Advertisement

ކުޅުން ވަރަށް ރަނގަޅު، ހަމައެކަނި ތަފާތަކީ ތަޖުރިބާ މަދުވުން: ނީޝާ

10 ސެޕްޓެންބަރު 2022 - 10:46 0

އޭޝިއަން ނެބްބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭން ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: ނެޓްބޯލް ސިންގަޕޯ އެފްބީ


ކުޅުން ވަރަށް ރަނގަޅު، ހަމައެކަނި ތަފާތަކީ ތަޖުރިބާ މަދުވުން: ނީޝާ

10 ސެޕްޓެންބަރު 2022 - 10:46 0

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ގައުމީ އަންހެން ނެޓްބޯޅަ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ބޮޑު ކުރިއެރުމެއް ފެންނަ ކަމަށާއި، ހަމައެކަނި ތަފާތަކީ ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ މަދުވުން ކަމަށް ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ބުނެފި އެވެ.

ގައުމީ ނެޓްބޯޅަ ޓީމުން އަންނަނީ މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކޮށް ރަނގަޅު ވާދައެއް ކުރަމުންނެވެ. އެ ގޮތުން ފުރަތަމަ ބުރުގައި ހޯދި ނަތީޖާތަކާ އެކު ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނި ރާއްޖޭގެ ޓީމު ވަނީ އޭޝިއަން އިންޑޯ ގޭމްސް އަށް ކޮލިފައިވެފަ އެވެ.

މުބާރާތުގައި ބާކީ ރާއްޖެ އަށް އޮތީ ރޭންކިން ބުރުގެ ފަހު މެޗެވެ. ފަހު މެޗުގައި ބުރުނާއީއާ ދެކޮޅަށް މާދަމާ ރާއްޖެ ނުކުންނާނެ އެވެ.

މުބާރާތުގައި ރާއްޖެއިން ދައްކަމުން އަންނަ ކުޅުމާ ބެހޭގޮތުން ކޯޗު ނީޝާ ބުނީ ހުރިހާ ގޮތަކުން ބަލާއިރު ވެސް ޓީމުން ކުރިއެރުން ފެންނަ ކަމަށެވެ. ތަމްރީންތަކަށް ލިބުނު ވަގުތާއި ހުރިހާކަމަކަށް ބަލާއިރު އޭނާ ބޭނުންވާ ފެންވަރުގެ ކުޅުމެއް ޓީމުން ދައްކަމުން އަންނަކަން ވެސް ނީޝާ ފާހަގަކުރި އެވެ.

މީގެ ކުރިން ނީޝާ "އަދަދު" އަށް އިންޓަވިއުއެއް ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


"އަސްލު ފެބްރުއަރީ މަހުން ފެށިގެން ޕްރެކްޓިސް ކުރިއަށް ކޯޓުގައި ލައިޓު ނެތި ޖޫން މަހާ ހަމައަށްދިޔައީ. ލައިޓް އާއިއެކު ހަތަރު މަހުގެ ޕްރެކްޓިސް މި ކުރެވުނީ. ވަރަށް ބޮޑު ތަފާތެއް އެބަ ފެނޭ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް. ކޮންމެ ކުޅުންތެރިއަކުވެސް އެބަ ޕާފޯމްކުރޭ ބޭނުންވާ ފެންވަރުގައި."

އެންމެ ފަހުން ދެ ވަނަ ބުރުގައި ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު، ސްކޯ އޮތީ އެއްވަރުވެފަ އެވެ. ތިން ވަނަ ކުއާޓާ ފަށައިގެން ލީޑުގައި އޮތީ ރާއްޖެ އެވެ. ހަތަރު ޕޮއިންޓުން ލީޑުގައި އޮއްވައި ބުރުނާއީން ފަހަތުން އަރާ ކުރި ހޯދި އެވެ. އެ ޓީމުން ހަ ޕޮއިންޓުގެ ލީޑެއް ނެގި ފަހުން އެ ކުއާޓާ ނިމުމުގެ ކުރިން ރާއްޖެ އިން އެއް ޕޮއިންޓަށް ކައިރިވެސް ކުރި އެވެ. ހަތަރު ވަނަ ކުއާޓާ ފަށައިގެން ވެސް ރާއްޖެއިން ރަނގަޅަށް ކުޅުނެވެ. ނަމަވެސް ފަހު 10 މިނެޓުގައި ރާއްޖެ އަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ބުރުނާއީ އިން މެޗު ކާމިޔާބުކުރީ 40-50 އިންނެވެ.

