Advertisement

ޝާޢިރުންގެ ގަލަމުން ޤައުމުގެ ނިދާ

30 ސެޕްޓެންބަރު 2022 - 10:27 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ) / އަދަދު


ޝާޢިރުންގެ ގަލަމުން ޤައުމުގެ ނިދާ

30 ސެޕްޓެންބަރު 2022 - 10:27 1

ކޮން ސަބަބަކާހުރެ ކަމެއް ދަންނަވާކަށް ނޭނގެއެވެ. އެހެންނަމަވެސް ޤައުމީ ދުވަސް ފަދަ ދިވެހި ޖިހާދެއްގެ ހަނދާން އާކުރާ ނުވަތަ ދިވެހި ބަޠަލުންގެ ޛިކުރާ އާކުރާ ދުވަހެއްނަމަ، އަޅުގަނޑުގެ ހިތުގައި ޤައުމީ ރޫޙު އުތުރި އަރައެވެ. ފަތިހުގެ ކޮފީތަށި ގިރަން ހުރިއިރުވެސް މަޑުމަޑުން "ހޫނ" އެޅުވެމުންދިޔައީ ދިވެހި މަޝްހޫރު ޤައުމީ ލަވަތަކުގެ ރާގަށެވެ. މުޅި ދުވަސް ހޭދަކުރެވޭތޯ ބެލީ، އަޅުގަނޑު އެބައެއްގެ މަސައްކަތަށް ތާއީދު ކުރާ ޅެންވެރިން މީސްމީޑިޔާގެ އެކި މަންސަތަކުގައި ހިއްސާކުރައްވާފައިވާ ދުވަހާ ގުޅުންހުރި ޝިޢާރުތައް ހޯދުމުގައްޔާއި، އެ ޅެން ތަކާއި ލަވަތައް ކިޔުމުގައެވެ.

ގިނަ ޢަދަދަކަށް ތަހުނިޔާ އާއި މުބާރަކުބާދީގެ ޅެންތައް ފެނުނެވެ. އެހެންނަމަވެސް، ބައެއް ޝާޢިރުން ތަހުނިޔާގެ ޝިޢާރު ދޫކުރައްވާ އެ ދުވަހު ފާޅުކުރައްވާފައިވަނީ ކަންބޮޑުވުމެވެ. ކިޔުންތެރިޔާއާ ހަމައަށް ތިލަކޮށްދެއްވާފައި ވަނީ ޤައުމީ ދުވަހުގެ އުފާ ފާޅުކުރަމުންދާހިނދު، ޤައުމުގެ ދުލުން ކުރާ އާދޭސް އަޑުއެހުމަށެވެ. ޤައުމީ ބަޠަލުންގެ ޛިކުރާ އާކުރުމުގައި އިޚުލާސްތެރިވުމަށެވެ.

މި ފަދަ ޅެންތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅުގަނޑުގެ ލޮލުގައި އަޅައިގަތީ ކަނީރު ޢަބްދުއްރަޙީމް "ވާގޮތް" މި ނަމުގައި ހިއްސާކުރައްވާފައިވާ ޅެމެކެވެ. ފުރަތަމަ ދެ ބައިތު ނަކަލުކޮށްލާނަމެވެ.

"އަލުން އައުޖޯޝަކާ އެކުގައި އައުން ޤައުމީދުވަސް އެދެނީ

މަލުން ދަސްތާ ގަތައިއަމުނައި ހަދައި ވެދުމާއެ ދާން އެދެނީ

ގަޔާވުމަކާ ނުލައި ދައްކާ ބޮޑެތި ޖަލްސާތަކާއި ވަކިން

ވަޔާ ވިހުރޭ ދިވެހި ދިދައިން ހަގީގީ އުފަލަކަށް ގޮވެނީ"

