Advertisement

ބައި-އިލެކްޝަންތައް މަދުކުރަން ނަޝީދުގެ ތާއީދެއް ނެތް

5 އޮކްޓޯބަރު 2022 - 12:12 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް


ބައި-އިލެކްޝަންތައް މަދުކުރަން ނަޝީދުގެ ތާއީދެއް ނެތް

5 އޮކްޓޯބަރު 2022 - 12:12 1

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބޭއްވުން މަދުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ބަދަލު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ބިލުގައިވާ ގޮތުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ބާއްވަން ވާނީ އަހަރަކު އެއް ފަހަރު އެވެ.

"ޑަބްލިއުޑީސީ އިންތިހާބަކަށް ހަރަދުކުރަނީ އެއް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ، އެއީ ގާތްގަނޑަކަށް މިތާނގެ ސައިގެ ހަރަދު، ޑިމޮކްރެޓިކް އެކްސަސައިޒެއް އިންތިހާބަކީ. އަދި މި ހަރަކާތް ގިނައިން ހިންގި ވަރަކަށް ރައްޔިތުން އަހުލުވެރިވޭ ޑިމޮކްރެސީއަށް،" މި ބިލުގެ ބަހުސްތެރެއިން ނަޝީދު ވިދާޅުވި އެވެ.

އިންތިހާބުތައް ގިނައިން ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މަގުބޫލުކުރަން ހުރި ނެތް މިންވަރު ވެސް "ދޭތެރެ ދޭތެރެއިން" ސާފުވެގެން ދާ ކަމަށެވެ.

"އެހެންނޫނިއްޔާ ދެން އޮތްހާ ވެސް ގޮތަކީ ތިމަންނާއަކީ އެންމެ ރުހޭ މީހާއޭ އަމިއްލައަށް ވިދާޅުވަމުން އަޅުގަނޑުމެން ކޮންމެ މީހަކު ހިނގަމުން ދިއުން. އިންތިހާބެއް ނިންމާލީމާ އެބަ އެނގޭ ތިމަންނާގެ އޮތީ 40 ޕަސެންޓުކަން، ނުވަތަ 30 ޕަސެންޓުކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބުތައް ބާއްވާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރަނީ "ކެމްޕެއިނު ކުރުމަށް ދަތިވާތީ" ކަމަށެވެ. އަދި، މިކަމާ މެދު މެންބަރުން ވިސްނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމެއް ނޫނެވެ.

ގާނޫނުތައް މި ގޮތަށް އިސްލާހުކުރަން ހުށަހަޅާފައިމިވަނީ، ހާއްސަކޮށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުން އާންމުވެ، ބައި-އިލެކްޝަންތައް ބޭއްވުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، މިދިޔަ އަހަރު އަންހެނުންގެ ކޮމިޓީތަކުގެ 11 ބައި އިލެކްޝަން އަދި މި އަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 20 ބައި އިލެކްޝަން ވަނީ ބާއްވަންޖެހިފަ އެވެ.

އިންތިހާބުތަކަށް އީސީއަށް 1.5 މިލިއަން ރުފިޔާގެ ބަޖެޓެށް ކަނޑައެޅިފައިވާއިރު، އަންހެނުންގެ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވައިގެން މި އަހަރު މިހާތަނަށް 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.