Advertisement

ބޮޑު ހިޔާނާތް: ދައުވާކުރަން މަޝްވަރާކުރާ ލިސްޓުގެ ކުރީގައި ރެޑްވޭވް ސަލީމް އަދި ރިޔާޒް ރަޝީދު

6 އޮކްޓޯބަރު 2022 - 11:18 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ބޮޑު ހިޔާނާތް: ދައުވާކުރަން މަޝްވަރާކުރާ ލިސްޓުގެ ކުރީގައި ރެޑްވޭވް ސަލީމް އަދި ރިޔާޒް ރަޝީދު

6 އޮކްޓޯބަރު 2022 - 11:18 0

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުވާ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ މީހުންގެ ތެރޭ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި މަޖިލީހުގެ ވިލުފުށި ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ހިމެނޭކަން އެނގިއްޖެ އެވެ.

ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ވެރިޔަކަށް ހުންނެވި އަބްދުﷲ ޒިޔަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް އެކަންޏެވެ.

ނަމަވެސް، އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް މިދިޔަ މަހުގެ މެދެއްހާ ތަނުގައި ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވާއިރު، އެކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު "އަދަދު"އަށް ބުނީ އިތުރު ފަސް މައްސަލައެއްގައި ދައުވާ ކުރުމަށްޓަކައި ޕީޖީ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.

"މީގެތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލާގައި ހިމެނޭ އަމިއްލަ ފަރުދުންނާއި ކުންފުނިތައް ވެސް ހިމެނޭ،" އޭސީސީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވި އެވެ.

އޭގެ ތަފްސީލެއް އޭސީސީން އަދި ހާމަކޮށްފައިނުވި ނަމަވެސް، "އަދަދު"އަށް އެނގިފައިވާ ގޮތުގައި ދައުވާ ކުރަން މަޝްވަރާ ކުރަމުންދާ ފަސް ފަރާތުގެ ލިސްޓުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ސަލީމް އާއި ރިޔާޒް ރަޝީދު ހިމެނެ އެވެ.

މީގެ އިތުރުން، ލިސްޓުގައި ޕޮޕިއުލާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއް ހިމެނެ އެވެ. އެއީ ރިޔާޒް ރަޝީދުގެ ދެ ދަރިންގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭސީސީން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ހިޔާނާތުގެ ފައިސާގެ ތެރެއިން ރިޔާޒަށް ލިބުނު 455،000 އެމެރިކާ ޑޮލަރު އޭނާގެ މެރީޑިއަން ކުންފުނި މެދުވެރިކޮށް ޕޮޕިއުލާ މޯލްޑިވްސް ކުންފުންޏަށް ދެ ފަހަރެއްގެ މަތިން ޓްރާންސްފާކޮށްފައިވާ ކަމަށެވެ.

އަދި އޭގެ ފަހުން، އެމްއެމްޕީއާރުސީ ހިޔާނާތުގެ މުއާމަލާތްތައް ތަހުގީގުކުރި ބޭރުގެ އެންޖީއޯއެއް ކަމަށްވާ އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިން ޕްރޮޖެކްޓް( އޯސީސީއާރްޕީ) އިން ބުނީ ބޮޑު ހިޔާނާތުގެ ތެރެއިން ތ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ އޮޅުގިރި ކުރީގެ ސަރުކާރުގައި ޕޮޕިއުލާ މޯލްޑިވްސްއަށް ދީފައިވާ ކަމަށެވެ.

ދެން އެ ލިސްޓުގައި ހިމެނެނީ އަބްދުﷲ އާސިމްގެ އިތުރުން ޝިމާލް ނަމަކަށް ކިޔާ މީހެކެވެ. އަބްދުﷲ އާސިމް އަކީ ބޮޑު ހިޔާނާތް ހިންގުމުގައި އިސްކޮށް ހުރި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބޮޑުބޭބެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް މަޖިލީހުން އެކުލަވާލި ލިސްޓުގައި މަޖިލީހުގައި މިހާރު ތިބި 16 މެމްބަރުން ހިމެނޭއިރު، ސަލީމަށް 26.57 މިލިއަން ރުފިޔާ ލިބުނު ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އެ މައްސަލާގައި މީގެ އަހަރެއްހާ ދުވަސް ކުރިން ސަލީމް އޭސީސީއަށް ހާޒިރުކުރިކަން ވެސް އެނގިފައިވެ އެވެ.

މަޖިލީހުން މީގެ އަހަރެއްހާ ދުވަސް ކުރިން އެކުލަވައިލި ލިސްޓުގައި މަޖިލީހުގެ ކުރީގެ 44 މެމްބަރަކަށް މަންފާވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މިގޮތުން، ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދަށް 17.17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.