Advertisement

ކޯޓުތަކުން މީހުން "ވާނުވާ" އަށް ޖަލަށްލާ ކަމަށް ބުނާތީ ފަނޑިޔާރު ނިޔާޒުގެ ނުރުހުން

15 ސެޕްޓެންބަރު 2022 - 09:41 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ކޯޓުތަކުން މީހުން "ވާނުވާ" އަށް ޖަލަށްލާ ކަމަށް ބުނާތީ ފަނޑިޔާރު ނިޔާޒުގެ ނުރުހުން

15 ސެޕްޓެންބަރު 2022 - 09:41 1

ކުށުގެ ތުހުމަތުތަކުގައި ހައްޔަރު ކުރެވޭ މީހުން ކޯޓުތަކުން "ވާނުވާ" އަށް ޖަލަށްލާ ކަމަށް ބުނާތީ, ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް ނުރުހުން ފާޅުކުރައްވައިފި އެވެ.

ފަނޑިޔާރު މި ކަމަށް ނުރުހުން ފާޅުކުރެއްވީ އިއްޔެ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގަ އެވެ.

އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ދަށު ކޯޓުން ދޫކޮށްލުމުން، ޕްރޮސެކިއުޓާ ޖެނެރަލް އިސްތިއުނާފު ކުރި މައްސަލައެކެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރު ކުރަމުން ގޮސް ޖުމުލަ 62 ދުވަސް ބަންދުގައި ހޭދަކޮށްފައިވެ އެވެ.

ފަނޑިޔާރު ނިޔާޒު އިއްޔެ ބޭއްވި އަޑުއެހުމުގައި ވިދާޅުވީ މި މައްސަލާގައި އެންމެ ފުރަތަމަ ވެސް ބަންދުގެ އަމުރު ނެރުނު އިރު ހައި ކޯޓުގައި އިސްތިއުނާފް ކުރަން ޖެހޭނެ އެވެ. ސަބަބަކީ އެ މައްސަލާގައި ޝަރީއަތް ނިމެންދެން ތުހުމަތު ކުރެވޭ މީހާ ބަންދު ކުރެވޭ ވަރަށް ހެކި ހުރުން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މި މައްސަލާގައި ފުލުހުން ހޯދާފައިވާ ހެކިތަކަށް ބަލާއިރު ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގެ ތެރެއިން ހާލަތެއް އޮވެފައި ފުރަތަމަ ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން ނުނިންމީމައި ކީއްވެގެންތޯ ޕްރޮސެކިއުޝަން އިން އިސްތިއުނާފް ނުކުރީ." ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.

ނިޔާޒު ވިދާޅުވީ މަދު ދުވަސްތަކެއް ބަންދުގެ މުއްދަތަށް އެކި ފަހަރު ޖަހަމުން ގޮސް ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓިގެން ދިއުމުން އެ ކަން "ވާނުވާ" އަށް ނުވާ ކަމަށެވެ. ޕްރޮސެކިއުޝަން ކޮންމެ ގޮތަކަށް އަމަލު ކުރިޔަސް, މުޖުތަމައުގެ ތެރޭގައި ވިސްނައިދީފައި އޮންނަނީ ކޯޓުތަކުން އެ ގޮތަށް އަމަލުކުރަނީ ކަމަށް ވިދާޅުވެ ފަނޑިޔާރު ވަރަށް ބޮޑަ ނުރުހުން ފާޅުކުރައްވާފައިވެ އެވެ.

"ބޮޑު ސްޓިގްމާއެއް އުފައްދާފައި މި އޮންނަނީ." ފަނޑިޔާރު ވިދާޅުވި އެވެ.

"މުޖުތަމައަށް މި ވިސްނައިދެނީ ކުށެއް ކޮށްގެން މީހަކު ހާޒިރުކޮށްގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ގެނެސްގެން ގާނޫނުގައި މި ބުނާ ޝަރުތުތައް ފުރިހަމަވެގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއްޔާ ވާނުވާ ޖަހައިފިއޭ، ވާނުވާ ޖަހައިފިއޭ،" ފަނޑިޔާރު ނިޔާޒު އިތުރަށް ވިދާޅުވި އެވެ.

ފަނޑިޔާރުގެ ނުކުތާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 65 ވަނަ މާއްދާ އެވެ.

އޭގައި ބުނާ ގޮތުން ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރެ، ތުހުމަތު ކުރެވޭ ކުށަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް ވަނީ ނަމަ, ނުވަތަ ހެއްކަށް ނުފޫޒު ފޯރުވެވޭ ވަރުގެ މީހެއް ނަމަ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ކަމެވެ.

ނަމަވެސް ކުށުގެ ބޮޑު މިނަށް ބަލާފައި އޭގެ ބަންދުގެ މުއްދަތެއް ވެސް ކަނޑައެޅޭނެ ކަމަށް ގާނޫނުގެ އެ މާއްދާ ސުޕްރީމް ކޯޓުން މާނަކޮށްދީފައިވެ އެވެ. އެ ކަން ވެސް ފަނޑިޔާރު ނިޔާޒު ފާހަގަ ކުރެއްވި އެވެ.