Advertisement

ކުފުރުވި ހަނދޭގިރިން

9 އޮކްޓޯބަރު 2022 - 11:03 3

އަހުމަދު އަލާ ދީދީ

އަހުމަދު އަލާ ދީދީ


ކުފުރުވި ހަނދޭގިރިން

9 އޮކްޓޯބަރު 2022 - 11:03 3

ދެވަނަ ޖުމްހޫރިއްޔަތާއި އެކު ފެށުނު ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި މަދަނީ ތަރައްގީގެ ގިނަ ހަރަކާތްތަކެއް ހިންގަން ފެށުނެވެ. މި ތަރައްގީގެ އަތް އެންމެ ފުރަތަމަވެސް ދިމާކުރެވުނީ ރަށުގައި ހުރިނަމަ ހުރިހާ އާސާރުތަކާ ދިމާއަށެވެ. އެފަދަ ތަންތަން ތަޅާ ބިމާ ހަމަކުރެވުނެވެ. މި ޙަރަކާތުގެ ތެރޭގައި ފުރަމާލެ އޭ މި ކިޔުނު ރަށުގައި ހުރި ޒަމާންވީ ވަރަށް ގިނަ މިސްކިތްތަކުގެ ގަބުރުސްތާނުތައް އުވާލާ އެބިންބިމުން ގޯތި ދޫކުރެވުނެވެ. މިފަދައިން ކަންކުރުމުން އެތަންތަނުގައި ހުރި ރީތި ކުރެހުންތައް އެޅި ޒަމާންވީ މަހާނަ ގާތަކާއި ގަލުވަޑާމުގެ އެތައް ތަނެއް ނެތިދިޔައެވެ.

ރައީސް ނާސިރުގެ ދައުރުގައި މާލޭ މިސްކިތްތަކުގެ ގަބުރުސްތާނުތައް އުވާލަމުން ދިޔަ ދުވަސްވަރު، ފަނޑިއާރު މިސްކިތު ގަބުރުސްތާނުވެސް އުވާލާ ގޯތިދޫކުރިއެވެ. އެތަނުގައި ހުރި ހުރިހާ މަހާނަގަލެއްހެން ތަޅާ ސުންނާފަތި ކުރުމަށްފަހުގައެވެ. އެހެނަސް އެބުރުގައި އެ ޒަމާންވީ ގަބުރުސްތާނުން ދެ މާހަނައެއް ސަލާމަތްވިއެވެ. މި ދެ މަހާނައިންކުރެ އެއް މަހާނައަކީ އިހު ޒަމާނުގައި އުޅުއްވި ފަޤީހު 7 ބެއިން ކުރެ އެއް ބޭކަލެއްގެ ޒިޔާރަތެވެ. އަނެއް މަހާނައަކީ ވަރަށް ބޮޑު ގަލެއް ޖަހާފައި ހުރި މަހާނައެކެވެ.

ބޮޑު ގައު ޖެހި މަހާނަހުރީ މިސްކިތު ގިބުލަ ފަރާތާއި ދިމާއިން ގޯތިތެރޭގައެވެ. ދާދި އިހަށް ދުވަހާއި ހަމައަށް އެ މަހާނަ ފެންނަން ހުއްޓެވެ. އެތަން ނައްތާލެވުނީ 2014 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ފަރާތަކުން މިސްކިތް ބޮޑުކުރުމަށްޓަކައި ކުރިން ހުރި މިސްކިތް ތަޅާލުމުގެ ތެރޭގައެވެ. މި ބުނެވުނު ބޮޑުގައު ޖެހި މަހާނަ އާއި ގުޅިފައިވާ ފޯކުލޯރު ވާހަކައެއްވެސް ވެއެވެ. ދިވެހި ފޯކުލޯރ ދިރާސާކުރައްވާ ފަރާތްތަކަށް ގައިމުވެސް މުހިންމު އާސާރަކަށް އެގައު ވާނެއެވެ.

