Advertisement

އިއްކޮގެ ތަފާތު މޮޅު ކުޅުމާއި ދިވެހިން ސަޕޯޓަރުންގެ ލޮލުން އުފަލުގެ ކަރުނަ

26 ސެޕްޓެންބަރު 2022 - 10:03 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރޭގެ މެޗުގެ ތެރެއިން އިއްކޮ ޕޮއިންޓެއް ސްކޯކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިއްކޮގެ ތަފާތު މޮޅު ކުޅުމާއި ދިވެހިން ސަޕޯޓަރުންގެ ލޮލުން އުފަލުގެ ކަރުނަ

26 ސެޕްޓެންބަރު 2022 - 10:03 0

ރޭ ޒުވާނުންގެ މަރުކަރު އެތެރެ ކޯޓުގައި ފެށި ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ނިމެން އޮތީ އެންމެ 42 ސިކުންތެވެ. އޭރު، ރާއްޖެ ކައިރިން 46-47 އިން ނޭޕާލް އޮތީ ކުރީގަ އެވެ. ރާއްޖޭގެ ޝައިލާން އަފްޒަލް ދިން ބޯޅަ ހިފާ އަތަށް ހެޔޮވަރު ކޮށްލާފައި އިސްރާއު އަބްދުއްޝުކޫރު (އިއްކޮ) އެ އަމާޒުކޮށްލީ ކުރިމަތީގައި ހުރި ރިންގަށެވެ. ބޯޅަ މަތިން ދިޔަ ވަގުތު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ތިބި ހުރިހާ އެންމެންގެ ނޭވާ ހުއްޓުނު ކަހަލަ އެވެ. އެ ބޯޅަ ގޮސް ރިންގުގަވެސް ޖެހި ނުލައި ބާސްކެޓުގެ ތެރެއަށް ވެއްޓުމާ އެކު މުޅި ހޯލަށް އެންގުވީ ސަޕޯޓަރުންގެ ގުގުމުގެ އަޑުންނެވެ. ސަޕޯޓަރުންގެ ހަޅޭކުގެ އަޑާ އެކު ގައުމީ ޖޯޝާއި ފޯރި މުޅި މާހައުލުން ގުގުމާލި އެވެ.

މިއީ ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުން ފުރަތަމަ ފަހަރަށް ނޭޕާލް ބަލިކުރި މެޗުގައި އިއްކޮ ދެއްކި ޖާދުލުގެ ކުޑަ މިންވަރެކެވެ. އޭނާ މުޅި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ދިވެހިންނަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭން މުޅި މެޗުގައި އޭނާ ދެއްކި ހިތްވަރަށް ތައުރީފު ކުރަން ޖެހޭ އެއް ސަބަބެވެ.

މެޗު ނިމުނީ ރާއްޖޭން 51-47 އިން ނޭޕާލްގެ މައްޗަށް ތާރީހީ މޮޅެއް ހޯދައިގެންނެވެ.

މެޗަށް ފަހު އިއްކޮ އާއިލާގެ މެމްބަރުންނާ އެކު.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ހުރިހާ ގޮތަކުން ބަލާއިރު ވެސް ރާއްޖޭގެ ހުރިހާ ކުޅުންތެރިން މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވެ. ހިތްވަރު ކުރި އެވެ. އެކަމަކު، އެއް ކުޅުންތެރިއެއްގެ ނަން ފާހަގަކުރަން ޖެހެނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. މުޅި މެޗަށް ބަލާއިރު ވެސް އެންމެ ބޮޑު ތަފާތެއް ދެއްކީ ރާއްޖޭގެ ގައުމީ ޓީމާ އެކު އޭނާގެ ކެރިއަރުގެ "ބެސްޓް" ޕާފޯމަންސް ދެއްކި އިއްކޮ އެވެ.

މުޅި މެޗުގައި ދިވެހި ޓީމުން އެންމެ ގިނަ ވަގުތު ކުޅުނު ކުޅުންތެރިޔަކީ އިއްކޮ އެވެ. ޖުމްލަ އެކު، 37 މިނެޓު އޭނާ ކޯޓު މަތީގައި ހުރިއިރު، 23 ޕޮއިންޓު އެކަނިމާ އެކަނި އޭނާ ސްކޯ ކޮށްދިނެވެ. ދެ ޓީމަށް ބަލާއިރު ވެސް އެންމެ ގިނައިން ސްކޯ ކުރި ކުޅުންތެރިޔަކީ އިއްކޮ އެވެ.

ދެން އޮތީ މެޗުގައި އޭނާ ދެއްކި އާދަޔާ ޚިލާފު ހިތްވަރެވެ. ވަރުބަލިވެގެން ގޮސް ނުދުވުވޭވަރުވެފައި ހުންނައިރު ވެސް ފުން ނޭވާއެއް ލާފައި ދުއްވައި ގަންނަނީ ދިވެހި ގައުމަށް އަދި ސަޕޯޓަރުންނަށް ޓަކަ އެވެ.