ބޮޑުތަކުރުފާނު ފަދަ ބޭބޭފުޅުން ހޯއްދަވައިދެއްވި މިނިވަންކަން ބޭނުންކުރައްވައިގެން ކަނީރު ޢަބްދުއްރަޙީމް މި ސިފަކުރައްވަނީ "ވަރުނީސް ނުލާ އޮތް" ޙަޤީޤަތެވެ. އިހުގެ ޤައުމީ އިހުތިފާލުތަކާއި، ކޮންމެ މި ފަދަ މުނާސަބާއަކާ އެކު މުޅި ޤައުމު ދިރިގެން ދާ ގޮތް ފެނި ތަޖުރިބާކޮށްފައިވާ، ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެއްސެއްވެސް ކުރާ އިހުސާސްތަކެކެވެ. އަދުގެ މި ފަދަ އިޙުތިފާލުތަކުން އިހު ހުރި ޖޯޝާއި ފޯރިއެއް ނުފެނެއެވެ. އިހުގައި އަޅުގަނޑުމެންގެ ބަޠަލުންނަށް ދިން ޤަދަރު، މިއަދު އަދާކުރަނީ ހަމައެކަނި ދަރިވަރުންނާއި މުވައްރިޚުންނެވެ. ގިނަ ބަޔަކަށް، އެއީ ޤައުމީ ދުވަހެއް ނޫނެވެ. އެއީ ކަލަންޑަރުގައި ރަތްކުލައިން އޮންނަ ބަންދު ދުވަހެކެވެ. ހަމަ ނިދި ނިދާލަން ލިބޭ ފުރުޞަތެކެވެ. ދުވަހީ ތަކުރާރުވުންތަކުން ލިބޭ ތަސައްލީއެކެވެ. އުތީމު ތިން ބަދަވީންނާއި މިނިވަންކަމަށްޓަކައި އެ ބޭފުޅުން އިސްވެ ތިއްބަވާ ކުރެއްވި ޖިހާދުގެ އަގު ވަޒަންކުރުމަށް ޚާއްޞަވާ ދުވަހެއް ނޫނެވެ.

ލިނެޓް ޢަބްދުﷲ ރަޝީދު "ޤައުމީ ދުވަހެއް އައި އިރު" މި ނަމުގައި ހިއްސާކުރައްވާފައިވާ ޅެންވެސް އަޅުގަނޑުގެ ސަމާލުކަން އަތުލިއެވެ. ފުރަތަމަ ތިން ބައިތު ނަކަލުކޮށްލާނަމެވެ.

"އުދަވީކަމަކު އިރު އުދަރެހުން ތަދު ނުފިލަޔޭ އަދު ހިތްތަކުން

އުދަޔާއެކީ ބިޔަ ރާޅުތައް ތީޔޭ އަރާ ގޮނޑުދޮށްތަކުން

ވިހުރޭ ދިދައިގައި ބީހިލާ ވައިރޯޅި ސިއްރުން ބުނެލަޔޭ

ރިހުމެއް ހިތުން ނުފިލައިވެޔޭ ދީބަށް މިހިރަވާ ގޮތްތަކުން

ތިލަފަތު ދެކޮޅު ހަމަހަމަނުވާ ކިރުމެއް ކިރޭތީ ތިލަފަތުން

މިލަމުން ދެޔޭ މާތަށް ފޮޅޭ ލޯބީގެ ވިންދުވި ހިތްތަކުން"

މި ފަހަރު ކަނީރު ޢަބްދުއްރަޙީމު ބޭނުންކުރެއްވި ފަދަ ސީދާ ޢިބާރާތްތަކެއް ނޫނެވެ. މިސާލުތަކަކުން، މަޖާޒީ ބަހުރުވަޔަކުން ބަރާވެފައިވާ ބައިތުތަކެކެވެ. އުދަޔާއި، ތިލަފަތާއި ދިދަ ފަދަ ނިޝާންތަކުން ރަމްޒުކުރާ މާނަތަކާއި، މިނިވަންކަމުގެ އެ ނިޝާންތަކުން މިއަދު ޝަރަޙަ ކުރެވޭ މާނަތައް، އަދުގެ އިޖުތިމާޢީ އަދި ސިޔާސީ ޙާލަތާ ގުޅުވައިގެން ޢަބްދުﷲ ރަޝީދުވެސް މި އިލްތިމާސްކުރައްވަނީ އެދެވޭ، ހެޔޮ ބަދަލަކަށެވެ. ޤައުމީ ދުވަހު އެ ހަނދާންކޮށްދެއްވަނީ އެ ފަދަ "އިޙުތިފާލު"ތަކުގައި އިޚުލާސްތެރިކަމާއެކު ބައިވެރި ނުވެވޭ ސަބަބުތަކެވެ. މިނިވަންކަން އޮތަކަސް ތިލަފަތުން ކިރުމުގައި ހަމަހަމަކަމެއް ނުވާތީއެވެ. މިނިވަންކަމާއި ތަރައްޤީގެ މޭވާގެ ރަހަތައް އެންމެންނަށް ނުލިބޭތީއެވެ. މާކަނޑުގެ ރޯދި ލިބިފައިވިޔަސް "ވަދުމަސް މިޔަރު ކައިލާކަމުން" ކަނޑުގެ ބޭނުން ނުހިފޭ ވާހަކައެވެ.