ފަނޑިޔާރު މިސްކިތު ގިބުލަ ފަރާތުގައި ހުންނަ އެ ބޮޑު ގަލާއި މެދަށް އަޅުގަނޑު ކުޑައިރުވެސް ޝައުގުވެރިވެއެވެ. އެހާ ބޮޑުގަލެއް ޖަހާފައި އެހުރީ ކޮން ބޭކަލެއްގެ މަހާނައިގައިބާ އޭ ހިތަށް އަރައެވެ. ސުވާލު ގިނަ ކުއްޖަކަށްވާތީ އެއީ ކާކުތޯ އަޅުގަނޑު ސާފުކުރީމެވެ. ލިބުނީ ސުވާލު އުފެދޭ ކަހަލަ ޖަވާބެކެވެ. ބުނެވުނެވެ. އެއީ "ކުފުރުވި ހަނދޭގިރިން"ގެ މަހާނައެވެ. ދެން އަނެއްކާވެސް ސުވާލުކޮށްފީމެވެ. އޭނާއަށް ކުފުރުވި ހަނދޭގިރީންނޭ ކިޔަނީ ކީއްވެގެން ހެއްޔެވެ؟

ކުފުރުވި ހަނދޭގިރިންނޭ ކިޔުނު ސަބަބާއި މެދަށް ޖަވާބަކަށް ލިބުނު "ކުޑަ ބަސްކޮޅެއް" އަޅުގަނޑުގެ އަމިއްލަ ސީޣާއިން ވާހަކައެއްގެ ގޮތަށް ތިރީގައި ބަޔާންކުރަމެވެ.

އިހު ޒަމާނުގައި މި ދިވެހިރާއްޖޭގައި ހުންނެވި ރަސްކަލެކެވެ. މި ރަސްގެފާނުން ރަސްކަން ކުރައްވާން އިންނަވާތާ ޒަމާނުން ގިނަ ދުވަސްވެފައި ވަނިކޮށް، ދަރިކަނބަލަކައިގެން މި ރަސްގެފާނުންގެ ރަނިކިލަގެ ރައްކައުވެއްޖެއެވެ. ލލިބިވަޑައިގެންނެވި ތުއްޕުޅު ކަނބާފާނުން އުފާ ފާގަތިކަމާއި އެކު ގަނޑުވަރުގައި އެބަހަރަ ބޮޑުފުޅުވަމުން އާދެއެވެ. މި ކަނބާފާނުންގެ އާދައެއްކަމުގައި ވެފައިވަނީ އެކަނި އިންނަވާން ޖެހިވަޑައިގެންފިނަމަ ކީރިތި ކުރެއްވުމެވެ. މިހެންކަމުން ތުއްޕުޅު ދަރިކަނބަލުން އަރިހުގައި އަބަދުމެ ކޮންމެވެސް ޚައްދާމަކު ބަހައްޓަވައިފައި ހުރެއެވެ. އަވަހާރަފުޅުގައި އޮންނަވާ ގަޑީގައިވެސްމެއެވެ. ދަރިކަނބަލުންގެ މި ޠަބީޢަތާއި މެދަށް ރަސްގެފާނާއި ރަނިކިލަގެ މާބޮޑު ފިކުރުފުޅެއް ނުކުރައްވައެވެ. އެހެނީ އެއީ ކުޑަކުދީން ކިބައިގައި ހުރެދާނޭ ޠަބީޢީ ސިފައެއްކަމުގައި ދެކެވަޑައިގަންނަވާތީއެވެ.

މިގޮތަށް ދުވަސްތަކާއި މަސްތައް ވޭތިވަމުން އަހަރުތައް ފާއިތުވަމުން ހިނގައްޖެއެވެ. ތުއްޕުޅު ދަރިކަނބަލުންވެސް ލިބާސް ތުރުކުރައްވާ ޢުމުރުފުޅަށް އަރައްޖެއެވެ. އެހެންނަމަވެސް އަދިވެސް އެކަނބާފާނުން ކިބައިގައި ތުއްޕުޅު އިރުއްސުރެ ހުރި ޠަބީޢީ ސިފަ ފިލާ ދިޔަކަމުގައި ނުވެއެވެ. ހަމަ އެއްވެސް ވަގުތެއްގައިމެ އެކަނި އިންނަވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. އަވަހާރަ ގަނޑުވަރުކޮޅުގައި އުޅުއްވާ އިރުވެސްމެއެވެ.

