Advertisement

ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ފަހު މެޗުގައި މިޔަންމާ އަތުން ބަލިވެއްޖެ

10 އޮކްޓޯބަރު 2022 - 12:00 0

މިޔަންމާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ސައުދީ ފެޑެރޭޝަން


ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ފަހު މެޗުގައި މިޔަންމާ އަތުން ބަލިވެއްޖެ

10 އޮކްޓޯބަރު 2022 - 12:00 0

ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފަހު މެޗުން ރޭ މިޔަންމާ އަތުން 7-0 އިން ބަލިވެއްޖެ އެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ޑީން ދެ ޓީމެއް ވަނީ އަންނަ އަހަރުގެ 17 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވެފަ އެވެ. އެއީ އެއް ވަނައިގައި ނިންމި ސައުދީ އަރަބިއްޔާ އާއި ދެ ވަނަ އަށް ދިޔަ އިންޑިއާ އެވެ. ސައުދީން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓް ހޯދައިފަ އެވެ. އިންޑިއާ ހަތަރު މެޗުގެ ތެރެއިން ބަލިވީ ފަހު މެޗުގައި 2-1 އިން ސައުދީ އަތުންނެވެ. އިންޑިއާ އަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި ނިންމާލި ކުވެއިތަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފަ އެވެ. އަދި ރާއްޖެ އަތުން މޮޅުވެ، މިޔަންމާ ވަނީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި ނިންމައިލައިފަ އެވެ. ރާއްޖެ އެންމެ ފުލަށް ދިޔައީ ހަތަރު މެޗުން ޕޮއިންޓެއް ނުލިބި އެވެ.

މިޔަންމާ އާއި ރާއްޖޭން ރޭ ކުޅުނު މެޗުގެ ތެރެއިން.---


ސައުދީ އަރަބިއްޔާގެ ދަންމާމު ސިޓީގެ، ޕްރިން ސައުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މިޔަންމާ އިން ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. އަނެއް ލަނޑުތައް ޖެހީ ދެ ވަަނަ ހާފުގަ އެވެ. މިޔަންމާ އިން މި މެޗުގައި ޖެހި ހަތް ގޯލުގެ ތެރެއިން، ހަތަރު ގޯލު ޖެހީ ސޯ ޒޯ އާއި ޕިޔާއޭ ސޯން އެވެ. ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.

އަނެއް ތިން ލަނޑު ޖެހީ މިޔާޓް ފޯން އާއި އައުން ޒޯ އަދި މިޔޯ މިން ކާންޓް އެވެ.

އިސްމާއިލް އާސިފް (ކުޑަހީނާ) އާއި އަހުމަދު ޝަރީފް (ޑުންގާ)ގެ ކޯޗުކަމުގައި ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމު ކުޅުނު ފުރަތަމަ މެޗުން 6-0 އިން ކުވެއިތު އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ވަނީ 5-0 އިން އިންޑިއާ އަތްދަށުވެފަ އެެވެ. އަދި ތިން ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 9-0 އިން ބަލިވިއިރު، ފަހު މެޗުގައި ރޭ މިޔަންމާ އިން ރާއްޖެ ބަލިކުރީ ހަތް ގޯލުންނެވެ.