އެހެން ސުރުޚީއެކެވެ. "އުތީމު ތުނޑީގައި" މި ނަމުގައި، މަޝްހޫރު ޅެންވެރިޔާ އާދަމް ނަސީރު އިބްރާހިމް، ޤައުމީ ދުވަހު ހިއްސާކުރެއްވި "ޖަވާހިރެކެވެ." ކުރު ޅެމެއް ކަމުން މުޅި ޅެން ނަކަލުކޮށްލާނަމެވެ.

އުތީމު ތުނޑީގެ މެދުގައި ހުއްޓި ހުރެ ފަށަމޭ މަގޭ މި ބަޔާން

އޮތީ ކަރުނައިގެ ހިތި ޞަފްޙާތަކޭ އަޑުނެތް ތަނަށް މަ ކިޔާން

މިތާނގެ މި ރީތި ވެލިފުއްތަކުގެ ހުދުހުދު މަރުމަރީ ވިދުމުން

ޚިޠާބު ކުރޭ ދިވެހި މުޅި އުއްމަތަށް ހިތް އެފަދަ ސާފުކުރާން

އަވީގައި ހަތަރުދަމު ޣާޒީ އެ ހޯއްދެވި ހުނަރު ތުއްޕުޅުއިރު

އެވީ ޤައުމެއްގެ ކުރިމަގަށޭ ބިނާކޮށް އުއްމަތެއް އުފުލާން

މިތުނޑިއަށް ބޮސްދެމުންދާ ރާޅުތައް ބުނެދީބަލާށެ މަށަށް

އިތުރު މާތް ހިތްޕުޅުން އިވިފައިވި ޚާލިސް ވިންދު ޤައުމު އަހާން

ކޮބައިހޭ އުދުހިދިޔަ ކިރު ދޫނިތައް މިނިވަން ކުރެއްވެވިހައި

ކޮބައިހޭ އޭގެ ޢިބުރަތަކީ މިހާރުގެ ޖީލު ހަނދުމަކުރާން

އެ ޤުރްބާނީ ހަނދާންނައްތާ، އެ މާޒީ މާކަނޑަށް ފައްތާ

އެ ކުށުގައި ނުވަމަށޭ ބައިވެރި، އައީ މި ތަނަށް މި ކަރުނަ އަޅާން"

ހއ. އުތީގައި ހުރި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު


އިތުރު ބަޔާނެއް ދިނުމުގެ ކުރިން މި ޅެމުގައި އިޝާރާތްކުރައްވާ އުތީމު ތުނޑީގައި "ޣާޒީ ހޯއްދެވި ހުނަރުފުޅު"ގެ ވާހަކަ ހަނދާންކޮށްލަން ހިނގާށެވެ. މި ފަހަރު، ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ "އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު ވާހަކަ)" އިން ތަންކޮޅެކެވެ. ފޮތުގެ ހަތަރު ވަނަ ބާބުގައި އުތީމު ތިން ބެއިން ތަޢާރަފުކުރައްވަމުން، މުޙައްމަދު ތަކުރުފާނާމެދު ޞަލާޙުއްދީން ލިޔުއްވާފައިވެއެވެ.

