10 ސެޕްޓެންބަރު 2022 - 16:56 0
މިސްރުގެ މެޗެއްގެ ތެރެއިން އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހު ބޯޅަ ކޮންޓްރޯލް ކުރަނީ.--- ފޮޓޯ: އޭއެފްޕީ
10 ސެޕްޓެންބަރު 2022 - 16:56 0
ގާހިރާ، މިސްރު (ސެޕްޓެމްބަރު 10) - ފީފާ އިން 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ހޯސްޓްކުރަން ސައުދީ އަރަބިއްޔާ އާއި ގްރީސް އަދި މިސްރުން ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިސްރުގެ ސަރުކާރު އޮފިޝަލަކު ބުނެފި އެވެ.
މިސްރުގެ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ތަރުޖަމާނު، މުހައްމަދު ފައުޒީ ވިދާޅުވީ ތިން ގައުމު އެކުވެގެން ވޯލްޑް ކަޕް ބިޑެއްގެ ޑްރާފްޓް ތައްޔާރުކުރުމަށް ކުރަން ޖެހޭ ދިރާސާތައް ނިމިފައިވާ ކަމަށާއި ބާކީ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށެވެ.
ގްރީސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ އިތުރު ދެ ގައުމަކާ ގުޅިގެން ވޯލްޑް ކަޕް ޕްރޮޕޯސަލެއް ތައްޔާރުކުރަމުން އަންނަކަން މަޝްހޫރު ނޫސް އެޖެންސީ އޭއެފްޕީ އަށް ކަށަވަރުކޮށްދީފަ އެވެ.
ސައުދީ ސަރުކާރުން ގެންގުޅޭ ތަރައްގީގެ ތަސައްވުރު، "ވިޝަން 2030" ގެ މަސައްކަތުގެ ތެރެއިން ވޯލްޑް ކަޕް ބިޑްގެ ކަންކަން ވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެ ގައުމުގެ ސަރުކާރުން ގެންގުޅެ އެވެ. ސައުދީން އަންނަނީ ޔޫރަޕް ފުޓްބޯޅައިގެ ބޮޑެތި މެޗުތައް ވެސް އެ ގައުމުގައި ހޯސްޓް ކުރަމުންނެވެ. އެ ގޮތުން ސްޕެނިޝް ސުޕަ ކަޕާއި އިޓާލިއަން ސުޕަ ކަޕް ވެސް ސައުދީގައި ވަނީ ކުޅެފަ އެވެ.
ސައުދީ އާއި މިސްރު އަދި ގްރީސް އިން ވެސް ވޯލްޑް ކަޕް ބާއްވަން ބިޑްކުރާއިރު، މުބާރާތް ކުރިއަށްގެންދަން ހުށަހަޅާނީ މި އަހަރު ގަތަރުގައި ވެސް ބާއްވާ ގޮތަށް އަހަރު ފަހުކޮޅަށް މުބާރާތް ތާވަލުކުރާ ގޮތަށެވެ. އެއީ ގަތަރުގައި ވެސް ހޫނުމިން ޖޫން/ޖުލައި ގައި ގަދަވާ ގޮތަށް މިސްރާއި ސައުދީގައި ވެސް ހޫނުމިން މައްޗަށް ދާނެތީ އެވެ.
ދެން އެންމެ އަވަހަށް ވޯލްޑް ކަޕް ބާއްވާނީ 2026 ވަނަ އަހަރުގައި މެކްސިކޯ އާއި ކެނަޑާ އަދި އެމެރިކާ ގުޅިގެންނެވެ.
މިހާތަނަށް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވަން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގިނަ ގައުމުތަކަކުން ގުޅިގެންނެވެ. އެ ގޮތުން، ދެކުނު އެމެރިކާ އިން ހުށަހަޅާ ވޯލްޑް ކަޕް ބިޑްގައި ބައިވެރިވަނީ އާޖެންޓީނާ، ޗިލީ، ޕެރަގުއޭ އަދި އުރުގުއޭ އެވެ. ޔޫރަޕްގެ ޕްރޮޕޯސަލްގައި ބައިވެރިވާ ގައުމުތަކަކީ ސްޕެއިން އާއި ޕޯޗުގަލް އެވެ.
ފީފާ އިން 2030 ވަނަ އަަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާނެ ފަރާތެއް އިއުލާނުކުރާނީ އަންނަ އަހަރު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment