Advertisement

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ފަހު މެޗުގައި ބުރުނާއީ އަތުން ބަލިވެ ރާއްޖެ އަށް ހަތް ވަނަ

12 ސެޕްޓެންބަރު 2022 - 11:30 0

އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ބުރުނާއީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ނެޓްބޯލް ސިންގަޕޯ އެފްބީ


އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ފަހު މެޗުގައި ބުރުނާއީ އަތުން ބަލިވެ ރާއްޖެ އަށް ހަތް ވަނަ

12 ސެޕްޓެންބަރު 2022 - 11:30 0

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ކުޅުނު ފަހު މެޗުގައި ބުރުނާއީ އަތުން ބަލިވުމުން ރާއްޖެ އަށް އޭޝިއާ ރޭންކިންގެ ހަތް ވަނަ ލިބިއްޖެ އެވެ.

މި މަަހުގެ 3-11 އަށް ކުރިއަށްދިޔަ މުބާރާތުގައި ރާއްޖެ ހިމެނޭގޮތަށް އޭޝިއާގެ 11 ގައުމަކުން ވާދަކުރި އެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ފިލިޕީންސް، މެލޭޝިއާ، ސިންގަޕޫރު، ހޮން ކޮން، ތައިލެންޑް، ޖަޕާން، ބުރުނާއީ އަދި ޗައިނީސް ޓައިޕޭ އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖެ ލައްވާލީ ވަރުގަދަ ސިންގަޕޫރާއި ޖަޕާނާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕުގެ ދެ ވަނަ ރާއްޖެ އަށް ލިބުނީ ސިންގަޕޫރު އަތުން ބަލިވި ނަމަވެސް ޖަޕާން އަތުން މޮޅުވުމުންނެވެ.

ދެ ވަަނަ ބުރުގައި ރާއްޖެ ލައްވާލީ ފިލިޕީންސް، ބުރުނާއީ އަދި ތައިލެންޑް ހިމެނޭ ގްރޫޕުގަ އެވެ. ނަމަވެސް ބައެއް އަނިޔާގެ މައްސަލަތަކާ ހެދި ތައިލެންޑުން މި ބުރުގެ މެޗުތައް ނުކުޅެން ނިންމިި އެވެ. ނަތީޖާއެއްގެ ގޮތުން ގްރޫޕްގެ ބާކީ އޮތް ތިން ޓީމަށް ޖެހުނީ ލީގު އުސޫލުން ދެ ބުރު ކުޅޭށެވެ. މުބާރާތުގެ ފަސް ވަނަ އިން ފެށިގެން ހަތް ވަނަ އަށް ޓީމްތައް ރޭންކު ކުރީ މި ގްރޫޕުގެ ނަތީޖާ ތަކުންނެވެ.

ގްރޫޕުގެ ފަހު މެޗުގައި ބުރުނާއީ އަތުން ރާއްޖެ ބަލިވީ 42-51 އިންނެވެ. މެޗުގެ ފުރަތަމަ ކުއާާޓާއިން ފެށިގެން ބުރުނާއީ އޮތީ ލީޑުގަ އެވެ. ދެ ވަނަ ކުއާޓާގައި މަޑުމަޑު ލީޑު ކައިރިކުރި ނަމަވެސް ތިން ވަނަ ކުއާާޓާ އިން އަނެއްކާ ވެސް އެޓީމުން ތަފާތު ބޮޑުކުރި އެވެ.

މި މެޗުން ބަލިވުމުން ރާއްޖެ އަށް ލިބުނީ މުބާރާތުގެ ހަތް ވަނަ އެވެ. ހަ ވަނަ ބުރުނާއީ ހޯދިއިރު، ފަސް ވަނަ އަށް ދިޔައީ ފިލިޕީންސް އެވެ.

މުބާރާތް ބޭއްވި ގައުމު ސިންގަޕޫރު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ސްރީ ލަންކާ އެވެ. އޭޝިއާގެ ޗެމްޕިއަންކަން ހަ ވަނަ ފަހަރަށް ސްރީ ލަންކާ ހޯދީ 63-53 އިންނެވެ. ތިން ވަނަ ހޯދީ މެލޭޝިއާ އެވެ. ފައިނަލުން ޖާގަ ހޯދި ސިންގަޕޫރާއި ސްރީ ލަންކާ ވަނީ އަންނަ އަހަރު ސައުތު އެފްރިކާގައި އޮންނަ ނެޓްބޯޅަ ވޯލްޑް ކަޕަށް ކޮލިފައިވެފަ އެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕަށް ރާއްޖެ މިފަހަރު ދިޔައީ ގަދަ އަށަކުން ޖާގަ ހޯދުމަށް އަމާޒު ކަނޑައަޅައިގެންނެވެ. ކަނޑައެޅި ޓާގެޓް ހާސިލްކޮށް ރާއްޖެ ވަނީ އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވެފަ އެވެ.

މި ފަހަރުގެ މުބާރާތަށް ދިޔަ ގައުމީ ޓީމުގައި ގިނަ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މައިދާނަށް މުޅިން އާ ކުޅުންތެރިންނެވެ. މުބާރާތުގެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މުހިންމު ދަނޑިވަޅުތަކުގައި ތަޖުރިބާ މަދު ތަންކޮޅު ދެއްކި ކަމަށް ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ފާހަގަކުރި އެވެ.