިޔާ ގޮތުން ނަމަ ބީޗު ރޯޑު" ގައި ހެދިފައި އޮތް ފެންގަނޑާއި ރަށުގެ އެއްގަމުގައި އޮތް ފެންގަނޑެއް އޮތީ ގުޅިފަ އެވެ. އެ ފެންގަނޑުގެ ހަގީގަތް އިތުރަށް ބަލައިލަން އޭނާ ބޭނުންވީ އެހެންވެ އެވެ. އެހެނީ ވާރޭ ވެހި ފެންބޮޑު ވިޔަސް ބީޗު ރޯޑްގައި ހެދޭ ފެންގަނޑާއި އެއަށް ވުރެ އެއްގަމުގައި ހެދޭ ފެންގަނޑު އެގޮތަށް ގުޅިފައި އޮތުމަކީ އާއްމު އުސޫލެއް ނޫނެވެ.

މުހައްމަދު، "އަދަދު" އަށް މައުލޫމާތު ދެނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"[އެހެންވެ] ފެންގަނޑު ކައިރިއަށް ގޮސް ބަލައިލި އިރު ފެނުނީ އަކިރިއާ އެއްޗެހި.. ދެން އެނގިއްޖެ މީ ރާޅު އަރާފައިކަން.. ދެން ކަނޑުމަތީ އުޅޭ މީހެއްވީމަ ވަގުތުން ފޯނުން [މޫސުން ބަލާ އެޕްލިކޭަޝަނަކުން] މި ބަލައިލީ ދިޔަވަރު.. އޭރު އެކަމު ވަރަށް ބޮޑު ގެޕެއް އިން ދިޔަވަރު އެންމެ ބޮޑުވާން. އެންމެ ބޮޑު ދިޔައަކަށް އިނީ 2:45 ހާއިރު. ފުރަތަމަ ރާޅު އެރީ 1 ޖެހި އިރު ކަމަށް މި ބެލެވެނީ.. ދެން އަޅުގަނޑުމެން ގުޅައިފިން ކައުންސިލްގެ ރައީސް އަށް ގުޅާފަ ބުނެފިން ދިޔަވަރު މިހެންނޭ ހުރީ ވަރަށް ބޮޑު ރާޅެއް އަރައިފިއޭ ދިޔަވަރު އަދި ބޮޑުވެ އިތުރަށް ރާޅު އަރާފާނެކަމަަށް ބެލެވެއޭ،" މުހައްމަދު ކިޔައިދިނެވެ.

ކައުންސިލްގެ ރައީސް އެވަގުތު މާލޭގައި ހުންނެވި ނަމަވެސް ކަމާބެހޭ އިދާރާތަކަށް އަންގަވަމުން ގެންދެވި އެވެ. ރަށުގައި ނައިބު ރައީސް އިބްރާހިމް ގެންދެވީ ރާޅުތައް އަރާ ސަރަހައްދުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ ވަވަޑައިގަންނަވަމުންނެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި ދިގުރަށަކީ އާންމުކޮށް އުދައަރާ ރަށެއް ނޫނެވެ. ރާއްޖޭގެ ރަށްތަކާއި އަޅާ ބަލާއިރު އުސް ވެސް ރަށެކެވެ. ނަމަވެސް އެރޭ ރަށުގެ ތެރެއަށް ލޮނުގަނޑު ވަދެގެންދިޔަ މަންޒަރު ފެންނަ ވީޑިއޯތަކުން ވެސް އެ ފެންނަނީ އުދަ އެރުމަށްވުރެ ބޮޑު ކަމެއްގެ މަންޒަރެވެ.

ހުޅަނގު މޫސުމުގެ ގަދަ ވައި ޖެހި ޖެހި އޮތް ރެއެއްގައި ރަށުގެ އިރު ދެކުނު ފަރާތުން މި ރާޅުތައް އެރުން ވެގެން ދިޔައީ ވެސް ދިގުރަށުގެ ގިނަ ބަޔަކު ސުވާލު އުފެއްދި ކަމަކަށެވެ. ހުޅަނގު ކޮޅުން އެ ރާޅުތަކުން އެއްވެސް އަސަރެއް ކޮށްފައެއް ނެތެވެ.

ދިގުރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް އަބްދުއް ރަހީމް "އަދަަދު" އަށް އިންޓަވިއު ދެއްވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


"ދެން މިއަދު ފާހަގަވި ކަމެއް މީ، ބަނދަރުން ފެށިގެން މި ރަށުގެ ފުއްޓަރުގައި [އިރުމަތީ ފަރާތް] އެބަހުރި ބޮޑެތި ގާތައް އަނެއް ފަރާތަށް ޖެހިފައި، ފުރޮޅިފައި.. ހުދުފުތް މަށްޗައް ފެންނަން ހުރީ،" މި ރާޅު ތަކުގެ ސަބަބުން އައި އިތުރު ބަދަލެއް ފާހަގަކުރަމުން އިބްރާހިމް ވިދާޅުވި އެވެ.

ތެދެކެވެ. ދިޔަވަރު ހިކުމުން ގޮސް ބެލިއިރު، ބޮޑެތި ބިޔަ ގާތަކެއް ފުށުން ޖެހި، ބަނޑުފުށް ހުދު ކުލައިގައި ފެނުން މައްޗަށް ފެންނަން އެބަހުއްޓެވެ. ކުރިން ނުފެންނަ ކަމަށް ރަށުގެ މީހުން ބުނާ ދެތިން ބޮޑުު ގަލެއް ވެސް މިހާރު ފެންނަން އެބަ އޮތެވެ. މިހާވަރަށް މި ގާތައް ފުށުންޖެހި، އަޑީގައި ހުރި ގާތަކެއް މައްޗަށް ޖެހުނީ ހަމަ އުދަ އަރައިގެން ހެއްޔެވެ؟ މީގެ ކުރިން 2004 ވަނަ އަހަރު އެރި ސުނާމީގައި ވެސް މިފަދަ ކަމައް ނުވާ ކަމަށް ދިގުރަށު ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދަު ފާއިޒު ރަޝީދު ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހަޔާތުގައި އަޅުގަނޑަށް ބުނަން ކެރޭ މީގެ ކުރިން އުދައިގެ އެއްވެސް ގެއްލުމެއް ނުވާ ރަށެއް މި ރަށަކީ. އެއަށްވުރެ ކުރިއަށް ޖެހިލާއިރު 1987 ގެ ބޮޑުރާޅުގައި ވެސް މިރަށަކަށް ގެއްލުމެއް ނުވޭ. މިއީ މިހާ ބޮޑެތި ރާޅުތަކެއް ފާއިތުވެ ދިޔަ 40 އަހަރުގެ ތެރޭގައި މިރަށަށް އެރި ފުރަތަމަ ފަހަރު،" ދިގުރަށު ކަތީބުކަން ވެސް ކުރެއްވި ފާއިޒު ވިދާޅުވި އެވެ.

ފާއިޒު ވިދާޅުވީ ފުރަތަމަ ރާޅާއި ދެ ވަނަ ރާޅާއި ދެމެދު ލިބުނު ގަޑިއިރެއް ހާއިރުގެ ތެރޭގައި ރަށުގެ އޮޑިވެރިންނަށް ގުޅާ އެމީހުންވެސް ބަނދަރަށް އެއްކުރި ކަމަށެވެ. ދެވަނަ ރާޅަކީ ހަމަ ސުނާމީއެއް ފަދަ ރާޅެއް ކަމަށް ފާއިޒު ވިދާޅުވި އެވެ. މި ރާޅު އެރީ ސުނާމީ އަކާއި އެއްގޮތަށް ދިޔަ ބޮޑުވެ ފުރިގެން އަންނަ ކަހަލަ ގޮތަކަށް ކަމަށާއި ރާޅަށްފަހު ފެންގަނޑު ދަމާލި ކަމަށް ވެސް ވިދާޅުވި އެވެ.

ތިންވަނަ ރާޅު ދިގުރަށަށް އެރީ އެރޭ 3:30 ހާއިރު ކަމަށާއި ހަތަރުވަނަ ރާޅު އެރިއިރު ފަތިހު 4:20 ހާއިރު ކަމަށް ވެސް އެކި މީހުން ދިން މައުލޫމާތުން ސާފުވެ އެވެ.

