Advertisement

މާލީ ދަތިކަން ކައުންސިލްތަކަށް: އެދުނީ ފައިސާ ދޫކުރާ ގޮތް ބަދަލުކޮށްދޭން

12 ސެޕްޓެންބަރު 2022 - 11:06 1

ލ. ގަން

ނާޒިމް ހަސަން

ނާޒިމް ހަސަން

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މާލީ ބާރުވެރިކަމާ ގުޅޭ ގޮތުން ބޭއްވި ސެޝަންގެ ތެރޭން -- ފޮޓޯ: ރައީސް އޮފީސް


މާލީ ދަތިކަން ކައުންސިލްތަކަށް: އެދުނީ ފައިސާ ދޫކުރާ ގޮތް ބަދަލުކޮށްދޭން

12 ސެޕްޓެންބަރު 2022 - 11:06 1

ލ. ގަން

ލާމަރުކަޒީ ގާނޫނަށް ބޮޑު އިސްލާހެއް ގެނެސް, ކައުންސިލްތަކަށް ހިތްހަމަޖެހުން ގެނުވީ މާލީ ބާރުވެރިކަން ގާނޫނުގެ ތެރޭން ކައުންސިލްތަކަށް ލިބުމެވެ. އެއާއެކު, ފިޒިކަލް ފޯމިއާލާއެއްގެ ދަށުން ކައުންސިލްތަކަށް ފައިސާ ދޫކުރާނެ ގޮތެއް ސަރުކާރުން ކަނޑައެޅި އެވެ; އެކަމަކު, މިއަދު އޮތް ކަންބޮޑުވުމަކީ އެ ފޯމިއުލާ އެވެ.

ބްލޮކް ގްރާންޓް ވަކިވަކި ކައުންސިލްތަކަށް ބަހާއިރު ދެގޮތަކަށް ފައިސާ ބެހިގެންދެ އެވެ. އެއީ، އިކުއަލައިޒޭޝަން ގްރާންޓުގެ ގޮތުގައި ދޭ އަދަދާއި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ އަދަދެވެ. އިކުއަލައިޒޭޝަން ގްރާންޓަކީ ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި އެކަށީގެންނުވާ ކުޑަ މިންވަރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަނޑައަޅާ މިންވަރެއް ހުރިހާ ކައުންސިލްތަކަށް ހަމަހަމަކޮށް ބެހޭ އަދަދެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ކަނޑައަޅާ ބަޖެޓުގެ ތެރެއިން އިކުއަލައިޒޭޝަން ގްރާންޓުން ކަނޑައަޅަން ނިންމާފައި އޮތީ:

  • ރަށު ކައުންސިލްތަކަށް 10 ޕަސަންޓު
  • އަތޮޅު ކައުންސިލްތަކަށް 50 ޕަސަންޓު
  • ސިޓީ ކައުންސިލްތަކަށް 20 ޕަސަންޓު
  • ބާކީ ބައި ބަހާނީ ފިނޭންސްގެ ފިސްކަލް ފޯމިއުލާގެ ދަށުންނެވެ.

ޖުމްލަކޮށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެދުގައި ބްލޮކް ގްރާންޓް ބަހަން ކަނޑައަޅާފައި ވަނީ؛

  • ރަށު ކައުންސިލްތަކަށް 72 ޕަސަންޓު
  • އަތޮޅު ކައުންސިލްތަކަށް 9 ޕަސަންޓު
  • ސިޓީ ކައުންސިލްތަކަށް 19 ޕަސަންޓު

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ރަށްތަކުގެ ކައުންސިލްތަކުގެ ރައީސުން އެއްތަންވެ, ލ. ގަމުގައި ބޭއްވި "ފަނޯއްލަ" ދަރުބާރުގައި ވެސް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވީ މާލީ ދަތިކަމެވެ. ކައުންސިލްތަކުން ގަބޫލުކުރާ ގޮތުގައި, ފޯމިއުލާގެ ތެރޭން ކައުންސިލްތަކަށް ލިބޭ އާމްދަނީ އެކަށީގެން ނުވެ އެވެ. އަދި, އެ ދޫކުރާ އުސޫލު ވެސް ކަމަކު ނުދެ އެވެ.

އެހެންވެ, ކައުންސިލްތަކުން ނިންމީ އެކަމާ ގުޅޭ ގޮތުން ހައްލުތަކެއް މިހާރު ކުރިއަށްދާ ދެކުނުގެ "ވިއަވަތި ރާއްޖެ" ކޮންފަރެންސްއަށް ހުށަހެޅުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސަތު ބަލަހައްޓަވާ, ކޮންފަރެންސަށް ކައުންސިލުތަކުން އެއްބަސްވި ކަންކަން ހުށަހެޅުއްވީ, ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ އެވެ.

