29 ސެޕްޓެންބަރު 2022 - 13:02 1
ހަސަން މުހައްމަދު
އާރްޑީސީން އަމީނީ މަގު ހަދަނީ: ޔޫއާރްއޭއިން ބުނީ ތަފާތު ކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
29 ސެޕްޓެންބަރު 2022 - 13:02 1
އަމީނީ މަގު ހެދުމުގެ މަސައްކަތުގައި ދަށް ފެންވަރެއްގައި ބިމުގެ ފެން ބޭރު ކުރަމުންދާ މައްސަލަ ފެންމަތިވެފައި އޮއްވައި، ޑީވޯޓަރިންގެ މަސައްކަތް ހުއްދަ ނުނަގައި ކުރަމުންދާ ނަމަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޔޫއާރްއޭގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ހުއްދަ ނުނަގައި ޕަމްޕު ހަރުކޮށްގެން ބިމުން ފެން ބޭރު ކުރާ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބޭ ކަމަށާއި އެ ބާރު ބޭނުން ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.
"މި އޮތޯރިޓީގެ ހުއްދައާނުލައި ބިމުންފެންނަގައި ފެންބޭރުކުރުމުގެ މަސައްކަތްކުރަމުންދާނަމަ، އެ މައްސަލަ ބަލައި، ވަކި ފަރާތެއް ތަފާތުކުރުމެއްނެތި ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގަން،" އެ ބަޔާނުގައިވެ އެވެ.
މާލޭގައި ކުރާ ސިނާއީ މަސައްކަތްތަކުގައި އާންމުކޮށް ފެން ބޭރު ކުރަނީ ހޮޅި އަޅައިގެން މޫދަށެވެ. އަދި ބޭނުން ކުރަނީ ވަކި ކޮލިޓީއެއްގެ ހޮޅި އެވެ. ނަމަވެސް އަމީނީ މަގު ހެދުމުގެ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ޑީވޯޓަރިންއަށް ބޭނުން ކުރަނީ މަޑު ހޮޅިއެކެވެ. ފެން އަޅަނީ ސްޓޯމްވޯޓާ ކާނުތަކަށެވެ. އެކަމަކު އެއީ ހުއްދަ ނުނަގައި ކުރިއަށްގެންދާ މަސައްކަތެއް ކަމެއް އެނގިފައެއް ނެތެވެ.
ޔުޓިލިޓީ އޮތޯރިޓީއަށް ގުޅުމުން، އާރްޑީސީން މަސައްކަތް ކުރަނީ އެތަނުން ހުއްދަ ނަގައިގެންތޯ ނޫނީ ނޫންތޯ ވަގުތުން ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.
ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދައި ފެން ބޭރު ކުރާ ފަރާތްތަކަށް އެހީތެރިވާ މީހުންނަށް ވެސް އެ އޮތޯރިޓީން ފިޔަވަޅު އަޅަމުންދާނެ ކަމަށް ޔޫއާރްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ފެން ބޭރު ކުރުމަށް ހުއްދައެއް ދޭ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
"މި އޮތޯރިޓީގެ ހުއްދަޔާ ނުލައި ބިމުން ފެން ނަގައި ފެން ބޭރުކުރާ ފަރާތަކަށް އެކަން ކުރުމަށް މަގުމަތީ ހޮޅިއެޅުމުގެ ހުއްދަ އާއި، ބިމުން ފެންނަގައި ފެން ބޭރުކުރާއިރު އެފެން ބޭރުކުރުމަށް ރަށުގެ ސަރަހައްދެއް ކަނޑައަޅައި އެތަނަކަށް ފެންބޭރުކުރުމުގެ ހުއްދަދޭ ފަރާތެއް ބެލެވޭނީ ބިމުން ފެންނަގައި ފެން ބޭރުކުރުމުގެ މަސައްކަތައް އެހީތެރިވާ ފަރާތެއްގެ ގޮތުގައި،" އެ ބަޔާނުގައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment