Advertisement

ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއުގެ ފެށުމާއި ސަބަބުތައް

9 ސެޕްޓެންބަރު 2022 - 07:09 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއުގެ ފެށުމާއި ސަބަބުތައް

9 ސެޕްޓެންބަރު 2022 - 07:09 0

"ތަންކޮޅެއް ކުރީ ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް ހީވެފައި އޮތީ، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންނެއް ނޫޅޭކަމަށް. ނުވަތަ އުޅޭނަމަ އުޅެނީ ވަރަށްމަދުންކަމަށް. އެއްއިރެއްގައި، އާދެ، މީގެ ފަންސަވީހަކަށް އަހަރު ކުރިން، އެއީ ތެދަކަށްވުން އެކަށީގެންވޭ" ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއު އިއުލާނުކުރެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރޭޑިއޯގެ ޒަރީއާއިން ގައުމާ މުހާތަބުކޮށް ޖެނުއަރީ 1، 1980 ގައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ ލިޔެވުނުއިރު، އެ ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ލިޔެފައި އޮތީ "ކޮންމެ ދިވެހި ރައްޔިތަކުގެ މައްޗަށް، ގުރުއާން ކިޔެވުމާއި އަރަބި އަކުރާއި ތާނަ އަކުރު ލިޔާން ކިޔާން ދަސްކުޅައުމީ މި ގާނޫނުއަސާސީން ލާޒިމުކުރާ ކަމެކެވެ" މިހެންނެވެ. ގާނޫނު އަސާސީގެ މި މާއްދާ އިބާރާތްކުރެވުނު ގޮތުން، 'އަސާސީ ތައުލީމު' އުނގެނުމަކީ ކޮންމެ ދިވެހިރައްޔިތެއްގެ މައްޗަށް ވާޖިބު ކަމަކަށް ވީ އެވެ.

ޝަމްސުއްދީން 3 ގެ ރަސްކަމުގައި މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު، ތައުލީމު ފެތުރުމުގެ މަސައްކަތް ފުޅާކުރެވުނެވެ. އޭރު ސަރުކާރު ހިންގަވާންތިއްބެވި ނުފޫޒުގަދަ ތައުލީމުޔާފުތާއިން ގެންދެވީ އެ ބޭފުޅުން އުނގެނިތިބި އެއްޗެއް ފަތުރުއްވައި، ވީހާވެސް ބޮޑަށް ހޭލުންތެރިކަން އުފެއްދެވުމަށް ނިންމަވައި އެ މަސައްކަތް ކުރައްވަމުންނެވެ.

އޭގެ ކުރިން، ތައުލީމު އުނގަންނައިދިނުމާމެދު ވެރީންނާއި ތަންދޮރު ދަންނަ މީހުންގެ މެދުގައި އޮތީ މާކަ ހެޔޮ ޝުއޫރުތަކެއް ނޫނެވެ. އަލްއުސްތާޒް އަހުމަދު ކާމިލް ދީދީ ލިޔުއްވާފައި އޮތް ގޮތުން، އޭނާ ތައުލީމު ހާސިލުކުރައްވައިގެން މާލެ ވަޑައިގެން މާލޭގައި މީހުންނަށް ކިޔަވައިދޭން ފެއްޓެވުމުން ލިބިވަޑައިގެންނެވި އިރުޝާދަކީ، ނުވަތަ ލަފަޔަކީ 'ދެނަހުރީމުހޭ! ކިޔެވުމާއި މުއްސަނދިވުމަކީ ދިވެއްސަކަށް ފަހިކޮށްދޭން ހެޔޮވެސް ނުވާނޭ ދެކަންތަކޭ. ކަލެޔަށް ކިޔަވައިދިނީ ތިޔަ ކަހަލަ ގޯސް ހަދާކަށް ނޫނޭ' އެވެ. އެއީ 1916 ވަނަ އަހަރެވެ.

