Advertisement

މަޝްވަރާއަށް އެއްބަސްވެ، ހުޅިދޫގައި ކުރާ މުޒާހަރާ ހުއްޓާލައިފި

14 އޮކްޓޯބަރު 2022 - 21:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


މަޝްވަރާއަށް އެއްބަސްވެ، ހުޅިދޫގައި ކުރާ މުޒާހަރާ ހުއްޓާލައިފި

14 އޮކްޓޯބަރު 2022 - 21:44 0

ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއްނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލާ ކުރަމުންދާ މުޒަހާރާ ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ހުއްޓާލައިފި އެވެ.

ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން އިއްޔެ ހެނދުނުން ފެށިގެން ކުރަމުންދާ އެ މުޒާހަރާގައި މިވަގުތު ވެސް ތިބީ ހުޅިދޫގަ އެވެ. ހުޅިދޫގައި އަޑުއުފުލާ މީހުން ބުނަނީ، އާރަށް އިންވެސްޓްމަންޓަށް އެ ރަށް ދިނުމަށްވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި އެސްއޯ ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސް ވަނީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން އެ ރަށުން ފޭބުމަށް އަންގާފަ އެވެ. އެއަށް ފަހު މަޝްވަރާތައް ކުރިއަށްގެންދިޔުމަށް ފަހު 9:30 ގެ ކުރިން ނުފައިބައިފިނަމަ ހައްޔަރުކުރާނެ ކަމުގެ އިންޒާރު ދިނެވެ.

"އަޅުގަނޑުމެން މުޒާހަރާގެ ބައިވެރިންނާ އެކު އެންމެ ފަހު 10 މިނެޓު ކުރީ [މަޝްވަރާ]. ބައިވެރިންގެ ތެރެއިން ވެސް ބައެއް ބޭފުޅުން ވިދާޅުވޭ ތި ދެ މީހުން [އަތޮޅު ކައުންސިލް ރައީސް އަދި ތިނަދޫ ކައުންސިލް ރައީސް] ހައްޔަރުކުރީމާ މިކަމާ އުޅޭނެ ހައިސިއްޔަތެއް އޮތީ ކާކުގެހޭ. ސަރުކާރުން އެކަމާ އެއްބަސްވެފަ އޮތީމާ އެ ދެ ބޭފުޅުން މަޝްވަރާ ކުރުމަށް އިހަށް ފަހަތަށް ޖެހިވަޑައިގަންނަވާށޭ،" ހުޅިދޫގައި ހުންނަވާ "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލުގެ މެމްބަރު ޝިފާގް ހުސައިން ވިދާޅުވި އެވެ.

އަދި، މަޝްވަރާއަށް ފަހު ގޮތެއް ނުފެނިއްޖެނަމަ ދެން ނުކުންނާނީ ހައްޔަރުކުރި ނަމަވެސް ފަހަތަށް ނުޖެހޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. ޝިފާގު ވިދާޅުވީ އެއީ "ރަނގަޅު ނިންމުމެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ފުލުހުންގެ ބެލުމުގެ ދަށުން މިކަން ނިމުމާ ހަމައަށް ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވި. ސަރުކާރުގެ ބައެއް ފަރާތްތަކުން ވިދާޅުވެއްޖެ މާދަމާ ވެސް ބައްދަލުވުންތައް ބާއްވަން ތައްޔާރޭ. ދައުލަތުގެ ބައެއް ބޭފުޅުން ވެސް އެދިވަޑައިގަންނަވާ ތިޔަބޭފުޅުން ހައްޔަރުކޮށްފިނަމަ ތިކަމާ އުޅޭނީ ކޮން ބައެއް ބާއޭ،" ސަރުކާރުން މަޝްވަރާއަށް ތައްޔާރަށް އޮތްކަން ހާމަކުރައްވަމުން ވ. ތިނަދޫ ކައުންސިލުގެ ރައީސްކަން ވެސް ކުރައްވާ ޝިފާގު ވިދާޅުވި އެވެ.

ހުޅިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށް ބުނެ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް 21 އަހަރުގެ މުއްދަތަކަށް ހުޅިދޫ ކުއްޔަށް ދޫކޮށްފައިވަނީ 2016 އަހަރު އެވެ. އެކަމަކު އެ ރަށުގައި އެފަދަ އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އަދި މަސައްކަތްތަކެއް ކުރަން ދީފައި އޮތް މުހުލަތު ވެސް އޮތީ ފަހަނައަޅައި ގޮސްފަ އެވެ.

ވ. އަތޮޅުން ކުއްޔަށް ދީފައިވާ ރަށްތަކުގައި ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާތީ އެރަށްތަކުގެ ތިމާވެށި ހަލާކުވަމުންދާ ކަމަށް އަތޮޅު ކައުންސިލުން ބުނެ އެވެ. އެގޮތުން، ހުޅިދޫގެ ތިމާވެއްޓަށް ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ވ. ހުޅިދޫ އާއި ވ. އަންބަރާ ތަރައްގީ ކުރުމަށް އެގްރިމެންޓުކުރި ފަރާތްތަކުން އެގްރިމެންޓާއި ހިލާފުވެ އަދި ރަށްތައް ތަރައްގީކޮށް ހިދުމަތަށް ފުރިހަމަކުރުމަށް އެގްރިމެންޓު ކުރެވުނު މުއްދަތު ހަމަވެފައިވާތީ އެ ދެ ރަށް ވ. އަތޮޅުގެ ކައުންސިލަށް ނެގުމަށް އެ ކައުންސިލުން ނިންމީ މިއަހަރުގެ އެޕްރީލް 28، ގަ އެވެ.

އެ އެއްބަސްވުން ފާސްކުރީ "އެ ދެ ރަށުގައި އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުސަތު އެއްވެސް އަމިއްލަ ފަރާތަކަށް މިހާރު ލިބިފައިނުވާނެތީ" ކަމަށް ވ. އަތޮޅު ކައުންސިލުން މިއަދު ފާސްކުރި ގަރާރެއްގައި ބުނެފައިވެ އެވެ. އަދި، ދެ ރަށް ވެސް ނަގަނީ ވ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.