ނީޝާ ބުނީ ޓީމުގައި ގިނައީ މުޅިން އަލަށް ބޮޑު މުބާރާތަކަށް ނިކުތް ކުޅުންތެރިން ކަމަށެވެ. އެހެންވެ، ޕްރެޝަރު ދަނޑިވަޅުގައި ޓީމު ހަމައަކަށް އަޅުވައި ގޭމްގެ ސްޕީޑު ބަދަލުކޮށްލައިގެން ކުޅެން ކުޅުންތެރިންނަށް އުނދަގޫވީ ކަމަށް ނީޝާ ވަނީ ބުނެފަ އެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ އާމިނަތު އައިނީ: އައިނީ 16، އަކީ ރާއްޖޭގެ ޓީމުގެ އެންމެ ޒުވާން ކުޅުންތެރިޔާ - ފޮޓޯ: ނެޓްބޯލް ސިންގަޕޯ އެފްބީ


"ނަތީޖާއަށް ވުރެ ބޮޑަށް މެޗު ބެލި ބަޔަކަށް އިނގޭނެ މިއީ ބަލިކުރެވޭނެ ޓީމެއްކަން. ފަހު ކޮޅަށް ދާއިރު ވެސް އަހަރުމެން މި އޮންނަނީ ލީޑުގައި. ފަށާއިރު ވަރަށް ކިކުގައި އެބަ ޖައްސާ. މިސްޓޭކްތައް ހެދުނީމަ އެ ވަގުތު ގޭމްގެ ޓެމްޕޯ ބަދަލުކޮށްލަން އެބަ ޖެހޭ. އެކަންކަން ދަސްވާނީ ގިނައިން މިކަހަލަ މެޗުތައް ލިބުނު ވަރަކަށް" ބްރުނާއީއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް އިޝާރާތްކޮށް ނީޝާ ބުންޏެވެ.

ނީޝާ ބުނީ ޓީމުގެ މެޗުތަކުގެ އެންމެ ބޮޑު ތަފާތަކަށްވަނީ އެއްވަރުކޮށްދާ ދަނޑިވަޅުގައި ރާއްޖޭގެ ކުޅުންތެރިންގެ ތަޖުރިބާ ނެތުމުގެ ސަބަބުން ޕްރެޝަރާ ކުރިމަތިލާން އުނދަގޫވުން ކަމަށެވެ. އެކަމުގެ ސަބަބުން މި މުބާރާތުގައި މޮޅުވެވޭނެ ބައެއް މެޗުތަކުން ވެސް ބަލިވެފައިވާ ކަމަށް ނީޝާ ވަނީ ފާހަގަކޮށްފަ އެވެ.

"މިސާލަކަށް ބުރުނާއީ މެޗު. އަހަރުމެން ލީޑުގައިވެސް އޮތް. އެމީހުން ފަހަތުން އަރާ ލީޑެއް ނެގީމަ އެ ލީޑު ކުޑަކޮށް އެއްވަރުވެސް އެބަ ކުރޭ. ލީޑުވެސް ހޯދާ. އެކަމަކު، އެ ކަހަލަ ދަނޑިވަޅުގައި ތަޖުރިބާގެ ބޭނުން ކުރަން ނޭނގޭ. އެއީ މި ލެވެލްގެ މެޗެއް ކުޅެފައި ނެތީމަ. މިސާލަކަށް ގޭމްސް ސްލޯކޮށްލަން ޕްރެޝަރަށް ދާ ގަޑީގައި. އެ ގޮތަށް މެނޭޖް ނުކުރެވޭތީ ހާސްވެ ހެދޭ މިސްޓޭކްތަކުން މެޗު ގެއްލެނީ،" ނީޝާ ބުންޏެވެ.

ގައުމީ ޓީމަށް ބާކީ އޮތް މެޗަކީ މުބާރާތުގެ ހަ ވަނަ އާއި ހަތް ވަނަ ކަނޑައަޅާ މެޗެވެ. ދެ ވަނަ ބުރުގައި ރާއްޖޭގެ ހިމެނުނު ގްރޫޕުގެ އެއް ވަނަ ހޯދައި ފަސް ވަނަ މަގާމް ހޯދީ ފިލިޕީންސް އެވެ.