"މުޙައްމަދ ތަކުރުފާނުގެ އުޅުއްވުން ހުންނަ ގޮތަކީ މީނާ ގޭގައި އުޅުއްވާއިރެއް ވަރަށްވެސް މަދެވެ. ކޮބައިތޯ މީހަކު ބަލައިފީވިއްޔާ ފެންނާނީ މަޅިފައްޗެއް ހިއްޕަވައިގެން އަތިރިމަތީގައި ވައްތަރުވައްތަރުގެ ދޫނި ލަވާން އުޅުއްވަނިކޮންނެވެ. މިކަމާ ހުސޭންތަކުރު ކަތީބު ތަކުރުފާނުން ނުޤަބޫލުވެ އަޑުލައްވައި ދެތިން މަޅިފަތި ހަލާކުވެސް ކޮށްލެއްވިކަމަށް ބުނެވެއެވެ. އެކަމަކު މި ކަމެއް ނުހުއްޓުނެވެ. ކެއިންބައްލަވާކަށްވެސް ގޭދޮށަކަށް ނުދުރުވެއެވެ. ގިނަ ދުވަހަށް އަލިތަކުރުފާނު ނުވަތަ ގޭގައި އުޅޭ ބަޑޭރި ޒާތުގެ މީހަކު ގޮސް ހޯދައިގެން ގެންނަނީއެވެ. މިކަން މިގޮތަށްހުރުމާއިއެކު އެއްދުވަހުވެސް މި ހިއްޕަވާ ދޫންޏެއް ގެއަކަށް ނުމެގެންނަވާމެއެވެ. މިކަމާމެދު އެއް ދުވަހުން ހުސޭން ކަތީބު ތަކުރުފާނުން ފިކުރު ބޮޑުވެގެން ވަލުތެރޭން ފިލައިގެން ދުރުވެ މުޙައްމަދު ތަކުރުފާނުން އުޅުއްވާ ގޮތަކާއިމެދުގައި ފާރަލައްވައިގެން ބެއްލެވި އިރު ކުރައްވާކަމަކީ، މަޅިފަތި ޖައްސަވާފައި އެ މަޅިފައްޗާ ދިމާއަށް ދޫނިތައް އެއްފަރާތަކުން ލަވާއިލައިފައި އަނެއް ފަރާތަކަށް އެހެންގޮތަކުން މަޑުމަޑުން ފަހައިލައިފައި އެއްފަރާތަކުން ތިރިތިރިން ހިނގައިލައިފައި އަނެއް ފަރާތަކުން އުސްވެގެންގޮސްލައިފައި މިކަހަލަ އެތައް ގޮތަކަށް އުޅުއްވައިގެން ދޫންޏެއް މަޅިފަތީގައި ޖެހިއްޖެއްޔާ ވަރަށް ހިނި އައިސްގެން ދުރުވެ މަޅިފަތިން ދޫނި ނަގައި ފިލުވައި ދޫކޮށްލައްވަނީއެވެ. އަދި ދޫކޮށްލައްވާފައި ބުނުއްވަޔޭ ކޮބާ އިހަށް ފަހަރު މަޅީގައި ބެދުނު ގޮތް ހަނދާންނެތީތާއެވެ. ބޮޑުވީ އަހަރެންގެ ޙިކުމަތްތާއެވެ. އަދިވެސް އަހަރެން ކަލޯ ހިފައިފާހުށީމެވެ. މިކަހަލަ ކޮންމެވެސް ވާހަކައެއް އެ ދޫނިތަކާ ނުދައްކަވާ ފަހަރެއްވެސް ނުދެއެވެ."

"ބޮޑުތަކުރުފާނު ވާހަކަ"އިގެ މި ބައި ވިދާޅުވުމަށްފަހު، އަލުން އާދަމް ނަސީރުގެ ޅެން ވިދާޅުވެލައްވާށެވެ. މިހާރު އެ ވިދާޅުވާ އެއްޗެއް ދޭހަކުރަން ފަސޭހަވާނެއެވެ. އަވީގައި ޣާޒީ ތުއްޕުޅުއިރު ހޯއްދެވި ހުނަރާއި އެމަނިކުފާނު މިނިވަންކުރެއްވެވި ދޫނިތަކުގެ ވާހަކައިން އަދުގެ ޖީލު ހޯދާންވީ ޢިބުރަތް މިހާރު "އުތީމު ތުނޑީގެ ހުދު މަރުމަރީ ވެލިފުއް"ތަކޭ އެއްފަދައިން ސާފުވެދާނެއެވެ. ދޫނިތަކޭ އެއްފަދައިން "އިހަށްފަހަރު މަޅީގައި ބެދުނުގޮތް" ހަނދާން ނައްތާލައިފިނަމަ، އެއްކަލަ ދޫނިތަކެކޭ އެއްފަދައިން އަޅުގަނޑުމެންވެސް އަލުން އެފަދަ މަޅިއެއްގައި ބެދިދާނެ ވާހަކައެވެ.

އެއަށްފަހު ޅެންވެރިޔާ ޤުދުރަތުގެ ކިބައިން އެދިވަޑައިގަންނަވަނީ އެހީތެރިކަމަށެވެ. މުޙައްމަދު ތަކުރުފާނުގެ ޖިހާދަށް ހެކިވެރިވާ އުތީމު ތުނޑީގެ ވެލިފުއްތައް ދިވެހި މި ޖީލަށް "ޚިޠާބު" ކުރަނީ ހިތްތައް ހުދު މަރުމަރީ ފަދައިން ސާފުކުރުމަށެވެ. އެތައް ޒަމާނެއް ކުރީއްސުރެ އެ ތުނޑީގައި ބީއްސަމުންދިޔަ ރާޅުތަކުގެ ކިބައިން ޅެންވެރިޔާ އެދިވަޑައިގަންނަވަނީ ބޮޑުތަކުރުފާނުންގެ ހިތްޕުޅުގައި ޖިހާދުގެ ރޫޙާއި ޤައުމީލޯބީގެ ވިންދު ޖެހި ސަބަބު، މިއަދުގެ ޖީލަށް ވާޞިލުކޮށްދިނުމަށްޓަކައި، ހާމަކޮށްދިނުމަށެވެ. އެހެން ނަމަވެސް، މިއަދު އެފަދަ ދެވަނައެއް ދިވެހިންގެ ތެރެއިން ފާޅުވެފައި ނުވާތީ، އަދި އެ ފަދަ ރޫޙެއް ޤައުމުގައި ނެތީތީ، ޅެންވެރިޔާ ތުނޑިއަށް ޒިޔާރަތްކުރެއްވީ ހިތާމަ ފާޅުކުރައްވާށެވެ. ގެއްލި ދިޔަ ރީތި މާޒީ ހަނދާންކޮށް ޢިބުރަތެއް ހޯދާށެވެ.

