Advertisement

ރައީސް ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިފި

26 ސެޕްޓެންބަރު 2022 - 09:20 0


ރައީސް ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅު ފަށްޓަވައިފި

26 ސެޕްޓެންބަރު 2022 - 09:20 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު އަނބިކަނބަލުން ފަޒްނާ އަހުމަދު އުތީމަށް ވަޑައިގަންނަވާނެ އެވެ.

ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް އުމްރާނީ މަޝްރޫއުތައް ނިންމައި ހިދުމަތްތައް ރަސްމީގޮތުން އިފްތިތާހުކޮށްދެއްވާނެ އެވެ.

މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެ އެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ޒޯން 1 ގެ ހިދުމަތް ފަށައި އެނިޒާމް އެސަރަހައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސް ސޯލިހު ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެމަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހު އެވެ.