Advertisement

މަންކީޕޮކްސް ކޭސްތައް 70،000 އަށް އަރައިފި

13 އޮކްޓޯބަރު 2022 - 05:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަންކީޕޮކްސްއަށް ބޭނުންކުރާ ވެކްސިން. -- ފޮޓޯ: ގެޓީ އިމޭޖާޒް


މަންކީޕޮކްސް ކޭސްތައް 70،000 އަށް އަރައިފި

13 އޮކްޓޯބަރު 2022 - 05:42 0

ޖެނީވާ، ސްވިޓްޒަލޭންޑް (އޮކްޓޯބަރު 12) - ދުނިޔޭގައި ފެތުރެމުންދާ މަންކީޕޮކްސް ކޭސްތަކުގެ ޖުމްލަ އަދަދު 70،000 އަށް ވުރެ މަތިވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިދިޔަ ހަފުތާގައި އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުގައި ކޭސްތައް އިތުރުވި ކަމަށެވެ. އެހެން ނަމަވެސް، އެހެން ހިސާބުތަަކުގައި ކޭސްތައް ވަނީ މަޑުޖެހިފަ އެވެ.

އެ ޖަމިއްޔާއިން ބުނީ ކޭސްތައް މަޑުޖެހޭ ވަގުތަކީ ބަލި ފެތުރުމުގައި "އެންމެ ނުރައްކާތެރި ވަގުތު" ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 70،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކުރި އިރު، 26 މީހުން މަރުވެފައިވާ ކަމަށެވެ.

"ގިނަ ގައުމުތަކުގައި ކޭސްތައް ދަނީ މަދުވަމުން. އެކަމަކު 21 ގައުމެއްގައި މިދިޔަ ހަފުތާގައި ވެސް އަދަދުތައް އުފުލުން. ގިނައީ އެމެރިކާ ބައްރުގެ ގައުމުތައް. އެއީ މިދިޔަ ހަފުތާގެ ކޭސްތަކުގެ 90 ޕަސެންޓް،" އޭނާ ވިދާޅުވި އެވެ.

"ކޭސްތައް މަޑުޖެހޭ ވަގުތަކީ އެންމެ ނުރައްކާތެރި ވަގުތު. އެއީ މި ކާރިސާ ނިމުނީ ކަމަށް ބަލައި ފަރުވާކުޑަ ކުރެވިދާނެތީ."

އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއިން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަނީ ޓެސްޓު ކުރުމުގެ ކެޕޭސިޓީ ފުޅާކޮށް، ޓްރެންޑްތައް މޮނީޓާ ކުރުމަށް ކަމަށެވެ.

އެފްރިކާގެ ބައެއް ގައުމުތަކުން ކުރިން ވެސް ފެންނަ މަންކީޕޮކްސް ދުނިޔޭގެ އެހެން ގައުމުތަކަށް ފެތުރެން ފެށީ މި އަހަރު އެވެ. މިހާތަނަށް އެމެރިކާގެ ގައުމުތަކުން 42،000 ކޭސް އަދި ޔޫރަޕުން 25،000 ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

ދުނިޔޭގެ 107 ގައުމަކުން މި ބަލި ފެނިފައިވާ އިރު، އޭގެ ތެރެއިން 39 ގައުމަކުން ފާއިތުވި 21 ދުވަސް ތެރޭގައި އެއްވެސް ކޭސްއެއް ނުފެނެ އެވެ.

އެންމެ ގިނަ ކޭސްތައް ފެނިފައި ވަނީ އެމެރިކާ، ބްރެޒިލް، ސްޕެއިން، ފްރާންސް، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ޕެރޫ، ކޮލޮމްބިއާ، މެކްސިކޯ އަދި ކެނެޑާއިންނެވެ. އެއީ ޖުމްލަ ކޭސްތަކުގެ 87 ޕަސެންޓެވެ.

މިހާތަނަށް ހުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ބަލި ޖެހޭ 97 ޕަސެންޓް މީހުންނަކީ ފިރިހެނުންނެވެ. އޭގެ 90 ޕަސެންޓް މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނެވެ. އަދި 49 ޕަސެންޓަކީ އެޗްއައިވީ ޕޮޒިޓިވް މީހުންނެވެ.