މި ރާޅުތަކުގެ ތެރެއިން ހަތަރު ވަނަ ރާޅު ވަރަށް ބޮޑު ކަމަށް ވެސް ކުރިން މި ރިޕޯޓަށް މައުލޫމާތު ދެއްވި ފާއިޒު ވިދާޅުވި އެވެ. އެގޮތުން އެ ރާޅުގެ ލޮނުގަނޑު ރަށުތެރެއަށް ވަދެގެން ގޮސް ގެތަކަށް އަދި ބައެއް ފިހާރަތަކަށް ވެސް ލޮނުގެ އަސަރު ކުރި އެވެ.

"އަޅުގަނޑުގެ ކަކުލާއި ހަމައަށް ލޮނުގަނޑު ހުރި.. ދެން މިދިމާލުގައި ހުރި ގެސްޓް ހައުސް އެއްގެ ތިން ކޮޓަރިއަކަށް ވެސް ލޮނުވަދެފަ ހުރީ. އެކި ކަހަލަ މަސް، މިޔަރު އަދި ބޮޑެތި ވެން ވެސް ފެންގަނޑު ތެރެއިން ފެނުނު ކަމަށްވަނީ،" ފާއިޒު ވިދާޅުވި އެވެ.

ދިގުރަށު ކައުންސިލުގެ ޑިރެކްޓަރް އަހުމަދު ފާއިޒް ރަޝީދު" އަދަަދު" އަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ރަށުގެ އިސް ރަށްވެއްސެއް ކަމަށްވާ ޕެންޒީމާގޭ، އިބްރާހިމް މުހައްމަދު ވެސް ވަނީ ކުރިން މައުލޫމާތު ދެއްވި ބޭފުޅުންނާއި އެއްބަސްވެފަ އެވެ. އެގޮތުން އޭނާގެ 66 އަހަރުގެ ހަޔާތުގައި ވެސް މިފަދަ ރާޅުތަކެއް މިރަށަށް އެރި މަންޒަރު ނުދެކޭ ކަމަށާއި އުދަ އަރާ ގެއަކަށް ލޮނުވަތް ހަނދާނެއް ވެސް ނުވާ ކަމަށް ބުންޏެވެ.

"މި ކަނޑުއޮޅިއަކީ އޮއެ ގަދަ ކަނޑު އޮޅިއެއް، އެތެރަށް ދަމާ އޮޔެއް އޮންނާނީ.. ކުރީގަ ރިޔަލު ދޯނީގައި އަހަރުމެން ނިކުންނައިރު ވެސް ބައެއްފަހަރު ގޮސް ދަނގެތި ފަޅުގެ ނިވައިގައި ޖެހިގެން އޮއެ ކެނޑުނީމާ ކިރިޔާވެސް ނިކުމެވޭ ގޮތްވާނީ. މީ މި އަތޮޅުގަ ވެސް އޮތް އެންމެ ބޮޑު ކަނޑުއޮޅި،" ދިގުރަށު ބަނދަރާއި ދިމާލަށް އޮންނަ ކަނޑުއޮޅީގެ އޮއެގަނޑު ތަފުސީލުކުރަމުން އިބްރާހިމް ކިޔައިދިނެވެ.

ދިގުރަށު ޕެންޒީމާގޭ އިބްރާހީމްވެ، "އަދަދު" އަށް މައުލޫމާތު ދެއްވަނީ. ފޮޓޯ:މިރާޝް ނާޝިމް/އަދަދު


އުފެދޭ ބައެއް ސުވާލުތަކުގެ ޖަވާބު

ދިގު ރަށުން ބައްދަލުވި ގިނަ މީހުން ދެކޭ ގޮތުގައި އެރަށަށް މިފަހަރު ރާޅު އެރީ އުދަ އެރުމުގައި އާއްމުކޮށް ކަންވާ ގޮތާ މުޅިން ހިލާފަށެވެ. މޫސުން ބަލާ އެޕްލިކޭޝަންތަކުން ފެންނަން ހުރި މައުލޫމާތަކުން ވެސް، އެފަދަ ރާޅެއް އަރައިފާނެ ފަދަ ހާލަތެއްގެ މައުލޫމާތެއް ނުލިބެ އެވެ. އެހެންވީމާ އެމީހުންގެ ސުވާލަކީ "މިއީ ކޮން ކަމެއްހޭ، މިއީ ކޮންފަދަ ރާޅެއްހޭ" އެވެ.