އެ ޒަމާނުގައި ތައުލީމީ ހާލަތު އެގޮތަށް އޮތްނަމަވެސް، ހާލަތު ބަދަލުކުރުމަށް އިސްނެންގެވި ބައެއްގެ މިންނެތް މަސައްކަތުން ރާއްޖޭގެ ތައުލީމީ ހާލަތު އައީ ރަނގަޅުވަމުންނެވެ. ކުރެވެމުން ދިޔައީ އެ ޒަމާނާ އަޅާބަލާއިރު ބިޔަ ބޮޑެތި މަސައްކަތްތަކެކެވެ. އޭރު ހުރި ވަސީލަތްތަކުގެ މަދުކަމާއި، ކަންކަން ކުރެވެން ހުރި މަގުތަކުގެ އުނދަގޫކަން ހިތަށް ގެންނަވައި ވިސްނާލުމުން ސާބަސް ދެވޭހާ ބުރަ މަސައްކަތްތަކެކެވެ. އެ މަސައްކަތްތައް ކުރިއަރަމުން ގޮސް، މުހައްމަދު އަމީން ދޮށިމޭނާކިލެގެފާނުގެ ބާރުވެރިކަން (ރައީސްކަމުގެ މުއްދަތާއެކު) ހިނގި މުއްދަތުގެ ތެރޭގައި އައި ކުރިއެރުންތައް ރައީސް މައުމޫންގެ ތަގުރީގުގައި ލިސްޓުކުރެއްވީ މިހެންނެވެ.

ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ދައުރުގައި، ރާއްޖޭގައި މީހުން އުޅޭ ކޮންމެ ރަށެއްގައި، ފަށައިގަތުމުގެ ފެންވަރުގެ މަދްރަސާއެއް އުފެއްދެވި. ކޮންމެ އަތޮޅެއްގައި އެއަށްވުރެ ތަންކޮޅެއް މަތީ ފެންވަރުގެ އިލްމު އުގަންނައިދޭ މަރްކަޒެއް އުފެއްދެވި. މާލޭގެ ހަތަރު އަވަށުގައި އަވަށު އިބްތިދާއީ މަދްރަސާ ހިނގަމުންދިޔަ. މީގެއިތުރަށް ފިރިހެން ކުދިންނަށް މަދްރަސަތުލް މަޖީދިއްޔާ، އަންހެން ކުދިންނަށް މަދްރަސަތުއް ސަނިއްޔާ، ރާއްޖެއިން އޭރު ދެވެންއޮތް އެންމެމަތީ ފެންވަރަށް ތައުލީމު ދިނުމަށް ހާއްސަ ކުރެވިފައިހުރި. ރާއްޖެތެރޭގެ ކުދިން މާލެއަށް އައިސް ކިޔެވުމަށް ދާރުލްއިގާމާގެ ނަމުގައި ބޯޑިންގއެއް ހިނގަމުންދިޔަ. ބެލެނިވެރިން ނެތް، ނުވަތަ ބެލެނިވެރީންގެ އެހީ ނެތް ކުދީން ތަރުބިއްޔަތުކޮށް އިސްލާހު ކުރުމަށް އިސްލާހިއްޔާއެއްވެސް ހިނގަމުންދިޔަ."

ދެން އައީ، ފުރަތަމަ ޖުމްހޫރީ ވެރިކަން ނިމި ރަސްކަމުގެ ފެށުމެވެ. ތައުލީމު އުނގެނުމުގެ ޒިންމާ އިހުނަށްވުރެ ހަރުކަށި ކުރެވުނެވެ. 'އިލްޒާމީ ތައުލީމުގެ ގާނޫނު' ގެ ނަމުގައި ގާނޫނެއް ފާސްކުރެވި، އެ ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. ކޮންމެ ދިވެހި ރައްޔިތެއްވެސް ދީނުގެ މައުލޫމާތާއި، ދިވެހިބަހާއި ހިސާބު، ވަކިފެންވަރަކަށް އުނގެނުން އިލްޒާމީ ތައުލީމުގެ ގާނޫނުން ލާޒިމުކުރެވުނެވެ.

