Advertisement

ވިއަވަތި އާއި އަތޮޅުވެރިންގެ ބައްދަލުވުން؛ ބައިގަރުނު ފަހުން ވެސް ނުނިމުނު ބޮޑު ވާހަކަ!

15 ސެޕްޓެންބަރު 2022 - 09:30 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ވިއަވަތި އާއި އަތޮޅުވެރިންގެ ބައްދަލުވުން؛ ބައިގަރުނު ފަހުން ވެސް ނުނިމުނު ބޮޑު ވާހަކަ!

15 ސެޕްޓެންބަރު 2022 - 09:30 2

"މާލެ ތަރައްގީވީވީހެން، ކަންދިމާވި ގޮތަކީ ރާއްޖެތެރޭގެ މީހުން ވެސް ރާއްޖެތެރެ ދޫކޮށްލާފައި މާލެއަށް އަންނަ ގޮތް ދިމާވީ. އެހެންވުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ވިއްސަކަށް ތިރީހަކަށް އަހަރު ދުވަހުގެ ތެރޭގައި އުޅެން ޖެހިފައި އޮތީ ސަލާމަތްވުން ދަތި ވަށްބުރެއްގެ ތެރޭގައި. މަސައްކަތް ކުރެވެމުންދިޔައީ މާލެ ތަރައްގީ ކުރުމަށް. މާލެ ތަރައްގީވީވީހެން ރާއްޖެތެރެ ދިޔައީ ނިކަމެތިވަމުން. ރާއްޖެތެރެ ނިކަމެތިވަމުން ދިޔަދިޔަހެން ދިރިއުޅުމުގެ އެކިއެކި ފުރުސަތުތައް ހޯދުމަށާއި، ބޭނުންވާ ހިދުމަތްތައް ހޯދުމަށް ރާއްޖެތެރޭގެ މީހުން ދިޔައީ މާލެއަށް އިތުރުވަމުން. ރާއްޖެތެރޭގެ މީހުން ރާއްޖެތެރެ ދޫކޮށް މާލެ އައުމުގެ ސަބަބުން ރާއްޖެތެރެއަށް ލިބެމުންދިޔައީ އިތުރު ނިކަމެތިކަމަކާއި ފަގީރުކަމެއް."

މިއީ ސިޔާސީ ބޭފުޅަކު ދާދި އިހަކަށް ދެއްކި ވާހަކައެއް ހެން ހީވެދާނެ އެވެ. އެކަމަކު އެހެނެއް ނޫނެވެ;

މިއީ، 1983 ވަނަ އަހަރު މުޅި ރާއްޖޭގެ ހުރިހާ އަތޮޅުވެރިން ހިމެނޭ ގޮތުން ބޭއްވުނު 'އަތޮޅުވެރިންގެ ބައްދަލުވުން 3' ހުޅުވުމުގެ ރަސްމިއްޔާތުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ދެއްވި ތަގުރީރުގެ ތަންކޮޅެކެވެ.

އެ ތަގުރީރުން އެނގެނީ ރާއްޖެއަށް ދިމާވެފައި އޮތް މައްސަލައަކީ ކޮބައިކަން މީގެ 40 އަހަރު ކުރިން ވެސް އޮތީ ދެނެގަނެވިފަ އެވެ. 'ރާއްޖެތެރެއަށް' އޮތް އިހުމާލާއި ތަރައްގީ ނުގެނެވިގެން އުޅޭ ކަމުގެ ވާހަކަ އެއްގޮތަކަށް ވެސް އަލެއް ނޫނެވެ.

ނަވާރަސަތޭކަ އަށްޑިހަ ތިންވަނަ އަހަރު ބޭއްވުނު އަތޮޅުވެރިންގެ ބައްދަލުވުމަކީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުވެރިންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެ ވާހަކައިގައި މައުމޫން ވެސް ފާހަގަކުރެއްވި ފަދައިން އޭގެ ކުރިން 1972 ނުވަތަ 1973 ގައި އެފަދަ ބައްދަލުވުމެއް އިންތިޒާމުކުރެވުނު ނަމަވެސް އެ ބައްދަލުވުން ކުރިއަށް ގޮސްފައެއް ނުވެ އެވެ. އެހެންވީމާ 'އަތޮޅުވެރިންގެ ބައްދަލުވުން 3' ވެގެން ދިޔައީ ހުރިހާ އަތޮޅެއް ތަމްސީލުވާ ގޮތަށް ރާއްޖޭގައި ބޭއްވުނު އެފަދަ ފުރަތަމަ ބައްދަލުވުމަށެވެ.

