Advertisement

އަޒުހާން ހޯދުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް

3 އޮކްޓޯބަރު 2022 - 10:39 3

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އަޒްހާން ކަމަށް ބެލެވޭ މީހާގެ ހަށިގަނޑު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ހަށިގަނޑު ފެނުނު އިރު އޮތީ ދުވަސްވެ، ކުނިވެފައި -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އަޒުހާން ހޯދުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް

3 އޮކްޓޯބަރު 2022 - 10:39 3

ހުޅުމާލެ ފޭސް އެކެއްގައި ހުރި ގެސްޓު ހައުސްއަކުން ކާރެއްގައި ހިޔާ ފްލެޓް 13 ވަނަ ޓަވަރަށް ގޮސް އެ ޓަވަރަށް އެރުމަށްފަހު ސެޕްޓެމްބަރު 18، ގެ ފަތިހު 4:53 ހާއިރު އެ ޓަވަރު ކައިރިން ހުދުކުލައިގެ ޓެކްސީއަކަށް އަރައިގެން ފޭސް އެކެއްގައި ހުރި ގެސްޓް ހައުސް ސަރަހައްދަށް އޭނާ އެނބުރި ދިޔަ އެވެ. އެއަށް ފަހު އިއްޔެއާ ހަމައަށް އޭނާގެ އެއްވެސް މައުލޫމާތެއް ނޭނގެ އެވެ.

މިއީ ހ. ބޮނޑިކަނދޮޅުގޭ، މުހައްމަދު އަޒުހާން، 27، އެންމެ ފަހުން ފެނުނު ކަމަށް އިއްޔެއާ ހަމައަށް ގަބޫލުކުރެވިފައި އޮތް ސަރަހައްދެވެ. ފުލުހުން ފަހުން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި އޭނާ ފެނުނީ ފޭސް އެކެއް ނިމޭ ހިސާބުގައި އޮންނަ ރެޑްބުލް ޕާކު ކައިރިންނެވެ. ގިނަ ބަޔަކު ގޮސް އުޅޭ އެ ސަރަހައްދަކީ ހުޅުމާލެއިން މާލެ ދިއުމަށް ބޭނުންކުރާ ބޮޑުމަގާއި އިންވެގެން އޮންނަ ޕާކެކެވެ.

އިއްޔެ އިރުއޮއްސުނު ވަގުތު އަޒުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެ ހަށިގަނޑު ފެނުނު ސަރަހައްދާ ރެޑްބުލް ޕާކާ ދެމެދު 200 މީޓަރުގެ ދުރުމިނެއް ވެސް ނުހުންނާނެ އެވެ. އެއީ، ނިރޮޅު މަގުގެ ކަނާތް ފަޅިން ބޯޑެތި ގަސް ހެދި ވެލި ފުނިތަކެއް ޖަހާފައިވާ ސަރަހައްދެކެވެ.

އެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމުން ޕޯސްމޯޓަމަކަށް ފަހު މެނުވީ އެއީ އަޒުހާނުކަން ޔަގީންކޮށް ބުނެވެން ނެތެވެ. ނަމަވެސް، ފުލުހުން ބުނަނީ އެއީ އަޒުހާންގެ ހަށިގަނޑު ކަމަށް "ވުމުގެ ފުރުސަތު ބޮޑު" ކަމަށެވެ.

މިއީ ތަހުގީގުގައި ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށްވާއިރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އޭނާ ގެއްލުނުތާ ދެ ހަފުތާ ވެގެންދިޔައިރު އެ ސަރަހައްދު ބަލާ ފާސްކޮށްފައި ނުވާތީ، މިކަމުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބުނަމުންނެވެ.

އިއްޔެ ފުލުހުން ބުނީ އަޒްހާން ފެނުނު ސަރަހައްދު ކުރިން ބަލައި ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް ހަށިގަނޑު އެއިރު ނުފެނުނު ކަމަށެވެ. އަދި، ހަށިގަނޑު ސީދާ ފެނުނު ސަރަހައްދު މީގެ ކުރިން ފުލުހުން ނުބަލާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ސީސީޓީވީ ކެމެރާތަކުން ފެނުނީ މިއަށްވުރެ ތަންކޮޅެއް ދުރުގައި މީހާ އުޅޭ ތަން. މި ހިސާބުގަނޑު ސާޗް ކުރެވިފައި އިނީ. އެކަމަކު އަނެއްކޮޅު ސާޗެއް ނުކުރަން. ވޯޓާ ޕާކުގެ ކުރިއަށް މި އޮތް ބިން ސާޗް ކުރީ މިއަދު [އިއްޔެ]،" އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވި އެވެ.

މި ނޫހާ ވާހަކަ ދެއްކި ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ، ތަހުގީގުގައި ހޯދުނު ކުރިއެރުންތަކަށް ބަލައި ފުލުހުން ބަލައި ފާސްކުރީ މަގުގެ އަނެއް ފަޅި ކަމަށެވެ. އެއީ ވޯޓާ ޕާކު ހުންނަ ސަރަހައްދެވެ. އެތަނާއި، އެ ސަރަހައްދުގެ މޫދު ވެސް އަޒުހާން ހޯދުމުގެ ގޮތުން ފުލުހުން ބެލި އެވެ.