ސައުދު ޕްެރެޒެންޓޭޝަން ދެއްވަނީ


ސައުދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި އެންމެ ބޮޑަށް ފާހަގަވީ ޕިޒިކަލް ފޯމިއުލާ އިސްލާހު ކުރުމަށް އޮތް ހުށަހެޅުމެވެ. އެގޮތުން, ސައުދު ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި އެދުނު ކަންކަން;

  • ރަޖިސްޓާޑް ޕޮޕިއުލޭޝަން ތެރޭގައި ރަށުގައި ދިރިއުޅޭ ބިދޭސީން ހިމަނައިގެން, ބްލޮކް ގްރާންޓް ފޯމިއުލާގައި އާބާދީއަށް ޕަސެންޓޭޖް ކަނޑައެޅުން
  • ބިމުގެ ސައިޒަށް ބަލާއިރު މުޅި އިހްތިސޯސްގައި ހިމެނޭ ރަށްތަކަށް ބެލުން
  • ސިޓީ ކައުންސިލް ފޯމިއުލާއިން މާލެ ވަކިކުރުން
  • ސިޓީ ކައުންސިލް ގްރާންޓު ބެހުމުގައި ވަކިވަކިން އޮންނަ ރަށްތަކަށް ގްރާންޓު އިތުރުކުރުން
  • ފިސްކަލް ފޯމިއުލާ ކަނޑައެޅުމުގައި އެ ރަށެއްގައި ހުރި އިންފްރާސްޓްރަކްޗާއަށް ބެލުން
  • މަހުން މަހަށް ދޫކުރާ ގޮތަށް އޮތް އޮތުން ކުއާޓަލީ ދޫކުރާ ގޮތަށް ބަދަލުކުރުން

ފިޒިކަލް ފޯމިއުލާގެ އިތުރުން, އެމަޖެންސީ ލޯނު ނެގޭނެ ފަންޑެއް ނެތުމުގެ ކަންބޮޑުވުން ވެސް ސައުދު ފާހަގަކުރެއްވި އެވެ. އޭގެ ހައްލެއްގެ ގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ލޯނު ނެގޭނެ ފުރުސަތު ކަމާ ގުޅޭ އިދާރާތަކުން ފަހިކޮށްދީ, ބްލޮކް ގްރާންޓުގެ 30 ޕަސެންޓް ލޯނުގެ ގޮތުގައި ނެގޭނެ ގޮތަށް އުސޫލުތައް ހަމަޖައްސައިދިނުމަށް އެދުނެވެ.

އޭގެއިތުރުން، ކައުންސިލްތަކަށް ޑޮލަރު އެކައުންޓެއް ހުޅުވޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން އޮތެވެ. ތިނަދޫ ކައުންސިލްގެ ރައީސް, އެދުނީ އެ އިންތިޒާމް ހަމަޖައްސައިދީ, ކައުންސިލަށް ޑޮލަރުން ލިބޭ އާމްދަނީ, ޑޮލަރު އެކައުންޓަށް ޖަމާކޮށް މެނޭޖްކުރަން ފުރުސަތު ހުޅުވާލުމަށެވެ.

މިއަދުގެ ޕެނަލްގައި އަމީރު ވާހަކަ ދައްކަވަނީ


"ފޯމިއުލާ ބަދަލުކުރުން ރަނގަޅެއް ނޫން"

ކައުންސިލްތަކުގެ ފަރާތުން މިކަންކަން ފާހަގަކޮށް ހުށަހެޅުމުން, ޕެނަލްގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވީ, މިހާރު އޮތް ފޯމިއުލާ ރަނގަޅު ކަމަށް ގަބޫލު ކުރައްވާ ކަމާއި އެކަން ބަދަލުކުރަން ގާނޫނު އިސްލާހު ކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތް ކަމަށެވެ.

ނިޔާޒު ފާހަގަ ކުރެއްވި ގޮތުގައި, ގްރާންޓުގައި މައްސަލަ އުޅޭ ކަމަށް ބެލެވެނީ 40 ޕަސެންޓް ރަށްރަށުގެ ކައުންސިލްތަކަށެވެ. އަނެއް 60 ޕަސެންޓަށް ލިބޭ ގްރާންޓުން ފުދެ އެވެ. އެހެންވެ, ޖުމްލަކޮށް ގާނޫނު އިސްލާހުކޮށްގެން ފޯމިއުލާއަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު ވިދާޅުވީ ޖުމްލަކޮށް ބޮޑުކުރީމަ, އަނެއްކާވެސް ފަރަގު ބޮޑުވެގެން ދާނީ ކަމަށާއި ހޯދަން ޖެހޭނީ އެހެން ހައްލެއް ކަމަށެވެ. އެގޮތުން, މާލީ ދަތިކަން އޮތް ކައުންސިލްތަކަށް ފޯކަސްކޮށްގެން މިހާރު ފެންނަން ހުރި އިންޑިކޭޓަރުތަކަށް ބަލައިގެން ބަދަލެއް ހޯދުން މުހިންމު ކަމުގައި ދެކޭ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މާލީ ދަތިކަން ސަރުކާރަށް ވެސް މި ވަގުތު އެބަ އޮތް ކަމަށާއި މިހާރު ކައުންސިލްތަކަށް ދެމުންދާ ގްރާންޓްތަކުން ފުއްދުމަކީ މި ވަގުތަށް ކުރެވެން އޮތް ކަމެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ގިނަ މަޝްވަރާތަކަށްފަހު ހެދި ފިޒިކަލް ފޯމިއުލާ އަކީ އެންމެ އިންސާފުވެރި ނުވިޔަސް, ވަރަށް ރަނގަޅު ފޯމިއުލާއެކެވެ.

ނަމަވެސް, މާލެ އަދި އައްޑޫ ސިޓީ ފަދަ ކައުންސިލްތަކަށް ދޫކުރާ ގްރާންޓް, ފޯމިއުލާ އޮތް ގޮތުން އިންސާފުވެރި ނުވެދާނެތީ, އެފަދަ ކަންކަން އިސްލާހު ކުރަން ގޮތަކާމެދު މަޝްވަރާ ކުރެވިދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.