Advertisement

ދިވެހިބަހުން ޝާޢިޢުކުރި ފުރަތަމަ ލަވަތަކުގެ ތެރެއިން "ނަސުރާ ނަސީބު ވެރިކަން މަތީ"

16 ސެޕްޓެންބަރު 2022 - 07:43 0

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން

ހުސައިން ޞަލާހުއްދީން އާއި އެ މަނިކުފާނު ލިޔުއްވާފައިވާ ޅެމެއްގެ ބައެއް ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމެއް. އާޓްވޯކް: އިސާމް / އަދަދު


ދިވެހިބަހުން ޝާޢިޢުކުރި ފުރަތަމަ ލަވަތަކުގެ ތެރެއިން "ނަސުރާ ނަސީބު ވެރިކަން މަތީ"

16 ސެޕްޓެންބަރު 2022 - 07:43 0

މުޅި ޖައްވުގައި އުތުރެމުންދަނީ ޤައުމީ ރޫޙެވެ. ތަރައްޤީގެ ރޭހުގައި ފައިހަމަކޮށްލުމުގެ ޢަޒުމެވެ. އަޅުވެތިކަން ދޫކޮށް، ފުރިހަމަ މިނިވަންކަން ހޯދުމުގެ އުއްމީދުތަކެވެ. ވެރިކަމުގެ ނިޒާމާމެދު، ދައުލަތުގެ ދުސްތޫރެއްގެ މުހިއްމުކަމާމެދު ސުވާލު އުފައްދަމުންދިޔަ ޖީލެއްގެ ހުވަފެންތަކެވެ.

ހިޖުރައިން 1360 ވަނަ އަހަރެވެ. ވަޒީރުއްދާޚިލިއްޔާ އަލްއަމީރު ޙަސަން ފަރީދު ދީދީގެ އެންގެވުމަކަށް އިޖާބަދީ، "ޤައުމާއި ބަހުގެ އަދަބު ކުރިއެރުމުގެ ޚިޔާލު" ބަހައްޓައިގެން ދިވެހި ޅެންވެރިކަމުގެ މޭސްތިރިން ޅެންތައް އަމުނުއްވަމުން ގެންދެވިއެވެ. ހަތަރު އަވަށުގެ ޅެންވެރިން ވާދަވެރިކަމާއި ޖޯޝާއެކު ކުރެއްވި މިންނަތް މަސައްކަތުން އުފަންކުރެއްވީ ތިރީގައި މި ނަކަލުކުރާ ފަދަ މޮޅު، ރީތި، ބައިތުތަކެވެ.

މާފަންނު ލަވަތަކުގެ ތެރެއިން ފެނުނު އެއް މުތަކީ، މުޙައްމަދު ޖަމީލު ދީދީގެ ދިރުންހުރި ބައިތުތަކެކެވެ.

"އެންމެ ދީލަތިވަންތަ ކީރިތި ޖައްލަރައްބީއަށް ދުލުން

ދެންނެވުން އެކަށޭނަހެން އަދު ރަމްޒުކޮށް ކިޔަމޭ ޘަނާ"

މި ބައިތުތަކަށް އެތައް އަހަރެއްވެފައިވާ ނަމަވެސް، ޕޯޑިއަމްގެ ކުރިމަތީ ހުއްޓޭ ސްކޫލު ދަރިވަރެއްކަމުގައިވިޔަސް، ސިޔާސީ ލީޑަރެއްކަމުގައިވިޔަސް، މި ބައިތު ދަސްކޮށްގެން އުޅުން މިއަދުވެސް ވެފައިވަނީ ފިނިވެ، ތުރުތުރުލާލާ ހުރެ ކިޔަން އުޅޭ އެއްޗެއް ހަނދާން ނެތިފައި ހުންނަން ޖެހުނަސް، "އަލުން ފޯމަށް އަޅުވާލަދޭ" ބައިތަކަށެވެ.