އެކަމަކު މޫޫސުން ލަފާކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މައުލޫމާތު ހުރި ބޭފުޅަކު ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ރޭ، ދިގުރަށަށް ރާޅު އަރައިފާނެ ހުރިހާ ހާލަތެއް މި ސަރަހައްދުގައި އޮތެވެ. އެއް ކަމަކީ އަރަބި ކަނޑުން އައި ބާނި ރާޅުތައް (ސްވެލް) އެއް މި ސަރަހައްދަށް ފޯރުމެވެ. ހަމަ އެއާ އެކު ރާއްޖޭގެ ހުޅަނގުގައި އޭރު ހުރި ބޯ ވިއްސާރަ ވިލާތަކުން ޖެހެމުން ދިޔަ ގަދަ ވަޔާއެކު ވައިން އުފެދޭ ރާޅުތައް (ވިންޑް ވޭވްތައް) ދިޔައީ ހުޅަނގު ފަރާތުން މި ސަރަހައްދަށް ޖަމާވަމުންނެވެ. އެ ދެ ކަންތައް ދިމާ މިވީ ދިޔަވަރު އެންމެ ބޮޑުވާ ވަގުތާ އެވެ.

"އެހެންވީމާ ބުނެވިދާނެ، ދިގުރަށަށް އެއީ އުދައެއް ނޫނޭ. ރަށު މީހުންނަށް އެ ވިސްނެނީ ހަމަ ވަރަށް ރަނގަޅަށް. އެއީ އުދައެއް ނޫން. އުދަ މި ކިޔަނީ އަސްލުގައި ކޮޅިގަނޑެއް ނޫނީ ތޫފާނެއް ފަދަ ކަމަކުން އުފެދޭ ބާނީގެ ސަބަބުން އަރާ ރާޅަށް، ހަމަ އެކަނި އެ ސަބަބުން އަރާ ރާޅަށް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދިގުރަށަށް މިފަހަރު އެއީ އޭނާ އެއްކުރެއްވި މައުލޫމާތުން އެނގޭ ގޮތުގައި ތިން ބާވަތެއްގެ ރާޅު އެކުވެގެން އުފެދުނު ވަރަށް ބާރުގަދަ ރާޅެކެވެ.

"މިއީ ބާނި ރާޅު [ސްވެލް] އާއި ވައިން އުފެދޭ ރާޅު [ވިންޑް ވޭވް] އާއި ދިޔަވަރު ބޮޑުވެގެން އަރާ ރާޅު [ޓައިޑަލް ވޭވް] އެކުވެގެން އުފެދުނު ކޮމްބައިންޑް ފޯސް އެއް، އެހެންވީމާ އާދަޔާ ހިލާފަށް ބާރު ގަދަވާނެ،" އޭނާ ވިދާޅުވި އެވެ.

ދިގުރަށަށް އެރޭ ރާޅު އެރި އިރު މިރަށުގެ ކަނޑުތޮށި މަތިން ފަޅުތެރެއަށް މުގުރައިލީ ގާތްގަނޑަކަށް 15 ފޫޓުގެ އުސް ރާޅެކޭ މިރަށުގެ ބައެެއް މީހުން ބުނާތީ ބައެއް މީހުންނަށް އެ ވާހަކަ ގަބޫލު ނުކުރެވުނަސް، ތަޖުރިބާ ކާރު މީޓިއިރޮލޮޖިސްޓް ވިދާޅުވީ އޭނާއަށް އެ ވާހަކަ ވަރަށް ފަސޭހައިން ގަބޫލުކުރެއްވޭ ކަމަށެވެ. އެއީ އޭރު މި ސަރަހައްދުގައި ހުރި ރާޅުބާނިތައް މާކަނޑުގައި ހުރި އިރު ވެސް ވަރަށް އުސްކޮށް ހުރެފައި ތިލަ ހިސާބަށް އަންނަ އިރު އިތުރަށް އުސްވާނެތީ އެވެ.