އެ ބައްދަލުވުން ފެށުނުއިރު، ސަރުކާރުން އޮތީ 'ރާއްޖެތެރެ ތަރައްގީކުރުމުގެ މަޝްރޫއު' ގެ ނަމުގައި މަޝްރޫއުއެއް ފަށާފަ އެވެ. އެ މަޝްރޫއު ފަށަން މެދުވެރިވީ، 'ރާއްޖެތެރެ' އޭ މި ކިޔާ ރަށްރަށުން އަސާސީ ހިދުމަތްތައް ނުލިބި، އެ ހިދުމަތްތައް ހޯދުމަށް މާލެއަށް މީހުން ހިޖުރަކުރަން ޖެހުމެވެ.

"ކުރިން ދިމާވި ގޮތުގައި ވިއްޔާ ކުދިންނަށް ތައުލީމުދޭން ވެސް އަންނަންޖެހެނީ މާލެއަށް. ބަލިވެއްޖިއްޔާ ބޭސްކުރަން އަންނަން ޖެހެނީ މާލެއަށް. އަދި ބާޒާރުކުރަން ވެސް އަންނަންޖެހެނީ މާލެއަށް. އަދި އެ ނޫން ވެސް ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ހޯދުމަށްޓަކައި އަންނަންޖެހެނީ މާލެއަށް. ރާއްޖެތެރޭގައި މިކަހަލަ ހިދުމަތްތައް ދެވޭ ފެންވަރުގެ ތަންތަން ސަރުކާރުގެ ފަރާތުން އުފެއްދިއްޖެ ކަމަށްވަންޏާ، އެ ހިދުމަތްތައް ހޯދުމަށްޓަކައި ރާއްޖެތެރޭގެ ރައްޔިތުން މާލެ އަންނާކަށް ނުޖެހޭނެ،" ކުރިމަތިވެފައި އޮތް މައްސަލައާ އެ މައްސަލައިގެ ހައްލު ވިދާޅުވެ ދެއްވަމުން މައުމޫން އޭރު ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި 2008 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވި މައުމޫން އެ ދުވަހު ވަނީ ވަރަށް ދިގުކޮށް ވާހަކަ ދައްކަވައިފަ އެވެ. ހަގީގީ ތަރައްގީ އާއި ގާނޫނީ ބާރު ހުރިހާ ރައްޔިތުންގެ މައްޗަށް ހިނގުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވި އެވެ. އެކަމަކު އެމަނިކުފާނުގެ މައިގަނޑު ނުކުތާއަކަށްވީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަތޮޅުތެރެއަށް ތަރައްގީ ގެނައުމެވެ.

"އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ ރާއްޖެތެރެ ތަރައްގީ ކުރުމުގެ ގޮތުން ރާއްޖެތެރޭގައި މިދެންނެވި ހިދުމަތްތައް ލިބޭނެ ވަސީލަތްތައް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދީފި ކަމަށްވަންޏާ، މާލެ އަންނަ އޮއިވަރު މިހާރު އެ އޮތްހާ ބާރަކަށް ނޯންނާނެއޭ. އެއްކަލަ ސަލާމަތްވުން ދަތި ދާއިރާއިން އަޅުގަނޑުމެންނަށް އޮންނާނީ ސަލާމަތްވެވިފައޭ."