ދެން މިކަމާ ރަދުން ފިކުރުފުޅު ބޮޑު ކުރައްވަވާ ދަންޑެހެލުންނާ ކަލާސީން ގެންނަވާ ވިދާޅު ބަސްފުޅު އިއްވަވައިފިއެވެ.

" ތިމަން މަނިއްޕުޅަށް އުފަން ކަނބާފާނުންގެ ޚަބަރު ތިޔަ ބޭކަލުން ވެސް އައްސަވާނޫއެވެ. އެއްވެސް ވަގުތެއްގައިމެ އެއްވެސް ތަނެއްގައި އެކަނި އިންނަވާކަށް އެ ކަނބާފާނުންނަށް ކެރިވަޑައެއް ހަމަ ނުގަންނަވަނީއެވެ. މާބޮޑަށް އެކަމާ ބިރުފުޅު ގަންނަނީއެވެ. މިކަމަކާއި ހުރެ ތިމަން ރަދުންގެ ފިކުރުފުޅު މިހާރު ލައްކަ ބޮޑުވެއްޖައޫއެވެ. ވީމާ ތިޔަ ބޭކަލުން މިކަމަށް ފަރުވާއެއް ހޯދުމަށް އޮޑިކޮޅައިގެން ދުރުވެ އުތުރުން ނަންހުރި ބޭސްވެރީންނާއި ދެކުނުން ކަންވެރީން ހޯދައިގެން ގެނެސްދެއްވާށެވެ....."

މި ވިދާޅު ބަސްފުޅު އައްސަވާ އާދޭހޭ ދަންނަވާފައި އެބޭކަލުން ދަތުރައިގެން މަޝްޣޫލުވެ އުޅުމަށް އެނބުރި ހިނގައްޖައޫއެވެ.

ރަސްގެފާނުން މި ވިދާޅު ބަސްފުޅު އިއްވެވި ރޭ ފަތިހުގައި ކަނބާފާނުންނަށް މާގަދަ ހުންފުޅެއް ޖެހިވަޑައިގެންފިއެވެ. މިކަމުގެ އަސްލަކަށްވީވެސް އެކަމަނާ އަވަހާރަފުޅުން ތެދުވަޑައިގެންނެވި އިރު އަރިހުގައި ތިބެން ޖެހޭ ގަހުރަމާނުންގެ ދެކުދީން ނެތިގެން އެކަމާ ގަތް ބިރުފުޅަކުންނޭ ވެސް ބުނެވުނެވެ. ދެން ކޮންމެއަކަސް މިކަމާ ރަސްގެފާނުން ނުލާހިކު ހިތާމަ ކުރައްވަވާ އެއިރު ރަށުގައި ގާއިމުވެ ތިބިނަމަ ތިބިހާ ހަކީމުންނަކާއި ކަންވެރީންނެއް ގެންނަވާ އެކަމަނާއަށް ފަރުވާ ކުރައްވަން ފައްޓަވައިފިއެވެ.

