Advertisement

ހުޅިދޫ އަތުލަން ވާވު ރައްޔިތުންގެ ބޮޑު މަސައްކަތެއް

13 އޮކްޓޯބަރު 2022 - 21:09 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ވ. ހުޅިދޫ: އެ އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުން އަންނަނީ އެ ރަށް އަނބުރާ ރައްޔިތުންނަށް ދިނުމަށް ގޮވާލަމުން -- ފޮޓޯ: ވ. ތިނަދޫ ކައުންސިލް


ހުޅިދޫ އަތުލަން ވާވު ރައްޔިތުންގެ ބޮޑު މަސައްކަތެއް

13 އޮކްޓޯބަރު 2022 - 21:09 2

ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކޮށް، މިހާތަނަށް މަސައްކަތެއްނުކޮށް ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވ. ހުޅިދޫ ކުއްޔަށް ދިނުމުގެ އެގްރިމެންޓު ބާތިލުކޮށް އެ އަތޮޅު ރައްޔިތުންނާ ރަށް ހަވާލު ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

ވ. އަތޮޅު ކައުންސިލާއި ބައެއް ރައްޔިތުން މިއަދު ހެނދުނުން ފެށިގެން މިވަގުތު ވެސް ހުޅިދޫ ތިބިއިރު ފުލުހުން ދަނީ އެމީހުން އެ ރަށުން ފައިބަން އަންގަމުންނެވެ. ހުޅިދޫގައި އަޑުއުފުލާ މީހުން ބުނަނީ، އާރަށް އިންވެސްޓްމަންޓަށް އެ ރަށް ދިނުމަށްވެފައިވާ އެއްބަސްވުން ބާތިލް ކުރަން ޖެހޭ ކަމަށެވެ.

"ވާވު އަތޮޅު ތެރޭގައި ގުތުރަތީ ގޮތުން މިހުރި ވަސީލަތްތައް، ކުއްޔަށް ދޫކުރެވިފައި ހުރި ރަށްރަށް ގާނޫނާ ހިލާފަށް އެ ރަށްރަށުގެ ބޭނުން ކުރާތީ އަތޮޅު ކައުންސިލުން އޮންނާނީ އެދިފައި މިރަށްތައް ކައުންސިލާއި ހަވާލު ކުރުމަށް،" ހުޅިދޫ ހުންނަވާ މި ނޫހާ ވާހަކަ ދައްކަވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވި އެވެ.

ވ. ހުޅިދޫ ދަނޑުވެރިކަމުގެ މަސައްކަތަށް ކަމަށް ބުނެ އާރަށް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް 21 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، 2016 އަހަރު އެވެ. އެކަމަކު އެ ރަށުގައި ދަނޑުވެރިކަމާ ގުޅުންހުރި އެއްވެސް މަސައްކަތެއްކޮށްފައެއް ނުވެ އެވެ. އަދި މަސައްކަތްތަކެއް ކުރަން ދީފައި އޮތް މުހުލަތު ވެސް މިހާރު އޮތީ ފަހަނައަޅައި ގޮސްފަ އެވެ.

އެ މައްސަލައިގައި ޝުޖާއު އިތުރަށް ވިދާޅުވީ މި ރަށްތައް ކުއްޔަށް ދިނުމަށް ކުރިން ހަދާފައިވާ އެއްބަސްވުންތައް އެ އަތޮޅުގެ ރައްޔިތުން ބަލައި ނުގަންނަ ކަމަށާއި، އެ އެއްބަސްވުންތަކުގެ ދަށުން އެ ރަށްތަކުގައި މީހުންނަށް ނުތިބެވޭނެ ކަމަށްވެސް ކައުންސިލުން ކަމާބެހޭ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ވ. އަތޮޅުން ކުއްޔަށް ދީފައިވާ ރަށްތަކުގައި ގާނޫނާ ހިލާފަށް ކަންކަން ކުރަމުންދާތީ އެރަށްތަކުގެ ތިމާވެށި ހަލާކުވަމުންދާ ކަމަށް ވެސް ސުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މީގެން މި ފެންނަނީ ދައުލަތުގެ ވުޒާރާތަކުން ޒިންމާ ނުނަގާ، ލޯކަލް ކައުންސިލްތަކުން ކައުންސިލްތަކުގެ ޒިންމާ ނަގަން ނިކުތީމަ އެކަންތައް ވިޔަ ނުދޭން ދައުލަތުގެ ދެން ހުރި ބާރުތައް ބޭނުން ކޮށްގެން، ރައްޔިތުންނާ ދެކޮޅަށް ނިންމުންތަކެއް ނިންމަން އުޅޭ މަންޒަރު،" އޭނާ ވިދާޅުވި އެވެ.

ހުޅިދޫގައި މިއަދު ކުރިއަށްދާ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ: ވ. އަތޮޅު ކައުންސިލް


އެ މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސައިން ވިދާޅުވީ ހުޅިދޫގައި އޮތް ކުޅިއަށް ވެލިއަޅާ، ރުއްގަސް ކަނޑާ، ފަރު ހަލާކު ކޮށްފައިވާއިރު މިހާތަނަށް ދަނޑުވެރިކަމުގެ އެއްވެސް މަސައްކަތެއް އެ ރަށުގައި ކުރެވިފައިނުވާ ކަމަށެވެ.

އެ މައްސަލައިގައި މި ނޫހުން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރައީސް ސޯލިހުގެ ރިޔާސީ ވައުދާއި އެއްގޮތަށް ވާވު އަތޮޅުގެ ރައްޔިތުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. ނަމަވެސް ހުޅިދޫ އަކީ އެގްރީމެންޓެއްގެ ދަށުން ބަޔަކަށް ދޫކޮށްފައިވާ ރަށެއް ކަމަށް ވިދާޅުވި އެވެ.

"ހުޅިދޫގެ ތިމާވެއްޓަށް ގެއްލުންދީފައިވާ ކަމަށް ބުނެ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ މައްސަލައަށް އީޕީއޭއިން ދަނީ އެޓެންޑްވަމުން. މިމަހު ސައިޓް ވިޒިޓެއް ހަދާނެ،" މިއުވާން އިތުރަށް ވިދާޅުވި އެވެ.