މިއީ, އޭގެ ގާތްގަނޑަކަށް 40 އަހަރު ފަހެވެ;

ސެޕްޓެމްބަރު 12، 2022 ވީ ހޯމަ ދުވަހެވެ. ޕޯޑިއަމް ކައިރީގައި ހުއްޓި ވަޑައިގެން ހުންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިއްތިފާގަކުން ނަމަވެސް، ހަފްލާއަކީ މިފަދަ ބައްދަލުވުމެއްގެ ތިންވަނަ ފަހަރެވެ. ރައީސް ސޯލިހު ވެސް ގިނަ ދާއިރާތަކެއްގެ މައްޗަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ.

މިއީ އޭގެ ތެރޭން ވިދާޅުވެ ދެއްވި ކުޑަ ތަންކޮޅެކެވެ; "މާލެއަށް ހިޖުރަކުރާ މީހުން މަދުނުވާ ވާހަކަ އެބަ ފެނޭ ހެޑްލައިންތަކުން. ތެދެއް އަދިއެއް ނުވޭ މަދެއް. މަދުނުވާ ސަބަބު އެނގޭ އަޅުގަނޑަށް ވެސް. ކޮންމެ ކަމެއް ކުރަން ޖެހުނަސް، ކޮންމެ ބޭނުމެއްގައި ވެސް އަދިވެސް ދާން މިޖެހެނީ މާލެއަށް. އެކަން ބަދަލުކުރެވޭނީ ރަށްރަށުގައި މި ދެންނެވި ހިދުމަތްތައް ފޯރުކޮށްދެވިގެން. ރައްޔިތުންނަށް ޔަގީންކަން އޮންނަން އެބަޖެހޭ، ރަށުގައި ހުރެގެން ތިމަންނާއަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ. ފެނާއި ނަރުދަމާ ހިސާބުން ފެށިޔަސް، އެ ޔަގީންކަން ކޮންމެ ރަށެއްގައި އޮންނަން އެބަޖެހޭ. ދަރިފުޅަށް ތައުލީމު ދެވޭނެކަމުގެ ޔަގީންކަން އޮންނަންޖެހޭ. ސިއްހީ ހިދުމަތް ކައިރިން ލިބޭނެކަމުގެ ޔަގީންކަން އޮންނަންޖެހޭނެ. ކައިރިން ވަޒީފާ ހޯދެންޖެހޭނެ."

ރައީސް މައުމޫނާއި ސޯލިހުގެ ވެސް ވެރިކަމުގައި ބޭއްވި 'އަތޮޅުވެރިންގެ' ބޮޑު ބައްދަލުވުމުގައި ވެސް އެއް މޭރުމަކުން އެއް ވާހަކައެއް, ހައްލެއް ނުލިބެގެން ދައްކަން ޖެހުނީ މިއީ, ފުން މައްސަލައެކެވެ.

ބޮޑު އާބާދީއަކަށް އޮތް އިހުމާލާއި ތަރައްގީގެ ސަފުން ބާކީކޮށްފައި އޮތް އޮތުމުގެ ވާހަކަ ދެކެވި, ހައްލެއް ނުވެ ބައިގަރުނު ވަނީ އެވެ. ހަމަ މި ވާހަކާގައި އަނެއް ބައިގަރުނަ ހޭދަވުމަކީ, އިންސާފެއް ނޫނެވެ.

ރައީސުންގެ ފަށުވި ތަގުރީރުތައް އަމުނާލެވުނަސް, ހައްލަކާ ގާތާ ދިމާއަށް ވެސް މިކަމުގައި ދަތުރު ނުކުރެވޭއިރު, ރައީސުންގެ "ލެގަސީ"އެއް ދައްކަން ބުނެ, ރާއްޖެ ލާމަރުކަޒު ކުރުމުގެ ސިޔާސަތު ގެންގުޅުމުގެ ބަދަލުގައި, މިކަމުގައި ބޭނުން ވަނީ އިހްލާސްތެރި އަޒުމެކެވެ.

މާލެއަށް ހަމަ ނޭވާއެއް ލެވި, އެހެން ދިމަދިމާ ތަރައްގީވެ, ތިޔާގި, ތަނަވަސް, ފުދުންތެރި އާބާދީތަކެއް އުފެދިގެން ދާނީ އޭރަށެވެ.