ކަންވެރީން ތަށިތައްޓަށް ފުމެފުމެފައި ކަނބާފާނުންގެ އިސްތަށިފުޅަށް ފެން ބުރުއްސަނީއެވެ. ޙަކީމުން އޮޑި ހަނުގައި ބޭސް ގާނަގާނާފައި ހަށިކޮޅުގައި އުނގުޅަނީއެވެ. އެހެނަސް މިއިން އެއްވެސް ކަމަކުން އެކަމަނާއަށް ލުޔެއް ލިބިވަޑައިގަންނަވަމުން ދާކަމަކަށް ނުފެނެއެވެ. މިފަދަ ދެރަ ޙާލުކޮޅެއްގައި ދެތިން ދުވަހު އޮންނެވުމަށްފަހު ކަނބާފާނުން އަވަހާރަވެއްޖެއެވެ. މިކަންވީ ރަސްގެފާނަށް ކެތްކުރައްވާން ދަތި ކަމަކަށެވެ. ދެން ކިޔެވެނީންނާއި އެދުރުބޭކަލުންނާއި ހިނަވަނީންނައިގެން ލަޝްކަރީން ގަނޑުވަރަށް ހާޟިރުވެ އެކަމަނާ ސަންދޯއްޕުޅުގައި ވެޑުވުމުގެ ހުއްދަ ވިދާޅު ބަސްފުޅަށް އެދިއްޖެއެވެ. ޖެހިވަޑައިގެންފައިވާ ހިތާމަފުޅަށްވުރެ މި ކަންތައް ރަސްގެފާނަށް ވަކީން ބޮޑުވެއްޖެއެވެ. އެހެނީ އެކަމަނާ ސަންދޯއްޕުޅުގައި ވަޑުވާން ޖެހެނީ އެކަނިކަމަށްވާތީއެވެ.

ދެން މިކަމާއި ފިކުރުފުޅު ބޮޑުކުރައްވަވާ ރަށުގައި ކުރިޔަށް ތިއްބެވިނަމަ ތިއްބެވިހައި ބޮޑުން އެއްކުރައްވަވާ މަޝްވަރާކުރައްވަވައިފިއެވެ. ވިދާޅުވިއެވެ.

" ދަރިކަނބަލުން ދުނިޔެ ދޫކުރެއްވީ ވެސް އެކަނި އޮންނަވާން އަދި އިންނަވާން ކެރިވަޑައިނުގަތުމުގެ ސަބަބުންނެވެ. ވީމާ ސަންދޯއްޕުޅުގައި އެކަމަނާ އެކަންޏަށް ވަޑުވާކަށް ތިމަން މަނިއްޕުޅަކަށް ނުކެރޭނޫއެވެ. ތިމަން މަނިއްޕުޅުގެ ދަރިކަނބަލުންނާއި އެކު ސަންދޯއްޕުޅަށް އެރެން ކެރޭނޭ ބޭކަލަކު ތިޔައިގެ ތެރޭގައި ނެތް ހެއްޔެވެ؟ މިކަން ކޮށްދެއްވާނެ ބޭކަލެއްގެ ދަރިމިރުމިނީންނަށް ދާންދެން މަސައްކަތެއް ނުކޮށް ކައިގެން ބޮއިގެން އުޅެވޭވަރުގެ ހަދިޔާއެއް ތިމަން ރަސްގެފާނުން ދެއްވާހުށީމެވެ"

މި ބަސްތައް އައްސަވާ ހަނދޭގިރިން (ދާޚިލީ ވަޒީރު) ކުރިޔަށް ޖެހިލައްވާ ދަންނަވައިފިއެވެ.

" މާތް ރަސްގެފާނެވެ. އަޅުގަނޑު މިހުރީ ތައްޔާރަށެވެ. އެކަމާނާ އާއި އެކު ސަންދޯއްޕުޅުގައި އޮވެދާނަމެވެ. އެހެނަސް ދެއްވާން ވިދާޅުވި ހަދިޔާ ފަތްލިޔެ ގަރާރުކުޅައުމުގެ ކުރިޔަށް އެކަން ކުރެވޭކަށް ނެތެވެ"

ހަނދޭގިރިންގެ މި ވާހަކަ އަޑުއައްސަވާ އިސާހިތަކު ފަތްލިޔާކަލޭގެ ގެންނަވައި ހަނދޭގިރި ތަކުރުފާނުގެ ދަރިމިރުމިނީންނަށް މައްޗަށް އެތައް ހިންނައަކާއި ރުއްގަނޑުގަނޑާއި ފަޅުރަށެއް ދެއްވާ ފަގުފުކޮށްދެއްވާ ފަތްލިޔެ ގަރާރުކޮށްދެއްވައިފިއެވެ. މިހިނދުން ދެން ލަޝްކަރީންނަށް ބެރުޖައްސަވާ ކަނބާފާނުން ސަންދޯއްޕުޅުގައި ވަޑުވައިފިއެވެ. ހަމަ އެއާއި އެކު އެހެން ސަންދޯކަކަށް ހަނދޭގިރިން ލައްވަވާ މާލޭ ފަނޑިޔާރު މިސްކިތުގައި ބޮޑު އެއްވަޅު ކޮނެފައި އެ ވަޅުގައި ދެ ސަންދޯއް ބަހައްޓައި ފަސްލައިފޫއެވެ.

