Advertisement

މުޒާހަރާ ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނަން: އިރާނުގެ ރައީސް

25 ސެޕްޓެންބަރު 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާގެ ތެރެއިން ދިދައެއްގައި ރޯކޮށްފައި. -- ފޮޓޯ: ގެޓީ


މުޒާހަރާ ކުރާ މީހުންނާ މެދު ފިޔަވަޅު އަޅާނަން: އިރާނުގެ ރައީސް

25 ސެޕްޓެންބަރު 2022 - 05:37 0

އިރާނުގައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސް އިބްރާހިމް ރައިސީ ވިދާޅުވެއްޖެ އެވެ.

މީގެ ހަފުތާއެއް ކުރިން ފެށި މުޒާހަރާ މިހާރު ވަނީ 31 ޕްރޮވިންސަށް ފެތުރިފަ އެވެ. ރައިސީ ވިދާޅުވީ "ހިކުމަތްތެރިކަމާ އެކު ފިޔަވަޅު އަޅާނެ" ކަމަށެވެ.

ފުލުހުންގެ ބަންދުގައި ހުރި އަންހެނަކު މަރުވުމުން ފެށި މުޒާހަރާތަކުގައި މިހާތަނަށް 35 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

މަހްސާ އާމިނީ ނަމަކަަށް ކިޔާ އަންހެނަކު ހައްޔަރު ކުރީ ބުރުގާ ނާޅާ ހުރުމުންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ އަނިޔާތަކުގެ ސަބަބުންނެވެ.

އިރާނުގައި އަންހެނުން ބުރުގާ އެޅުން މަޖުބޫރެވެ. އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ މަހްސާ އާމިނީގެ ބޮލުގައި މުގުރުން ތަޅައި، ފުލުހުންގެ އުޅަނދުގެ ލުމަށް ފަހު، ބޯ ތަންތަނުގައި ޖައްސައި ޖައްސާފަ އެވެ.

ފުލުހުން ބުނީ އަނިޔާކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށެވެ.

މަހްސާ އާމިނީގެ މަަރުގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމަށް ރައިސީ ވިދާޅުވި އެވެ. އެކަމަކު އިންޓީރިއާ މިނިސްޓަރު އަހްމަދު ވާހިދީ ވިދާޅުވީ އޭނާއަށް އަނިޔާކޮށްފައި ނުވާ ކަމަށެވެ.

"މައްސަލަ ބަލާ އިދާރާތަކުގެ ރިޕޯޓުތައް ލިބިއްޖެ. މަންޒަރު ދުށް މީހުންނާ އިންޓަވިއުކޮށްފި. ވީޑިއޯތައް މުރާޖައާކޮށްފި. ފޮރެންސިކް ލަފާ ވެސް ހޯދައިފި. އަނިޔާކުރި ކަމުގެ އެއްވެސް ނިޝާނެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ބައެއް ހިސާބުތަކުގައި މުޒާހަރާ ހަމަަނުޖެހުމަށް ބަަދަލުވެފައިވާ މަންޒަރެވެ. ޕިރާންޝަހަރް، މާހްއާާބާދް އަދި އުރްމިއާ ސިޓީގަައި އާއްމުންނަށް އަމާޒުކޮށް ފުލުހުން ބަޑި ޖަހާ ވީޑިއޯ ވެސް އާއްމުވެފައިވެ އެވެ.

މުޒާހަރާ ހަމަނުޖެހުމަށް ބަދަލުވެފައި ނުވާ ކަމަށް ރައިސީ ވިދާޅުވި އެވެ. އެހެން ނަމަވެސް ގައުމުގެ ސަލާމަތާއި ސުލްހައަށް ހުރަސް އަޅާ މީހުންނާ މެދު ހިކުމަތްތެރި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އެތައް ސަތޭކަ ބަޔަކު ހައްޔަަރުކޮށްފައިވާ އިރު، ހުޅަނގު އުތުރު ގުއިލާން ޕްރޮވިންސްގެ ފުލުހުން ބުނީ 739 މީހުން ހައްޔަރު ކުރި ކަމަށެވެ. އޭގެ ތެރެއިން 60 އަންހެނުން ހިމެނެ އެވެ.

އޭގެ އިތުރުން ނޫސްވެރިންނާއި އެކްޓިވިސްޓުންނާ ދެކޮޅަށް ވެސް އިދާރާތަކުން ފިޔަވަޅު އަޅަމުންދާ ކަމަށްވެ އެވެ. ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ޖަމިއްޔާއިން ބުނީ 11 ނޫސްވެރިން ހައްޔަަރުކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރަން އިރާން ސަރުކާރުން އިންޓަަނެޓުގެ ހިދުމަތަަށް ހުރަސް އަޅަމުން ދާތީ، ރައްޔިތުންނަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދިނުމަށް، އިރާނުގެ އިންޓަނެޓް ހިދުމަތް ކޮންޓްރޯލަށް ދަތިކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނެ ކަަމަށެވެ.