"އާދެ، އެއީ ސުމުއްވުލްއަމީރު އިބްރާހީމްފާމުލަދޭރި ކިލެގެފާނު ދައުލަތް ހިންގަވަން ހުންނެވި ދުވަސްވަރު. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތައުލީމަށް، އެއްގޮތަކުން ބަލާއިރު ވަރަށްބޮޑު ތަރައްގީއެއް ލިބެމުންދިޔަ. މަޖީދިއްޔާ އާއި، އަމީނިއްޔާ ވަރަށް ރަނގަޅަށް މި ޒަމާނުގެ އުސޫލަށް ހިނގަން ފެށި. ބޭރުގެ ޓީޗަރުން ގެނެވި، އިނގިރޭސި މީޑިއަމުން ކިޔަވައިދޭގޮތަށް ހަމަޖެހުނު. އަދި ލަންޑަން ޖީ.ސީ.އީ. އޯ.ލެވެލްއާ ހަމައަށް ވަރަށް ރަނގަޅަށް ކިޔަވައިދެމުން ގެންދެވުނު." ރާއްޖޭގެ ތައުލީމީ ދައުރު ފެށި ފުޅާވަމުން ދިޔަ ގޮތް ވިދާޅުވެދެއްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.

ދެން ވިދާޅުވެ ދެއްވީ ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއު ފައްޓަވަން ޖެހިވަޑައިގެންނެވި ސަބަބެވެ.

"މާލޭގައި ހުރި ތައުލީމީ މަރުކަޒުތަކަށް، މި ދައުރުގައި ލިބެމުންދިޔަ މަތިވެރި ކުރިއެރުމާ ހިލާފަށް ރާއްޖެތެރޭގެ ތައުލީމަށް އެއްވެސް އަހަންމިއްޔަތެއް ނުދެވުނު. ނަތީޖާއަކަށްވީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ރާއްޖެތެރޭގައި ދައުލަތުގެ ފަރާތުން ތައުލީމު ފެތުރުމުގެ އުސޫލު މުޅިން ނެތިގޮސްފައިވާކަން. އާދެ، ސަރުކާރުން އިލްޒާމްކުރާ މިންވަރަށް ތައުލީމު ދެވޭނެ އެއްވެސް ގޮތެއް ރާއްޖެތެރޭގައި ނެތުމާއި އަދި ރައްޔިތުންނަށް އިލްޒާމީ ތައުލީމުގެ ގާނޫނަށް އަމަލުކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން، އެންމެފަހު ނަތީޖާއަކަށްވީ، އިލްޒާމީ ތައުލީމުގެ ގާނޫނު އުވާލަންޖެހުން" ރައީސް މައުމޫން ވިދާޅުވި އެވެ.

އޭރު ތަންދޮރު ދަންނަ، ތައުލީމީ ބަޔަކު ވިއްޔާ ތިބީ މާލޭގަ އެވެ. ރަށްރަށުން ގެންނަވައި، ތައުލީމު ދެއްވި ކުދިންވެސް އެކި ސަބަބުތަކަށްޓަކައި މާލޭގައި މަޑުކުރެވުމާއި، ރަށްރަށުގައި ތައުލީމު އުނގަންނައިދެވޭނޭ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުގެ ސަބަބުން، އަސާސީ ތައުލީމު ލާޒިމުކޮށް އުފަންކުރި ގާނޫނު ވެސް އުވިދިޔައީ އެވެ.

މިދެންނެވި ގޮތުގެމަތިން މީގެ ވިހި ފަންސަވީސް އަހަރުކުރިން، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަތިބީ ވަރަށް މަދު އަދަދެއް ކަމުގައިވިޔަސް، ރާއްޖެތެރޭގެ ތައުލީމާ ބެހޭގޮތުން ވޭތުވެދިޔަ އަހަރުތަކުގައި، ކަންތައްތައް ހިނގަމުން ގޮސްފައިވާ ގޮތުން ހިތާމަޔާއެކު ދަންނަވަންޖެހެނީ، މިއަދު ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ އަދަދު ވަރަށްގިނަކަމަށް. ދާދިފަހުން އެކިގޮތްގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހޯއްދެވި މައުލޫމާތުގެ މައްޗަށް ބިނާކުރައްވައި، އެ މިނިސްޓްރީން ވިދާޅުވާގޮތުގައި، މިހާރު މުޅި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ސަތޭކައަކުން ތިރީސް ހަތް މީހުންނަކީ، ލިޔަންކިޔަން ނުދަންނަ މީހުން.

