Advertisement

ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީންގެ ފުރަތަމަ ދަތުރު ކުޑަހުވަދޫއަށް

27 ސެޕްޓެންބަރު 2022 - 16:41 0

ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ކެމްޕޭން ޖަލްސާއެއްގައި؛ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ފުރަތަމަ ދަތުރު ކުޑަހުވަދޫއަށް - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީންގެ ފުރަތަމަ ދަތުރު ކުޑަހުވަދޫއަށް

27 ސެޕްޓެންބަރު 2022 - 16:41 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓު އެރުވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޕީޕީއެމާއި ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިވާ ގޮތުން، ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ މި އަންނަ ބުރާސްފަތި ދުވަހުގަ އެވެ.

"މި ދަތުރުފުޅުގައި ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ، އަދި ޕާޓީގެ ހަރަކާތްތައް ކުޑަހުވަދޫގައި އިތުރުކުރުމާއި މެންބާޝިޕް އިތުރު ކުރުމުގެ ހަރަކާތްތަކެއް ވެސް އޮންނާނެ،" މެސެޖްގައިވެ އެވެ.

އެ ދުވަހުގެ ރޭގަނޑު ކުޑަހުވަދޫގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ވެސް އޮންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ވެސް ޔާމީން ޓްވީޓެއް ކުރައްވާފައިވެ އެވެ. ޔާމީންގެ ޓްވީޓްގައި ވިދާޅުވީ އެ ދުވަހުގެ ތަހުނިޔާ ފޮނުވަނީ "ހިތްދަތި ކަމާ" އެކުގަ އެވެ.

ޔާމީން ލީޑްކުރައްވާ އިދިކޮޅު ކޯލިޝަނުން އެންމެ ބޮޑަށް ވަކާލާތު ކުރަމުން ދަނީ މިހާރު އޮތް ސަރުކާރުން އިންޑިއާއާއެކު ބާއްވާ ގުޅުންތަކާއި ޚާރިޖީ ސިޔާސަތު ގައުމުގެ މިނިވަންކަމަށް އަސަރުކުރާ ކަމަށެވެ.

"އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ކެމްޕޭން ހަރަކާތެއް ވެސް ހިންގި އެވެ. ނަމަވެސް އެ ހަރަކާތް ހުއްޓުވަން ވެގެން ސަރުކާރުން ދަތި ކުރަމުން ދާތީ މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ޔާމީން މި ފަހުން ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައިވެ އެވެ.

ޔާމީންގެ އިތުރުން ރިޔާސީ އިންތިހާބަށް ދެން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، ކުރީގެ ހޯމް މިިނިސްޓަރު އުމަރު ނަސީރެވެ.