ހަމަ އެ ޒަމާނެވެ. އިތުރު ތަޢާރަފަކަށް ބޭނުންނުވާ ބޮޑުފެންވަޅުގޭ ސީދީގެ ޅެންވެރިކަމެވެ. މި ޒަމާނުގެ "ބެރުވެރިން" މި ލަވަ ދަންނާނީ ބޮޑުބެރުލަވައެއްގެ ގޮތުގައެވެ. މައް ދިވެހި ބޮޑުބެރު ހުށަހެޅުމެއް ނިންމާއިރު، މި ލަވަ ނުކިޔައިފިނަމަ އެއަށް އުނިކަން އަންނަ ކަމަށް ދެކޭ މީހުންވެސް އުޅެއެވެ. ނަކަލުކޮށްލާނަމެވެ.

"ބިސްމިﷲ ކިޔައިގެން- މިޔޯފެށީޔޯ

އިސްފަސްނުވާހެން- މިޔޯފެށީޔޯ

ޤަދަރަށް ބަލައިގެން- މިޔޯފެށީޔޯ

އަދަބަށް ލަބައިބޯ- މިޔޯފެށީޔޯ"

ހަމަ އެކަހަލަ އަނެއް ލަވައެވެ. ހަމަ އެ ޅެންވެރިޔާއެވެ. ހަމަ މި ޒަމާނުގެ ބޮޑުބެރު ގުރޫޕުތައް ފަރިތަ ލަވައެކެވެ.

"ޤުދުރަތުން ދެއްވާނީ- ހައިމޮޅު ދަރުމަ

ޤުދުރަތުން ދެއްވާނީ- ދީލަތިވަންތަ

ޤުދުރަތުން ދެއްވާނީ- ވާ އެދި އަޅަމެން"

މި ލަވަތަކުގެ ތާރީޚުގެ ތެރެއަށް ފީނިފީނިހެން މި ލަވަތަކާ މެދު އޮންނަ ޝަޢުޤު އިތުރުވެގެންދެއެވެ. މިއިން ކޮންމެ ލަވަޔަކަށް އަދި ޅެމަކަށް ވަކި މަޒުމޫނުތައް ލިޔާހާ ފުރިހަމައެވެ. އެހެންނަމަވެސް މި ލަވަފޮތުން އަޅުގަނޑުގެ ލޮލުގައި އެންމެ އަޅައިގަތީ، މިހުރިހާ ދުވަހު އަޅުގަނޑުމުންގެ ޒަމާނުގެ ލަވައެއްކަމަށް ޔަޤީންކޮށްގެން ހުރި ލަވައެއް މި ފޮތުން ފެނުނީމައެވެ. ތިޔަ ހީކުރެއްވީ ރަނގަޅަށެވެ.

"ނަސުރާ ނަސީބު ވެރިކަން މަތީ

ދެމިތިއްބަވާ މަތިވެރިވެދާން

އެދިތޭ ތިބީ އެންމެން އެކީ

ދައުލަތުގެ މޮޅުކަން އަލިކަމާ

ވަލްޢިއްޒުދާއިމް މުޅި ދޭހުގާ

ނިޔަނެތިކަމައިގެން ފާގަތިކަމައިގެން

ނަސުރާ ނަސީބު

ދިވެހިންގެ ދައުލަތް ކުރިއަރާ

ކީރިތިކަމައިގެން ތާއަބަދުގާ

އަމްނާ އަމާނާ ޙަމްދާ ސަލާމާ

ނަސުރާ ނަސީބު

ތަރިތައް އަރާހެން ފާޅުވާ

އަލިވެއުޖާލާ ނަންފުޅުވެމާތް

އައުދާނަ މޮޅުކަން ލިބިތިއްބަވައިގެން

ނަސުރާ ނަސީބު"

ޙުޞައިން ޞަލާޙުއްދީންގެ ޅެންވެރިކަމެވެ. އާދައިގެ ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް މިއީ، އެ ލަވަ އިވި އިވި ގޮސް، އެ ކިޔާ ނުކިޔާއެއް ނުއެނގުނެއްކަމަކު އެ ކިޔާ ނުކިޔާ ދޭހަވާކަމަށް ކުށްހީ ވެފައިވާ ލަވަތަކުގެ ތެރެއިން ލަވައެކެވެ. މިހާރު އަޑުއަހާލުމުން އެ ވިދާޅުވާ އެއްޗަކާ މެދު ފުންކޮށް ވިސްނާލަން މަޖުބޫރުކުރުވައެވެ. އަދި މި ލަވަ އަޅުގަނޑަށް އެންމެ ހިތްގައިމީ އެންމެ ކުރީގެ ގޮތަށް، މަސްއޮޑި އިބްރާހިމްފުޅުގެ އަޑުފުޅުން ވިދާޅުވާއިރުގައެވެ.

އަލުން އަޑުއަހާލަމާ ހިނގާށެވެ. މި ފަހަރު ކިޔާ އެއްޗަކާމެދު ރަނގަޅަށް ވިސްނަމުންނެވެ. އެންމެން އެ އެދެނީ ކޮން ބައެއްގެ ނަޞްރަކަށް ހެއްޔެވެ؟ ދިވެހި މިނިވަން ވެރިކަމުގެ ނަސްރާއި ނަސީބަށްހެއްޔެވެ؟ ނުވަތަ މުޅި އުއްމަތަށް ނަސްރާއި ނަސީބުވެރިކަމަށްހެއްޔެވެ؟ އާ ޤާނޫނު އަސާސީގެ ހިޔަލުގައި އެ އެދެނީ ރައްޔިތުންގެ ބާރުވެރިކަމަށްބާވައެވެ؟ މި ލަވަޔަށް އަޅުގަނޑުމެންގެ ކަންފަތްތައް ހޭނިފައިވާތީ، އެ ލަވައިގެ އެ ބޭނުންކުރައްވާފައިވާ ލަފުޒުތަކާމެދު ވަކިވަކިން ވިސްނާލާނޭ ފުރުޞަތު އަޅުގަނޑުމެންނަކަށް ނުލިބެއެވެ. އަޑުއަހާއެހުމަށް ފަރިތަ ލަފުޒުތަކެއް ކަމުގައިވާނަމަވެސް، އެ ލަފުޒުތަކާމެދު ފުންކޮށް ވިސްނާލެވެނީ ކިތައް ފަހަރުބާއެވެ.

މިލަވައިގައި ދައްކަނީ ދައުލަތުގެ ވާހަކައެވެ. އަނެއްކާވެސް ކަންފަތަށް ފަރިތަ ލަފުޒެކެވެ. ޢާއްމުގޮތެއްގައި އަޅުގަނޑުމެން ނިންމަނީ ދައުލަތާއި ސަރުކާރަކީ އެކައްޗެއް ކަމުގައެވެ. ދައުލަތުގެ ދެވަނަ މާނައެއްގެ ގޮތުގައި ބަހުގެ ރަދީފު ބުނަނީވެސް ސަރުކާރެވެ. އެހެންނަމަވެސް ފުރަތަމަ މާނައިގައި އޮންނަނީ، އެއީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރުހިންގާފަރާތްތަކާއި، އެ ޤައުމުގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި، މިހުރިހައި ފަރާތަކަށް ޖުމުލަކޮށް ކިޔާ ނަން ކަމުގައެވެ. އެހެންކަމަށްވާނަމަ، މި ލަވައިގައި މި ދައްކަނީ އެ ޒަމާނުގެ ރައީސެއްގެ ނުވަތަ ހިންގުމުގެ ބާރުގެ ނަޞްރާ ނަޞީބަށް އެދޭ ވާހަކައެއް ނޫންތާއެވެ. އެހެންނަމަވެސް މުޅި ޤައުމާއި، ޤައުމުގެ ޤާނޫނީ ވެރިކަމުގެ ނަޞްރަށް އެދޭ ވާހަކައެވެ. 1930ގެ އަހަރުތަކަކީ ދިވެހި ދުސްތޫރީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްގޮސްވި އަހަރުތަކެކެވެ. 1932ގައި ދިވެހިން ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް އެކުލަވާލުމަށްފަހު، ޤާނޫނު އަސާސީ ވީދާލީވެސް ހަމަ އެއަހަރުގައެވެ. އެ އަހަރުތަކަކީ ވެރިކަމުގެ ނިޒާމީ ބަދަލުތަކުގެ ކުރިތައް ދިވެހި ބިމުގައި ފޯދެން ފެށި އަހަރުތަކެވެ. އެހެންކަމުން ދައުލަތުގެ މާނަ، ހަމައެކަނި ވެރިންގެ ބަދަލުގައި، މުޅި އާބާދީ އާއި އިންސަރަޙައްދުވެސް ހިމެނޭގޮތަށް މާނަކުރުމުގެ ފުރުޞަތު ބޮޑެވެ.

