Advertisement

ގަތަރު ވޯލްޑް ކަޕްގައި ވެސް ލެވަންޑޯސްކީ ޔޫކްރެއިންގެ "ކެޕްޓަން ބޭންޑް" އަޅާނެ!

21 ސެޕްޓެންބަރު 2022 - 07:56 0

ޔޫކްރެއިންގެ ކުރީގެ ފޯވާޑް އަދި ކޯޗު އަންދްރޭ ޝެވްޗެންކޯ އާއި ލެވަންޑޯސްކީ ޔޫކްރެއިންގެ ކެޕްޓަން ބޭންޑަކާ އެކު ސެލްފީއެއް ނަގަނީ.


ގަތަރު ވޯލްޑް ކަޕްގައި ވެސް ލެވަންޑޯސްކީ ޔޫކްރެއިންގެ "ކެޕްޓަން ބޭންޑް" އަޅާނެ!

21 ސެޕްޓެންބަރު 2022 - 07:56 0

ވޯސޯ، ޕޮލެންޑް (ސެޕްޓެމްބަރު 21) - ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕްގައި ވެސް ޕޮލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ ޔޫކްރެއިންގެ ކުލަތަކާ އެކު ކެޕްޓަން ބޭންޑެއް އަޅައިގެން ކުޅެން ނިންމައިފި އެވެ.

ރަޝިއާ އިން މި އަހަރު ކުރީކޮޅުން ފަށައިގެން ޔޫކްރެއިނަށް އަރައިގަނެ، ކުރަމުން އަން ހަނގުރާމަ ކުށްވެރިކޮށް ފުޓްބޯޅައިގެ އެކި ލެވަލްގައި އަންނަނީ ޔޫކްރެއިނަަށް ސަޕޯޓް އޮތްކަން ހާމަކޮށް އެކި ކަންކަން ކުރިއަށް ގެންދަމުންނެވެ.

ޖަރުމަނު ލީގުގައި މިދިޔަ ސީޒަނުގައި ކުޅުނު މެޗެއްގައި ލެވަންޑޯސްކީ ވަނީ ބަޔާންގެ ކެޕްޓަން ބޭންޑާއި ޔޫކްރެއިންގެ ކުލަތަކާ އެކު ހުރި ކެޕްޓަން ބޭންޑެއް އަޅައިގެން މެޗު ކުޅެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޖަރުމަނު ލީގުގައި އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗެއްގެ ތެރެއިން ލެވަންޑޯސްކީ ބަޔާނާއި ޔޫކްރެއިންގެ ކުލަތައް ދައްކުވައިދޭ ކެޕްޓަން ބޭންޑް އަޅައިގެން.


މިދިޔަ އަންގާރަ ދުވަހު ޕޮލެންޑްގެ ރަސްމީ ސްޓޭޑިއަމްގައި ބޭއްވި އިވެންޓެއްގައި ޔޫކްރެއިންގެ ކުރީގެ ފޯވާޑް އަދި ފަހުން ކޯޗަކަށް ވެސް މަސައްކަތްކުރި މަޝްހޫރު ތަރި، އަންދްރޭ ޝެވްޗެންކޯ ވަނީ ލެވަންޑޯސްކީ އަށް ޔޫކްރެއިންގެ ދިދައިގައި ހުންނަ ކުލަތައް ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑެއް ހަދިޔާކޮށްދީފަ އެވެ.

ލެވަންޑޯސްކީ ކުރި ޓްވީޓެއްގައި ވަނީ ޝެވްޗެންކޯ އަށް ޝުކުރު އަދާކޮށްފަ އެވެ.

"ވޯލްޑް ކަޕަށް ޔޫކްރެއިންގެ ކުލަތަށް ހުރި މި ކެޕްޓަން ބޭންޑް ގެންގޮސްދިނުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު ފަހުރަކަށް ވެގެންދާނީ،" ލެވަންޑޯސްކީ ބުންޏެވެ.

ޕޮލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ މިދިިޔަ ޖޫން މަހު ޕްލޭއޮފްގައި ސްވިޑެން ކަޓުވާލައިގެންނެވެ. ޕްލޭއޮފްގައި ޔޫކްރެއިން ބަލިކޮށް ވޯލްޑް ކަޕްގެ ޖާގަ ހޯދީ ވޭލްސް އެެެވެ.

ޝެވްޗެންކޯ ބުނީ މި އަހަރުގެ ވޯލްޑް ކަޕަށް ދިއުމަކީ ޔޫކްރެއިނުން ވަރަށް ބޮޑަށް ބޭނުންވި ކަމެއް ކަމަށެވެ. އެކަމަކު، އެކަން ހާސިލްނުވުމުގެ ހިތާމަ އަށް ލިބޭނެ އެންމެ ބޮޑު ލުޔަކީ ލެވަންޑޯސްކީ ފަދަ މަޝްހޫރު ކުޅުންތެރިއަކު ޔޫކްރެއިންގެ ހައްގުގައި އެ ގައުމުގެ ކުލަތަށް ވޯލްޑް ކަޕްގައި ދައްކާލުން ކަމަށް ޝެވްޗެންކޯ ވަނީ ބުނެފަ އެވެ.

ވޯލްޑް ކަޕްގައި ޕޮލެންޑް ކުޅެން ޖެހޭނީ ގްރޫޕް ސީގަ އެވެ. އެ ގްރޫޕްގައި އޮތީ އާޖެންޓީނާ، މެކްސިކޯ އަދި ސައުދީ އަރަބިއްޔާ އެވެ.