މިޔަށްފަހުގައި އެ ހަނދޭގިރިންގެ ނަން އާއްމުވެ މަޝްހޫރުވެފައި ވަނީ ކުފުރުވި ހަނދޭގިރިންގެ ނަމުންނެވެ.

ހަނދޭގިރިން ކުފުރުވި ގޮތާއި ގުޅިފައިވާ ހާދިސާއަކީ މިއީއެވެ. އިހުގައި ކުފުރުވި ހަނދޭގިރިންގެ މަހާނަ އާއި ޖެހިގެން ހަމަ އެފަދަ ބޮޑު އަންހެން ގަލެއްވެސް ހުރިކަމުގައިވެއެވެ. އެއީ އެ ކަނބާފާނުންގެ މަހާނަކަމުގައި ބެލެވެއެވެ. ކޮންމެއަކަސް މި ގަލާއި ބެހޭގޮތުން "މާލޭ މިސްކިތްތައް" ކިޔުނު ފޮތުގައި ބަޔާންވެގެންވަނީ އަންނަނިވި ފަދައިންނެވެ.

" މި ޤަބުރުސްތާނުގެ ތެރޭގައި ހުރި "ކުފުރުވި ހަނދޭގިރިންގެ މަހާނަ" އެވެ ކިޔައި މަހާނައިގައި ހުރި ގަލުގައި އެއްވެސް ލިޔުމެއްނެތެވެ. ނަމަވެސް މިގާގަލަކީ އާދަޔާ ޚިލާފު ބޮޑެތި ގައުކަމުގައިވާތީ އޭގެ މިންތައް ބަޔާންކޮށްލުމަކީ ބޭނުންކަމެއްކަމުގައި ދެކެމެވެ.

ގަލުގެ ދިގުމިން 7 ފޫޓު 1 އިންޗި

ގަލުގެ ފުޅާމިން 2 ފޫޓު 11 އިންޗި

ގަލުގެ ބޯމިން 7 އިންޗި

މިޔާއި ޖެހިގެން އިރުން ހުރީވެސް ވަރަށް ބޮޑު ގާ ހުރި މަހާނައެކެވެ. ނަމަވެސް މިއީ އަންހެން ދެގަލެވެ...."

( މާލޭގެ މިސްކިތްތައް/ ފަނޑިއާރު މިސްކިތް/ ސަފުޙާ 71)

މި މުހިންމު ފޯކުލޯރާއި ގުޅިފައިވާ އާސާރީ ގައު މިހާރު އޮތީ ގައުމީ ދާރުލް އާސާރު ގޯތިތެރޭގައެވެ. އަޅުގަނޑުގެ ނަޒަރުގައި މާލޭގެ ފަތުރުވެރިކަމުގެ ސަރަޙައްދުގެ ތެރެއިން ކޮންމެވެސް ދިމާއެއްގައި އެގައު ބަހައްޓައިގެން "ޓޫރިސްޓު އެޓްރެކްޝަނެއްގެ" ގޮތުގައި އެއީ ވިއްކޭނެ އާސާރެކެވެ. އެއާއި އެކުގައިވާ ވާހަކަ ގައިޑުންނަށް ދަސްކޮށްދީ ފަތުރުވެރީންނަށް ކިޔައިދީގެންނެވެ. ކޮންމެއަކަސް ދިވެހި ފޯކުލޯރުގައި ކިޔާ ކުފުރުވި ހަނދޭގިރިންނަށް ވީގޮތަކީ މިއީއެވެ.