Advertisement

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގައި ގައުމަށް ރީތި ނަން ހޯދައިދޭނެ އެތުލީޓުން އެބަތިބި

30 ސެޕްޓެންބަރު 2022 - 13:43 0

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ރޭ ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ރިޒާ


ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގައި ގައުމަށް ރީތި ނަން ހޯދައިދޭނެ އެތުލީޓުން އެބަތިބި

30 ސެޕްޓެންބަރު 2022 - 13:43 0

ރާއްޖޭގެ އެންމެ ކާމިޔާބު އެއް އެތުލެޓިކްސް ކްލަބް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގައި ގައުމަށް ރީތިނަން ހޯދައިދެވޭނެ ފެންވަރުގެ އުންމީދީ އެތުލީޓުން އެބަތިބި ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަނަށް ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން ޗެމްޕިއަންކަން ވިދި ވިދިގެން ތިން އަހަރު ލިބުމާއި ގުޅިގެން ރޭ މީރުމާ ހޮޓަލްގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފަ އެެވެ. މި ހަފްލާގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގައި މަސައްކަތް ކުރާ ކޯޗުންނާއި އެތުލީޓުންނާއި އެތްލެޓިކް އެސޯސިއޭޝަންގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ޓްރެކް އެންޑް ފީލްޑުން މި ފަދަ ހަފްލާއެއް ކުލަބުގެ އެތުލީޓުންނަށް ބޭއްވުމަކީ އެ އެތުލީޓުން ކުރިއަށްދާން ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށެވެ. މި ވަގުތު ކްލަބުގައި ފާހަގަކޮށްލެވޭ ގައުމީ ދުވުންތެރިންވެސް ތިބިކަން ފާހަގަކުރައްވައި، ޗަމްޕީ ވަނީ މުސްތަގުބަލުގައި އިތުރު ހިތްވަރާ އެކު ގައުމަށް ރީތިނަން ހޯދުމަށް އަޒުމުކަނޑައެޅުމުށް އިލްތިމާސްކުރައްވައިފަ އެވެ.

ޓްރެކް އެންޑް ފީލްޑުގައި ޒުވާން، ހުނަރުހުރި އެތުލީޓުން ތިބިކަމަށާއި، މިހާރު ވެސް ކޯޗުންނާ އެކު ކުރިއަށް ގެންދާ ޓްރެނިން ކުރިއަށް ގެންގޮސް ގައުމީ އަދި ބައިނަލްއަގުވާމީ ވަނަތައް ހާސިލް ކުރުމަށް މަަސައްކަތް ކުރުމަށް ސައްތާރު އެދިވަޑައިގެންނެވި އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓުން ދާދި ފަހުން ނިމުނު ގައުމީ އެތުލެޓިކްސް މުބާރާތުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރޭގެ ހަފްލާގައި އެތުލެޓިކް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޗެއާމަން މައިޒާން އަލިބެ ވެސް ވާހަކަ ދެއްކެވި އެވެ. ތޮލާލް އާއި އަލިބެ ވެސް ވަނީ އެތްލެޓިކްސް ކުރިއެރުވުމަށް ޓްރެކް އެންޑް ފީލްޑުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެތުލެޓިކްސް އެސޯސިއޭޝަނުން އެތުލީޓުންނަށާއި، ކްލަބުތަކުން އެތުލީޓުންގެ ކުރިމަގަށް ކުރާ ކޮންމެ ކަމެއްގައި ފުރިހަމަ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް ވިދާޅުވީ އެތުލެޓިކްސް އަކީ ހަމައެކަނި ދުވުން ކަމަށް ބެލެވެން ނެތް ކަމަށާއި އެތްލެޓިކްސްގައި ދުވުމާއި، އުކުމާއި، ފުންމުން ވެސް ހިމެނޭ ކަމަށެވެ. އެތުލެޓިކްސް ފުރިހަމަ ވާނީ ދުވުމުގެ ޓްރޭނިންތަކާއި އެއްވަރަށް އުކުމާއި، ފުންމުމުގެ ޓްރޭނިން ވެސް ހަދައިގެންކަން ފާހަގަކޮށް، އަބްދުﷲ ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކްލަބުން ހޯދި ހުރިހާ ކާމިޔާބީ އަކީ އެއް ވިސްނުމެއްގައި މަސައްކަތްކޮށް އެތުލީޓުންގެ ހިތްވަރާ އެކު ހޯދުނު ފޮނި ކާމިޔާބީތަކެއް ކަމަށެވެ.

ރޭގެ އިވެންޓްގައި ވަނީ 2019 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އައިޝަތު ހިމްނާ ހަސަން އާއި ދާދި ފަހުން ނިމުނު މި އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިމިނަތު ޖާއިޝާ ޖުނީޒް އަށް އަގުވަޒަންކުރުމުގެ ގޮތުން ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

ރޭ ބޭއްވި އިވެންޓްގެ ތެރެއިން: (ކ.ވ) ދުވުންތެރިޔާ ހިމްނާ، އެތުލެޓިކްސް އެސޯސިއޭޝަންގެ އޮނަރަރީ ޗެއާމަން މައިޒާން އަލިބެ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަދި ދުވުންތެރިޔާ އިބާދުﷲ.-- ފޮޓޯ: ހުސެއިން ރިޒާ


ހިމްނާ ވަނީ 2019 ވަނަ އަހަރު އޮތް 29 ވަނަ ގައުމީ އެތުލެޓިކްސް މުބަރާތުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އެތުލީޓެއްގެ ގޮތުގައި ވާދަކޮށް، އަންހެނުންގެ 100، 400 ،200، އަދި 4 ގުނަ 400 މީޓަރު އަދި 4 ގުނަ 100 މީޓަރު ރޭހުން ރަން މެޑަލް ހާސިލްކޮށް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.

ޖާއިޝާ، މި އަހަރު އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދިއިރު، އޭނާ ވަނީ 2019، 2021 އަދި 2021 ވަނަ އަހަރު ގައުމީ އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް، ކޮންމެ އަހަރަކު ވެސް 800، 1500، 5000 ދުވުމުން އެއް ވަނަ ހާސިލްކޮށްފަ އެވެ. އަދި މި ފަހަރު އޭނާ މޮޅު އެތުލީޓުގެ މަގާމު ހޯދިއިރު ވަނީ 5000 މީޓަރު ދުވުން 20 މިނިޓަށް ވުރެ އަވަހަށް ދުވި ފުރަތަމަ ދިވެހި ދުވުންތެރިޔާގެ ޝަރަފް ހޯދައި، ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވަނީ މާދަމާ ޖެމެއިކާ އަށް ޓްރެއިނިން އަށް ފުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ދެ އެތުލީޓުން ކަމަށްވާ ހިމްނާ އާއި އިބާދުﷲ އާދަމް އަށް ހިތްވަރު ދެއްވައި، ހާއްސަ ކާޑެއް ވެސް ހަދިޔާކޮށްފަ އެވެ. ހިމްނާ އަށް ޖެމެއިކާގެ ޓްރެއިނިން ފުރުސަތު ލިބުނީ އޮލިމްޕިކް ކޮމީޓީން ތަނަވަސްކޮށްދިން ޕެރިސް 2024 ސްކޮލަޝިޕްގެ ތެރެއިންނެވެ. އިބާދުﷲގެ ޓްރެއިނިން ފުރުސަތަކީ އޮލިމްޕިކް ކޮމިޓީ އާއި އެތުލެޓިކްސް އެސޯސިއޭޝަނާއި ކުޅިވަރާ ބެހޭ މިނިސްޓްރީން ހޯދައިދިން ފުރުސަތެކެވެ.