ދެން ޅެންވެރިޔާ ވިދާޅުވަނީ ނަސްރާއި ނަސީބުވެރިކަން މަތީ ދެމިތިބުމަށް، ދައުލަތެއްގައި ހުންނަން މުހިއްމު ސިފަތަކެކެވެ. ނިޔަނެތިކަމާއި، ފާގަތިކަމާއި، އަމާންކަމާއި، އައުދާނަ މޮޅުކަމާއި ކީރިތިކަމެވެ. ވަކިވަކިން ލަފުޒުތަކަށް ބަލާލަމާތޯއެވެ. ނިޔަނެތި ނުވަތަ ނިއަނެތިކަމަކީ މަޑުމައިތިރިކަމާއި ޢަބުރުވެރިކަން ސިފަކޮށްދޭ ނަންއިތުރުގެ ނަމެކެވެ. ފާގަތިކަމަކީ އުފާވެރިކަމާއި، ތަނަވަސްކަމާއި ބާއްޖަވެރިކަމެވެ. އައުދާނަކަމަކީ މާތްކަން ބޮޑުކަމެވެ. މަޖާޒީގޮތުން ބަލާނަމަ، ކަނޑި ހެވިކަމަށް ކުޅަދާނަކަމެވެ. ކީރިތިކަމަކީ ޢިއްޒަތްތެރިކަމާއި މާތްކަމެވެ.

ޖުމުލަގޮތެއްގައި ބުނާނަމަ، އުފާވެރިކަމާއި ތަނަވަސްކަމާއި ޢަބުރުވެރިކަން ލިބިގެންވާ ރައްޔިތެއްގެ ވާހަކައެވެ. އެ ސިފަތައް ހިމާޔަތްކުރެވޭހާ އަސްކަރީ އަދި އެނޫންވެސް ބާރުތައް ލިބިގެންވާ ވެރިކަމެއްގެ ވާހަކައެވެ. އަދި މި ހުރިހާ ނަޞީބަކާއެކު އިރާދައިން ކަށަވަރުވާ ކާމިޔާބީގެ ވާހަކައެވެ. އަދި މި ހުރިހާ ސަބަބަކާ ހުރެ މުޅި ދޭހުގައި ދާއިމަށް ޢިއްޒަތް ލިބިގެންވާ ޤައުމެއްކަމުގައި ދިވެހި ޤައުމު ވެދާ ވާހަކައެވެ.

