Advertisement

މުއިއްޒަށް ކުރާ ދޮގު ބަޔާނުގެ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައިކޯޓަށް

10 އޮކްޓޯބަރު 2022 - 16:15 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު؛ އޭނައަށް ކުރާ ދޮގު ބަޔާނުގެ ދައުވާ ފުރިހަމަނުވާ ކަމަށް ބުނެ ހައި ކޯޓަށް ހުށަހަޅައިފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


މުއިއްޒަށް ކުރާ ދޮގު ބަޔާނުގެ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައިކޯޓަށް

10 އޮކްޓޯބަރު 2022 - 16:15 0

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލްކުރިއިރު ހައުސިން މިނިސްޓަރަށް ހުންނެވި މުއިއްޒުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނަގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ދޮގު ބަޔާން ދިނުމުގެ ދައުވާ ފުރިހަމަނުވާތީ ދައުވާ ބޭރުކޮށްދިނުމަށް ހުށަހަޅައިފަ އެވެ.

ނަމަވެސް މުއިއްޒުގެ ފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމެއް ބަލައިގެންފައެއް ނުވެ އެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދަށު ކޯޓުގައި ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ލިބިދޭ ހައްގުގެ ބޭނުންކޮށް މުއިއްޒު ވަނީ ހައި ކޯޓުގައި ހުށަހެޅުމެއް އިސްތިއުނާފުކޮށްފަ އެވެ.

އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި މުއިއްޒުގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ދަށު ކޯޓަށް ހުށަހެޅި އެއް ހުށަހެޅުން ކަމަށެވެ. އެއީ ގާނޫނުގައި ދައުވާއެއްގައި ފުރިހަމަވާން ޖެހޭ ކަންކަން މުއިއްޒަށް ކުރާ ދައުވާގައި ނެތް ކަމަށް ބުނާ ހުށަހެޅުމެވެ.

މުއިއްޒުގެ ވަކީލުން ފާހަގަކުރައްވާ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 82 ވަނަ މާއްދާ އެވެ. އެ މާއްދާގައި ވަނީ، ތުހުމަތު ކުރެވޭ ކުށުގައި ހިންގި ކަމަށް ބުނާ އަމަލުގެ އިތުރަށް ކުށް ކުރި ކަމަށް ބުނާ ވަގުތާއި ކުށް ކުރިއިރު ހުރި ތަން ދައުވާއެއްގައި ބަޔާން ކުރަން ޖެހޭނެ އެވެ.

ކްރިމިނަލް ކޯޓުގައި މައްސަލައާ ހަވާލުވެ ހުންނެވި ގާޒީ ސޮފްއަތު ހަބީބް ފާހަގަ ކުރެއްވި ކަމަކީ މުއިއްޒު އަމަލު ހިންގެވި ތަން ދައުވާގައި ނެތަސް އޭނާ ހެކިބަސް ދިނީ ނެދަލޭންޑްސްގައި ހުންނަ އާބިޓްރޭޝަނަށްކަން ސާފުވާ ކަމަށެވެ. އަދި މިހާރު ކޮންމެ ތަނެއްގައި ހުރެ އާބިޓްރޭޝަންތަކަށް ހެކިބަސް ދެވޭނެ ކަމުގަ އެވެ.

އެ ކަމަށް ރައްދުދީ މުއިއްޒުގެ ވަކީލު މިއަދު ވިދާޅުވީ ކްރިިމިނަލް ކޯޓުގެ އެ ނިންމުން އެ ގޮތަށް ނުނިންމޭނެ ކަމަށާއި ގާޒީ ފާހަގަ ކުރެއްވި ވާގިއާތަކުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ދައުވާގައި ފުރިހަމަވީ ކަމަށް ބެލެވެން ނެތް ކަމަށެވެ.

"ވާގިއާތަކާއި ހެކިތައް ނުބެލި ނަމަވެސް، ލިޔެފައިވާ ދައުވާއަށް އެކަނި ބެލި ނަމަވެސް، ގާނޫނީ ގޮތުން ދައުވާއެއްގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ފުރިހަމަނުވާ ކަން ބެލޭނެ، މީގައި ކޮންމެހެން ވާގިއާތަކާ ހަމައަށް ރިއާޔަތްކުރާކަށް ނުޖެހޭ،" މުއިއްޒުގެ ވަކީލު ވިދާޅުވި އެވެ.

މުއިއްޒުގެ ފަރާތުން ހައި ކޯޓުގައި އެދިފައިވަނީ ކްރިމިނަލް ކޯޓުން އެ ކަމުގައި ނިންމުމެއް ނިންމުމަށް ހެކިތައް ވަޒަން ކުރި ކުރުން ބާތިލްކޮށްދިނުމަށާއި، އެ ކޯޓުން އަލުން އެ ކަމުގައި ގޮތެއް ކަނޑައެޅުމަށް ހައި ކޯޓުން އަމުރުކޮށްދިނުމަށެވެ.

މުއިއްޒު އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން


މުއިއްޒުގެ ވަކީލުންގެ ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އެ ނުކުތާގައި ކުރަން ޖެހޭ ގާނޫނީ ބަހުސެއް ވެސް ނެތް ކަމަށެވެ. އަދި އެއީ ކިތާބީ ހެކިތަކާއި ވާގިއާތައް ވަޒަންކޮށް ނިންމާފައި ނިންމުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރަށް މުއިއްޒުގެ ވަކީލުން ފާހަގަ ކުރާ ގޮތަށް މައުޟޫއީ ގޮތުން ގާޒީ ނިންމުމެއް ކަނޑައަޅާފައި ނުވާ ކަމަށާއި ޝަރީއަތުގެ ކުރިއަށް ގާޒީއަށް ނިންމެން އޮންނަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދެވޭ ކަން ނުވަތަ ނޫން ކަން ކަމަށެވެ.

އެ ގޮތަށް ނިންމުމުގައި ދައުވާއެއް ކުރެވޭ ވަރަށް ހެކި ހުރިކަން ނުވަތަ ނޫން ކަން ގާޒީ ބައްލަވާނެ ކަމަށާއި، މުއިއްޒުގެ ވަކީލުން ގެންގުޅުއްވާ "އަމިއްލަ މާނަކުރުމަކާ" އެއް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނަ ވިދާޅުވި އެވެ.

"މިއީ އިޖުރާއީ އައިބެއް މީގައި އޮތް ކަމަކަށް ޕްރޮސެކިއުޝަންސްއަކަށް ނުފެނޭ، އެ ކަމެއް އިސްތިއުނާފު ކުރާ ފަރާތް [މުއިއްޒަށް] ވެސް ބުނެދެވިފައެއް ނެތް،" ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވި އެވެ.

މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ދަށު ކޯޓުން ނިންމާ ނިންމުންތަކުގެ މައްޗަށް އިސްތިއުނާފު ކުރެވޭ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހައި ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.

މުއިއްޒަށް ކުރާ ދައުވާ؛

މުއިއްޒަށް ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ވެސް މުއިއްޒު ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފައިވެ އެވެ. ނެދަލެންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި އެއްވެސް ބަޔާނެއް ދީފައިވޭތޯ މަޖިލިސް މެންބަރުން ސުވާލު ކުރެއްވުމުން، އެއްވެސް ޖަވާބެއް މުއިއްޒު ނުދެއްވަ އެވެ.