މެޗަށް ފަހު މީޑިއާ އަށް ދިން އިންޓަވިއުގައި އިއްކޮ ބުނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލް އަތުން ބަލިވި ދުވަހުން ފެށިގެން "ރީމެޗެއް" ބޭނުންވެފައި ހުރިކަމަށެެވެ.

"މިއީ ހަމަ އިންކްރެޑިބަލް ވިން އެއް ހަމަ. އެހެންވެ، ހުރިހާ އެންމެން އެހާ އިމޯޝަނަލް ވެސް ވީ. ސަޕޯޓަރުން ދިން ހިތްވަރު ވެސް ވަރަށް މުހިންމު، އެހެންވެ ތެންކިއޫ ސަޕޯޓަރުންނަށް ވެސް،" ފެންކަޅިވެފައި ހުރެ އިއްކޮ ބުންޏެވެ.

"މި ކަހަލަ ކްރައުޑެއްގައި ކުޅުމަކީ ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއަދު (ރޭ) މި ތަނަށް އައިސްފައި އެ ވަރަށް ސަޕޯޓް ކޮށްދިނީތީވެ އެކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އެންމެ ފަހު ވަގުތާ ޖެހެންދެން ޓީމަށް ބިލީވް ކޮށްދިނީތީ އެކަން ވެސް ފާހަގަކުރަން. އެހެން މެޗުތަކުގައި މި އަށް ވުރެ ގަދަ އަށް ސަޕޯޓް ބޭނުންވޭ، އަޅުގަނޑުމެން ކުރީގައި ނުނަގާ ވަަރުގެ އެހެން ކުލައެއްގެ މެޑަލެއް ނަގަން،"

މުޅި މެޗުގައި އިއްކޮ ހުއްޓުވުމަށް ނޭޕާލް ކުޅުންތެރިންނަށް ގިނަ ފައުލުތަކެއް ކުރަން ޖެހުނެވެ. އެ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ސާދިނާ ޝްރެސްތާ އަދި މުނާ މަހާޖަން ފަސް ފައުލް ހަމަވެގެން ފައިބަން ޖެހުމުގައި އިއްކޮގެ ދައުރު ބޮޑެވެ. ނޭޕާލުގެ ކުޅުންތެރިން އިއްކޮއަށް 12 ފައުލް ކުރި އެވެ. ދެ ވަނަ އަށް އެންމެ ގިނަ ފައުލް ކުރީ ރާއްޖޭގެ ރިޝްމާ އަށެވެ. އެއީ 5 ފައުލެވެ.

ރޭގެ މެޗުގެ ތެރެއިން އިއްކޮ (ކ) ބޯޅަ ހިފައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރާއްޖޭގެ އެޓޭކާއި ޑިފެންސުގައި އެންމެ ވަރުގަދަކޮށް ފެނުނު އިއްކޮ ވަނީ ޖުމްލަ 13 ރިބައުންޑެއް ނަގައިފަ އެވެ. އޭގެ ތެރޭގައި ނޭޕާލްގެ ކުޅުންތެރިން ޝޫޓް ކުރި ބޯޅަތައް ނުވެއްޓި ދިޔަ ދަނޑިވަޅުގައި އޭނާ ނެގި 11 ޑިފެންސިވް ރީބައުންޑް ހިމެނެ އެވެ.

ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އިއްކޮ އަށް ނޭޕާލް ކުޅުންތެރިން ހަމަލާދިންތަން ވެސް ފެނުނެވެ. ގަސްތުގައި އަތުން ކޮއްޕާ ވައްޓާލައި އަނިޔާކުރި ތަންވެސް ފެނުނެވެ. ނަމަވެސް އިތުރު ހިތްވަރެއްލައި، އިއްކޮ އެ ދެއްކި ހިތްވަރުން ހުރިހާ ދިވެހިންނަށް ލިބުނީ އާ އުއްމީދަކާއި އުފާވެރިކަމެކެވެ.

އެއީ ގައުމީ އަންހެން ޓީމުގެ އަޒުމް ގުޑުވާ ނުލެވޭނެކަމުގެ އުއްމީދެވެ. ގައުމީ އަންހެން ޓީމަށް ގިނަ ކާމިޔާބީތައް ހޯދޭނެކަމުގެ އުއްމީދެވެ. ސަރަހައްދީ ވަނަތައް ހޯދުމުގައި މި ކުޅުންތެރިން ޖޯޝާއި ފޯރީގައި ކުޅެ ގައުމަށް ރީތި ނަން ހޯދައިދޭނެކަމުގެ ޔަގީނަކަމާއި އުފާވެރިކަމެވެ. ހަމަ ޔަގީނުންވެސް ނޭޕާލާއި ރާއްޖެ ވާދަކުރި ފުރިހަމަ ވަގުތު ހަމަވުމާ އެކު އެންމެންގެ ލޮލުން ފާއްދާލި އުފާވެރިކަމުގެ ކަރުނައާ އެކު އެކަން ސާބިތުވެއްޖެ އެވެ.