މިހާ ކުރީގެ ލަވައެއް މިއަދުވެސް ހަމަ އެ ރޫޙާއި ޖޯޝާއެކު މި ކިޔައިލެވެނީ ކީއްވެގެންތޯއެވެ؟ ސީދާ ސާދާ ޖަވާބެކެވެ. ލަވައިގެ ޝިޢާރަކީ ދިރުންހުރި ޝިޢާރަކަށް ވާތީއެވެ. ޤައުމަށް ނަޞްރަށް އެދުމަކީ "މުއްދަތު ހަމަވާ" ޝުޢޫރަކަށް ނުވާތީއެވެ. ޤައުމީ ލޯބިން ދަސްވެނިވެގެން ދެން ދަސްކުރާންފަށާ މާއްދާއަކީވެސް ހަމަ ޤައުމީ ލޯބި ކަމުގައިވާތީއެވެ.

އަޅުގަނޑުމެންގެ ޖީލަށް ޅެންވެރިޔާ ޙުސައިން ޞަލާޙުއްދީން ތަޢާރަފުވެފައި އޮތީ ދިވެހިރާއްޖެ ދުށް އެންމެ ކުޅަދާނަ އަދީބުންގެ ތެރެއިންނެވެ. އެ މަނިކުފާނުގެ އެހެނިހެން ޚިދުމަތްތަކުގެ ވާހަކަ އެހާ މަޝްހޫރެއް ނޫނެވެ. އެހެންނަމަވެސް އެއީ މުޅި ޢުމުރު ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކޮށްދެއްވި ޚިދުމަތްތެރިއެކެވެ. ކުރިން ބަޔާންވެ ދިޔަފަދައިން، ޝަމްސުއްދީން ރަދުންގެ ރަސްކަމުގައި، 22 ޑިސެމްބަރު 1932ގައި ޤާނޫނު އަސާސީ އިޢުލާންކުރުމާއެކު، ވަޒިރުލް ޙައްޤާނިއްޔާ ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަޑިޔާރު މަނިކުފާނެވެ.

އެ މަނިކުފާނުގެ ޢިލްމީ، އުފެއްދުންތެރި ޅެންވެރިކަމަށް ނަޒަރު ހިންގާލާއިރު، "ނަސުރާ ނަސީބު" މި ލަވައަކީ، އެހާ ފާހަގަކުރެވޭ ލަވަޔަކަށް ނުވެ ހިނގައިދާނެއެވެ. އެއަށްވުރެ މާ މާނަފުން، ޢިބުރަތްތެރި "އަދަބީ އަލިމަސްތައް" އެ މަނިކުފާނު ދިވެހި އަދަބީ ޚަޒާނާއަށް ހަދިޔާކުރައްވާފައިވެއެވެ. އެހެންނަމަވެސް މި ލަވަ ޚާއްޞަ ވަނީ ޤަރުނެއް ވާން ގާތްވަމުންދާއިރުވެސް، އެ ލަވައިގެ މަޤުބޫލުކަމަށް ބަދަލެއް ނާންނާތީއެވެ. 1932 ވަނަ އަހަރުއްސުރެ އިސްލާޙުގެ އެކި ރާޅުތައް ދިވެހި ދައުލަތުގައި ވަރުނުލާ ޖަހަމުންދާއިރު، މިއިން ކޮންމެ ރާޅެއްގެ ރޫޙާވެސް މި ސާދާ ލަވައިގެ ޝިޢާރު ގުޅެއެވެ. މަސްއޮޑި އިބްރާހިމް ފުޅު ވިދާޅުވިޔަސް، އެމް.އެން.ޑީ.އެފް ކޮޔަރ އިން ކިޔާލިޔަސް، އަދި ޒަމާނީ ފަންނާނެއް "އަކަޕެލާ"ކޮށް އެލަވަ ކިޔާލިޔަސް އެ ރޫޙަށް ބަދަލެއް ނާދެއެވެ. ދިރުންހުރި، ޒަމަނާއި ވަގުތުގެ ލެނބުންތަކުގެ ކުރިމަތީ ވިލުންވެރި ޅެންވެރިކަމަކީ މިއީއެވެ.