Advertisement

ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހިދާނެ

9 އޮކްޓޯބަރު 2022 - 13:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުރަމަތީގެ ކެންސަރު ޖެހޭ ގިނަ ފިރިހެނުންނަކީ އުމުރުން 60 އަހަރުން މަތީގެ މީހުން.


ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހިދާނެ

9 އޮކްޓޯބަރު 2022 - 13:43 0

އަންހެނުންނާ އެއް ގޮތަށް ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހިދާނެކަން ގިނަ ބަޔަކަށް ނޭނގެ އެވެ. ފިރިހެނުންގެ ހަށިގަނޑުގައި ކުޑަ މިންވަރަކަށް "ބްރެސްޓް" ނުވަތަ އުރަމަތީގެ ޓިޝޫ ހުރެ އެވެ. އެހެންކަމުން ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެކަމަކު ފިރިހެނުންގެ މެދުގައި އުރަމަތީގެ ކެންސަރު ފެންނަނީ ވަރަށް މަދުންނެވެ. އިނގިރޭސިވިލާތުގައި ކޮންމެ އަހަރަކު 370 ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އާއްމުކޮށް އުރަމަތީގެ ކެންސަރު ޖެހެނީ އުމުރުން 60 އަހަރުން މަތީގެ ފިރިހެނުންނަށެވެ.

ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު ބައެއް ކަންކަމަކީ އެ ބަލީގެ ނުރައްކާ ބޮޑުވާ ކަންކަމެވެ. އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. އެކަމަކު މިއީ ޒުވާން ފިރިހެނުންނަށް ވެސް ކުރިމަަތިވެދާނެ ކަމެކެވެ.

ހަށިގަނޑުގައި އޮސްޓްރޮޖެން މިންވަރު މަތިވުމަކީ އަނެއް ސަބަބެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނެއްގެ ގައިގައި އޮސްޓްރޮޖެން ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިކޮށް ހުންނަ ނަމަ އުރަމަތީގެ ކެންސަަރު ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

އޮސްޓްރޮޖެން މިންވަރު މަތިވާން ދިމާވާ ބައެއް ސަބަބުތައް:

  1. ދިގު މުއްދަތަށް ފުރަމޭއަށް ގެއްލުމެއް ލިބިފައިވުން (ސިރޯސިސް)
  2. މާ ބޮޑަށް ފަލަވެ، ބަރުދަން އިތުރުވުން
  3. ބައެއް ޖެނެޓިކް މައްސަލަތައް

އޭގެ އިތުރުން ކުރިން ރޭޑިއޯތެރަޕީ ހަދާފައިވާ ފިރިހެނުންނަށް އުރަމަތީގެ ކެންސަަރު ޖެހުމުގެ ފުރުސަތު ބޮޑެވެ. އާއިލާ ތެރޭގައި ކުރިން އުރަމަތީގެ ކެންސަރު ފާހަގަވެފައި ތިބި ފިރިހެނުންނަށް ވެސް ބަަލި ޖެހުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އޮންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެއީ އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވާ ޖީންއެއް އާއިލާ ތެރެއިން ވާރުތަވާތީ އެވެ.

އުރަމަތީގެ ކެންސަަރު ދެނެގަންނަަން އަންހެނުންނާއި ފިރިހެނުން ވެސް ބަލަން ޖެހެނީ އެއް ގޮތް ކަންތައްތަކަށެވެ. އެގޮތުން މޭ މަތީގައި ގޮށެއްލާފައި ހުރުމަކީ އެންމެ އާއްމު އަލާމާތެވެ. އެ ގޮށުގެ ސަބަބުން ގިނަ ފަހަރަށް އެއްވެސް ތަދެއް އިހުސާސް ކުރާކަށް ނުޖެހެ އެވެ.

އޭގެ އިތުރުން އުރަމަތިން ޑިސްޗާޖެއް އައުން ވެސް އަލާމާތްތަަކުގެ ތެރޭގައި ހިމެނެ އެވެ. ބައެއް ފަހަރު އެ ޑިސްޗާޖުގައި ލޭ ހިމެނުން އެކަށީގެންވެ އެވެ. މޭ މަތި ދުޅަވުމާއި، ކިހިލިފަތުގައި ގޮށްލުން އަަދި "ނިޕްލް" އަށް ބަދަލު އައުން އަދި ތަދުވުން ވެސް އަލާމާތްތަކުގެ ތެރޭގައި ހިމެނެ އެވެ.

އުރަމަތީގެ ކެންސަރަށް ޝައްކުވާ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ. ޑޮކްޓަރަށް ދައްކާ އިރު، ކިހިލިފަތަށް އަަދި "ކޮލާބޯން" އާ ހަަމައަށް ހަށިގަނޑަށް އެއްވެސް ބަދަލެއް އަންނަ ކަމަށް ފާހަގަވާނަމަ އެކަން ހިއްސާ ކުރަން ވާނެ އެވެ.

މައުލޫމާތު ނެގީ ބްރެސްޓް ކެންސާ ނައު ޑޮޓް އޯގް އިން