ޤައުމީ ދުވަސް ވާންޖެހެނީ އުފާވެރި މުނާސަބަތަކަށެވެ. މީގެ އަހަރުތަކެއް ކުރިން ޤައުމީ ދުވަހު އިވެނީ އުފާވެރިކަމުގެ ވާހަކަތަކެވެ. ދޮންބަންޑާރައިންގެ ތާރީޚަކީ އޭރުގެ ކުޑަކުދިން ހަނދާން ހުންނާން ފެށީއްސުރެން މައިންބަފައިންގެ ދޫދޫމަތިން ކިޔައިދެމުން ގޮސް، ތުއްތު ހަނދާންތަކުގެ ތެރެއިން ހިމެނޭ ބަޔަކަށް ވެފައިވެއެވެ. އަހަރެމެން ކުޑައިރު ދަންނަ "ސުޕަރ ހީރޯ" އަކީ ދުވާފަރު ދަންޑެހެލެވެ.

ނަމަވެސް އެ ޒަމާން މާޒީވެގެން ހިނގައްޖެއެވެ. އެ ބަޠަލުން ގެނެސްދެއްވި މިނިވަންކަމުގެ އަރާމުގައި "އިހަށްފަހަރު މަޅީގައި ބެދުނުގޮތް" ހަނދާން ނެތެން ފެށިތާ އެތައް ޒަމާނެއްވެއްޖެއެވެ. ޤައުމު އަނެއްކާވެސް ބޭނުންވަނީ މ. މުލީ، ޢަލީ ނިޡާމް ވިދާޅުވާ ފަދަ މުވާޠިނުންނާއި، ކެރޭ މުޢައްލިމުންނާއި، ހީވާގި ކައްޕީންނާއި، މުރާލި ސިކުނޑިތަކާއި، މުޖާހިދުންނާއި ޖިހާދީ ލޭގެ ލަޝްކަރެކެވެ. ޤައުމީ ދުވަހު ނިޡާމް ހިއްސާކުރެއްވި "މި ޤައުމުން މިއަދު އެދި ގޮވަނީ" މި ޅެމުގެ ދެ ބައިތެއް ނަކަލުކޮށްލާނަމެވެ.

"މި ޤައުމުގެ އޮޑި ބަނދަރު ނުމެކޮށް މި ޤައުމަށް ލާބަޔަށް އެދިގެން

މި ޤައުމުގެ ނާ ދަތުރު ކުރުވާ ކެރޭ ހީވާގި ކައްޕިއަކަށް

މި ޤައުމަށް ދެކޮޅުވުން ނިންމާ ހަސަދަވެރިކަން އެކީ ވަޅުލައި

މި ޤައުމުގެ ރޫޙު ދިރުވައިދޭ ފިސާރި މުރާލި ސިކުނޑިއަކަށް"

ޤައުމީ ދުވަހު މި ޅެންވެރިން ކުރައްސަވައިދެއްވާފައި މިވަނީ ދިވެހިރާއްޖޭގެ ޙަޤީޤީ ތަޞްވީރެކެވެ. މަތި އޮމާންކުރުމަކާ ނުލައެވެ. ސިފަވަނީ އިންސާފާއި ހަމަހަމަކަމަށް ބަނޑުހައިވެފައިވާ މުޖުތަމަޢެކެވެ. ސިޔާސީ އަދި ޒާތީ އެޖެންޑާތައް އެއްފަރާތްކޮށް، ޤައުމަށް އިޚުލާސްތެރި ލީޑަރެއްގެ އިންތިޒާރުގައި ތިބި ބަޔެކެވެ. އެކި ދިމަ ދިމާލުން ނުރައްކާކުރާ ޝިކާރީންގެ ކިބައިން ރެކޭނޭ ގޮތް ހަނދާންހުރި ރައްޔިތެއް ބޭނުންވާ މިންވަރެވެ.