"އެންމެފަހުން ފެނުންތަނާ އިންވެގެން އޮތް 200 މީޓަރު ހަމަނުވާ ‘ދަނޑުވިނަ’ ކޮއްޓެއް ބަލާނުލެވި 2 ހަފްތާ ވުމަކީ ފަރުވާ ކުޑަކަމުގެ އިންތިހާ،" މި މައްސަލައިގެ ތަހުގީގާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

"ފުލުހުންނަށް އެ މީހުންގެ ވަޒީފާ އަދާ ނުކުރެވޭކަން ވަރަށް ސާފު."

މިއީ ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް ފުލުހުންނަށް އަމާޒުވަމުންދާ ފާޑުކިޔުމެވެ. ހުޅުމާލެ އަކީ ޖަންގަލީއެއް ނެތް ތަނެއް ކަމަށާއި ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުރި ތަނަކަށްވާއިރު ގެއްލުނު މީހެއް ހޯދަން 14 ދުވަސް ހޭދަވުމުން އެކަމާ އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

"ފުލުހުންނަށް މިލިއަނުން، މިލިއަނުން ހަރަދުކުރާއިރު، އަދާކުރަން ޖެހޭ ޒިންމާ ވެސް އަދާ ނުކުރެވޭ،" ފުލުހުންގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރާ ކަމަށް ޓްވިޓަރުގައި މީހަކު ބުންޏެވެ.

ވަކިން ހާއްސަކޮށް މި މައްސަލައިގައި "ހޯމަސައިޑް" ތަހުގީގެއް ކުރިއަށްދާއިރު ގެއްލުނު ތަނާ ކައިރީގައި ހުސްކޮށް އޮތް ހަމައެކަނި ސަރަހައްދު ބަލައި ފާސްކޮށްފައި ނެތުމަކީ ފަރުވާ ކުޑަކޮށްލުމެވެ. އެންމެ ކުޑަމިނުން އެތަނުގެ މަތިން ޑްރޯން ދުއްވައިގެން އޭނާގެ ހަށިގަނޑު ލޮކޭޓު ކުރުމުގެ ފުރުސަތު ވެސް އޮތެވެ.

"ދެ ހަފްތާ ވެއްޖެ އޭނާ ގެއްލުނުތާ. އޭނާ ކަމަށް ބެލެވޭ ހަށިގަނޑު ފެނުނީ އެންމެފަހުން ސީސީޓީން ފެނުނު ސަރަހައްދުން. ފުލުހުން ޒިންމާ އަދާކުރަމުން ދިޔައީ ކަނު ބަދެގެންތޯ؟،" ފުލުހުންގެ މަސައްކަތާ މެދު ސުވާލު އުފައްދައި މީހަކު ކުރި ޓުވީޓެއްގައި ބުނެފައި އޮތެވެ.

މީހުން ގެއްލިގެން ކުރިއަށް ގެންދާ ތަހުގީގުތަކުގައި އަބަދުވެސް ފުލުހުންނަށް ފާޑުކިޔުން އަމާޒުވެ އެވެ. އެކަށީގެންވާ ސްޕީޑުގައި އެފަދަ ތަހުގީގުތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އެވެ. ހެކި ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ފުލުހުން ނުކުރާ ކަމުގެ ޝަކުވާ އެވެ. އަޅާނުލުމާއި ވަރިހަމަކޮށްލައިގެން ފުލުހުން ތިބޭ ކަމުގެ ޝަކުވާ އެވެ.

"މީހުން ގެއްލިގެން ހޯދުމަށް ކުރިއަށް ގެންދާ ތަހުގީގުތަކަށް ދޭން ޖެހޭ އަހަންމިއްޔަތުކަން ނުދެވެނީ ކީއްވެތޯ؟ އެ މީހަކު ހޯދުމަށް އެތައް ދުވަހަކާއި ހަފްތާއެެއް ނަގަނީ ކީއްވެ؟ ރައްޔިތުންނަށް އިތުރު ގޮތެއް ނެތް، ހަމައެކަނި ގޮތަކީ ކުފޫ ހަމަނުވާ ފުލުހުންގެ ފޯސްއެއް،" ކަންބޮޑުވުން ފާޅުކުރި މީހަކު ޓްވިޓަރުގައި ލިޔުނެވެ.

މިފަދަ އެތައް ޝަކުވާއެއް ފުލުހުންގެ ތަހުގީގުތަކާ ގުޅިގެން ހުރިއިރު އަޒުހާންގެ މައްސަލައިގެ ތަހުގީގާ މެދު ވެސް ފުލުހުންގެ ފަރާތުން އެއްޗެއް ބުނަން ޖެހެ އެވެ.