އޭރުގެ ފެންވަރުން ހެދުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ނިސްބަތް ހުރީ 37 އިންސައްތައިގަ އެވެ. އެއީ ރާއްޖެފަދަ އާބާދީ މަދު ގައުމަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ތެރޭގައިވެސް 'އަސާސީ ތައުލީމު' ނެތް މީހުން ގިނަ އެވެ.

ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއުގައި ހިމަނާފައި އޮތީ ދެ ބައެކެވެ. ފުރަތަމަ ބަޔަކީ ލިޔަންކިޔަން ނުދަންނަ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ. ދެވަނަ ބަޔަކީ މުޖުތަމައުގައި ގަބޫލުކުރެވޭ މީހަކަށްވުމަށްޓަކައި ކޮންމެ މީހަކުވެސް ދަތުން ލާޒިމުވާ ކަންތައްތައް ދަސްކޮށްދިނުމެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ތާރީހާއި އާންމު ސިއްހަތާއި އިޖްތިމާއީ ރީތި އަދަބުތަކާބެހޭ މައުލޫމާތު، މަސައްކަތްތެރިކަމާބެހޭ މައުލޫމާތެވެ.

"އަސާސީ ތައުލީމުގައި ދެން ދަސްކޮށްދެވޭނެ ކަންތައްތަކަކީ، ހިސާބުގެ ހަތަރު މައިގަނޑު، އާދައިގެވަރަކަށް އެނގުން. އަދި ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަމުގައި އެ ހަތަރު މައިގަނޑު ބޭނުންކުރަން އެނގުން. ތިމާގެ ރަށާއި އަތޮޅުގެ މާހައުލު އެނގުން. ގައުމީ އަބްތާލުންގެ ތެރެއިން ބައެއް ހާއްސަ ބޭފުޅުންނާބެހޭ މައުލޫމާތު އެނގުން. ބަލިތަކުން ރައްކާތެރިވެ އުޅުމަށްޓަކައި ސަމާލުކަންދޭންވީ މައިގަނޑު ކަންތައްތައް އެނގުން. ރާއްޖެއިން އާންމުކޮށް ލިބެން ހުންނަ ތަކެތީގެ ތެރެއިން، ހަށިގަނޑަށް ފައިދާހުރި ތަކެތި އެނގުން. ޖަމާއަތުގެ ރީތި އަދަބުތަކާއި މާތް އަހުލާގީ ސިފަތައް އެނގުން. ތިމާއާއި އެހެން މީހުންނާ ދެމެދުގައި އޮންނަ ގުޅުމުގައި ހުންނަންޖެހޭ މައިގަނޑު އަދަބުތައް އެނގުން. މިބާވަތުގެ މުހިންމު މައުލޫމާތު. މިކަންކަމުގެ އިތުރަށް މަސައްކަތްތެރިކަމަށް ޝައުގުވެރިކުރުވުން އެއީވެސް އަސާސީ ތައުލީމުގެ ވަރަށް ހާއްސަ ބައެއް."

ދީނުގެ އަސާސީ ތައުލީމު އުނގަންނައި ދިނުމަށްވެސް ވަކި ދާއިރާތަކެއް ކަނޑައަޅައި، އޮނިގަނޑު އެކުލަވާލެވިފައި އޮތެވެ.

"އީމާން، އިސްލާމް، އިހްސާންކަން އެނގުން، ހިނައި ތާހިރުވާން އެނގުން، ފަސްނަމާދު އަދި ހުކުރުނަމާދު، ދެއީދު ދެނަމާދު ކުރަން އެނގުން، ގުރްއާނުގެ ބައެއް ކުރު ސޫރަތްތައް، އާދެ، وَالضُّحَىٰ އިން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކުރުން، ރޯދަހިފަން އެނގުން، މިއީ އަސާސީ ތައުލީމުގެ، ދީނާބެހޭ ބައިގައި ހިމެނޭ ކަންތައްތައް." ރައީސް މައުމޫން ވިދާޅުވި އެވެ.

