Advertisement

ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓް ދަމަހައްޓަން ޖެހޭ: ރައީސް

29 ސެޕްޓެންބަރު 2022 - 22:15 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ. ޓޫރިޒަމުގެ މަގާމު ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓް ދަމަހައްޓަން ޖެހޭ: ރައީސް

29 ސެޕްޓެންބަރު 2022 - 22:15 0

ޓޫރިޒަމުގެ ވާދަވެރި މާހައުލުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓު، އެގޮތުގައި ދަމަހައްޓަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ޒަމާނުއްސުރެ ރާއްޖޭގެ ޓޫރިޒަމް އެންމެ ބޮޑަށް މާކެޓު ކުރަމުން އަންނަނީ "ވަން އައިލެންޑް، ވަން ރިސޯޓު" ނުވަތަ ވަކިވަކި ރަށްތަކުގައި ރިސޯޓު ހިންގުމުގެ ކޮންސެޕްޓުގެ ދަށުންނެވެ. ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑްސްގައި މިރޭ ބޭއްވި ރިސެޕްޝަންގައި ރައީސް ވަނީ އެ ކޮންސެޕްޓު ދަމަހައްޓަން ޖެހޭ ސަބަބުތައް ހާމަކުރައްވާފަ އެވެ.

އެގޮތުން، ޓޫރިސްޓުން ޝައުގުވެރިވާ އެހެނިހެން މަންޒިލުތައް ވެސް ރާއްޖެ ނަމޫނާއަކަށް ބަލައިގެން ތަރައްގީކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ޓޫރިސްޓުން ރާއްޖެ އަންނަނީ ދިވެހިންގެ މެހުމާންދާރީގެ ސަބަބުން ކަމަށާއި އެކަން ދެމެހެއްޓުމަކީ ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމު ކަމުގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

އެއަށްފަހު ފެންވަރު ރަނގަޅު ހިދުމަތްތައް ދޭން ޖެހޭ ކަމަށާއި އެއީ އެންމެ ބޮޑެތި ހޮޓެލް ޗެއިންތަކާ ވާދަކުރަން ޖެހޭތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބްރޭންޑު ކަމަށްވާ "ވަން އައިލޭންޑް، ވަން ރިސޯޓް"ގެ ކޮންސެޕްޓު ދޫކޮށްލެވެން ނެތް" މިރޭ ރައީސް ވިދާޅުވި އެވެ.

އެއާއެކު، ޓޫރިސްޓުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރުމަށް ވެސް އިތުރު ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމައެކަނި ރާއްޖޭގެ ވިޔަފާރީގެ ބާޒާރުގައި ވާދަކޮށްގެން ޓޫރިޒަމް ކުރިނޭރުވޭނެ ކަމަށާއި ވާދަކުރަން ޖެހެނީ ބައިނަލްއަގްވާމީ ބާޒާރުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެއީ ކަމަށް ގާބިލު ކޮލިޓީ މުވައްޒަފުން ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް އިންޑަސްޓްރީއެއް އުފައްދައިގެން. މިއީ ދިވެހިންގެ މަސައްކަތެއް. އެހެންވިއްޔާ އެތަނުގައި މަސައްކަތްކުރާނެ މުވައްޒަފުން ވެސް އުފެއްދޭނެ،" ދިވެހިންނަށް ވެސް ވަޒީފާގެ ފުރުސަތުތައް އޮންނާނެ ކަމަށް ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

މި ރިސެޕްޝަންގައި ވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން މަސައްކަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑު އަރުވާފަ އެވެ.