މި މިންގަނޑުން ވިސްނާލާއިރު މިއީ އަލުންބަލުން ފަށަން ޖެހިފައި އޮތް މަޝްރޫއުއެކޭ ވެސް ހިތަށް އަރަ އެވެ.

އަސާސީ ތައުލީމުގެ މަޝްރޫއު އިއުލާނު ކުރެވުނީ ހަ އަހަރު ދުވަހުގެ މުއްދަތުގައި ކުރިއަށް ގެންގޮސް ނިންމާލެވޭނޭ މަޝްރޫއެއްގެ ގޮތުގަ އެވެ. މަޝްރޫއު ކުރިއަށް ގެންދިއުމަށް ރޭވުނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެ ތިން ބުރުގައި ޖުމުލަ ފަސްދޮޅަސްހާސް މީހުންނަށް އުނގަންނައި ދިނުމަށް އޮތީ އަމާޒު ހިފާފަ އެވެ. އެ ހުރިހާ އެންމެންނަކީ ލިޔަންކިޔަން ނުދަންނަ މީހުންނެއް ނޫނެވެ. ލިޔަންކިޔަސް ދަތަސް އަސާސީ ތައުލީމު ކަމަށް ކަނޑައަޅާފައިވާ މިންގަނޑު ގިރާނުކުރެވޭ މީހުންވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އަސާސީ ތައުލީމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ހިއްސާއެއް ވީ އެއް ބަޔަކީ ވޮލެންޓިޔަރުނެވެ. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ސަކޭތަ މީހުން ވޮލެންޓިޔަރުންގެ ގޮތުގައި ރަޖިސްޓްރީވެ މި މަޝްރޫއު ތަންފީޒުކުރުމުގައި ބައިވެރިވި އެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، އެޑިއުކޭޝަން މިނިސްޓަރު މުހައްމަދު ޒާހިރު ހުސައިންގެ ސީދާ ބެއްލެވުމުގެ ދަށުން ޖެނުއަރީ 1، 1980 ގައި މަޝްރޫއު އިއުލާނުކުރެވުނު ނަމަވެސް، އަމަލީ ގޮތުން މަޝްރޫއު ފެށުނީ ފެބުރުއަރީ 24، 1980 ގަ އެވެ. އެ މަޝްރޫއުއަށް 10 އަހަރު ވީއިރު ރާއްޖޭގެ ތައުލީމަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް އޮތީ އައިސްފަ އެވެ. މުޅި މަޝްރޫއު ނިމުނުއިރު ހާސިލުކުރެވުނީ ސީދާ ކިހާ މިންވަރެއް ކަމަށް ބެލުމަށް ދިރާސާއެއް ކުރެވި އިއުލާނުކުރެވިފައެއް ނެތެވެ. ނުވަދިހަ އަށެއް އިންސައްތަ ކަމަށް ބައެއް ލިޔުންތަކުގައި ހުރިއިރު، އެހެން ބައެއް ލިޔުންތަކުގައި އެ އަދަދުގައި ފަރަގު ފާހަގަކުރެވުނެވެ.

އަޅުގަނޑުގެ ނަޒަރުގައި 'ރާއްޖޭގެ އަސާސީ ތައުލީމުގެ މަޝްރޫއު' ގެ އެންމެ ބޮޑު ކާމިޔާބީއަކީ އެންމެން ތަބާވާ އެއް ގަބޫލުކުރުމެއް އުފަންކުރެވުމެވެ. އެއީ ތައުލީމާ ނުލައި ހާސިލުވާނޭ ހަމަ އެއްކަމެއްވެސް ނެތް ކަމުގެ ގަބޫލުކުރުމެވެ. މިހާރުގެ ތައުލީމީ ޖީލުތައް ބިނާކުރެވިފައި މިއޮތީ އެ ގަބޫލުކުރުމުން ކުރެވުނު މަސައްކަތުގެ މައްޗަށެވެ.