Advertisement

ދިގު ވާހަކަ: އަލިފާން ކޮކާ

8 ސެޕްޓެންބަރު 2022 - 10:20 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: އަލިފާން ކޮކާ

8 ސެޕްޓެންބަރު 2022 - 10:20 2

ހަތްވަނަ ބަޔާއި ގުޅޭ

ލޮލަށް ފެނުނު މަންޒަރު ގަބޫލުކުރާން ދަތިވި އެވެ. އުނދަގޫވި އެވެ. ދެތިން ފަހަރަކު އެސްފިޔަ ޖަހައިލެވުނީ ވެސް އެހެންވީމަ އެވެ. ވަށައިގެންވާ މާހައުލުން އަހަރެން ފިއްތަމުންދާ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ. މީހާ ކުޑަވެ ވެލި ފުކަކަށް ބަދަލުވާހެން ހީވާން ފެށި އެވެ. ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއެކު ދެ ލޮލަށް ކަރުނަތައް ގިނަވާން ފެށި އެވެ. އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.

އަތް މުއްކަވާލެވުނެވެ. ދެފަހަރަކު ފާރުގައި އަތުން ޖަހައިލެވުނެވެ. ދެ ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ނާރުތައް ފުފިގެން ގޮސް މީހާ ތުރުތުރު އަޅަމުން ދިޔަ އެވެ.

އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އެނދުމަތީގައި އޮތް މީހާ ނަގައި ހޫރައިލެވުނެވެ. އޭނާ ގޮސް ޖެހުނީ ފާރުބުޑަށެވެ. އަހަރެންގެ ދެ ލޯ ބޮޑުވެ މީހާ ތުރުތުރު އަޅާވަރު އިތުރުވާން ފެށީ އެހައި ހިސާބުންނެވެ.

ކުރާނެ ކަމެއް ނެތެވެ. މިކަމުގައި އާމިރާގެ ކުށެއް ނެތެވެ. ހުރިހާ ގޯހެއް ފެށިގެން މި އައީ އަހަރެންގެ ލެއިންނެވެ. އަހަރެންގެ ފުށުންނެވެ.

އެނދުމަތީގައި އޮތް ރަޖާގަނޑު އާމިރާގެ ގަޔާ ދިމާއަށް އެއްލީމެވެ. އާމިރާއަށް ލިބުނު ސިހުމާއެކު އޭނާ އެނދުގައި ތެދުވެ އިށީނެވެ. ދެ ލޯ ބޮޑުކޮށްގެންނެވެ. ހީވީ ބިރެއް ފެނިގެން ބަލަން އިންހެންނެވެ.

"ރަޔާން..." އާމިރާ އަހަންނަށް ގޮވާލި އެވެ.

އަސަރު ފުރިގެންވާ ގޮތަކަށެވެ. އަހަންނަށް ބަލައިލެވުނީ މުށިގަނޑު މަތީގައި އޮތް މީހާއަށެވެ. އެއީ އަހަރެންގެ އެންމެ ލޯބިވާ އަހަރެންގެ ދޮންބެ އެވެ. އޭނާ އޮތީ ހިރި ނުލެވިފަ އެވެ. ގުޑުވާ ވެސް ނުލެވިފަ އެވެ.

"ރަޔާން.." އަނެއްކާ ވެސް އާމިރާ ގޮވާލި އެވެ.

"ސޮރީ..." އަހަންނަށް ބުނެވުނީ އެ ވަރަށެވެ.

އާމިރާ ރަޖާގަނޑު ބޮނޑިކޮށްލި އެވެ. އޭނާ ރޯން ފެށި އެވެ. ގިސްލަމުން ގިސްލަމުންނެވެ. ބާރުބާރަށެވެ. އަހަންނަށް ކެތެއް ނުކުރެވުނެވެ. އެހެންވެ އާމިރާ ގާތަށް ދެވުނެވެ. އެނދުގައި އިށީނދެލީމެވެ.

"ދުރަށްދޭ. ދުރަށްދޭ. އަހަރެން ބޭނުމެއް ނޫން." އާމިރާ ރުޅި އިސްކުރި އެވެ.

"އާމީ. އަހަރެންގެ ކޮން؟" އަހަންނަށް އަހައިލެވުނެވެ.

"އަހަރެން ލައްކަ ދުވަހު ކެތް ކޮށްފިން. ކަންކަން ނުވާކަމަށް ހެދިގެން ވެސް އުޅެފިން. މިހާރު އެތައް ފަހަރަކު މި ނުލަފާ މީހާ އަހަރެންގެ ގަޔަށް ބޮލަށް އަރައިފި. އަހަންނަށް ޖެއްސުންކޮށް މައްލަވަ ކޮށްފި." އާމިރާ ގިސްލަމުން ގިސްލަމުން ބުނެލި އެވެ.

"ހުރިހާ ކަމަކަށް ސޮރީ." އަހަންނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

"ސޮރީން ހުރިހާ ކަމެއް ހައްލުވީތަ؟" އާމިރާ އަހައިލި އެވެ.

"އާމިއަށް އެނގެއެއްނު ކަންކަން ބަދަލުވެގެން ދިޔަ ގޮތް." އާމިރާއަށް ވިސްނައިދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ.

"އެނގިގެން ވީކަމެއް ކޮބައިތަ؟" އާމިރާ އިސްކުރީ ރުޅި އެވެ.

"އޯކޭ! އިހަށް ހަމަޖެހިލާ. ވިސްނައިލާ. ރުޅި އިސްކޮށްގެން ކުރެވޭ ކަންކަމުން ނުކުންނަ ނަތީޖާ މާ ގޯސްވާނެ." އޯގާތެރިކަމާއެކު އަހަރެން ބުނެލީމެވެ.

"ރަޔާނަށް ރަނގަޅީ އަހަރެން ބޯ ހަލާކުވީމަތަ؟ ނޫނީ ރަޔާންގެ ދޮންބެގެ ދަރިއަކަށް..." އާމިރާގެ ޖުމުލަ ފުރިހަމަ ނުވަނީސް އޭނާގެ ތުންފަތަށް އަހަރެންގެ ޝަހާދަތް އިނގިލި ހުރަސްކޮށްލީމެވެ.

"އެއްގޮތެއް ވެސް ރަނގަޅެއް ނޫން." އަހަރެން ބުނެލީމެވެ.

ދެން ދިޔައީ ހިމެނޭ ވަގުތުކޮޅެކެވެ. އަހަންނަށް ބަލައިލެވުނީ ދޮންބެއާ ދިމާއަށެވެ. ދޮންބެއަށް ވިސްނުނީ ކަން ނޭނގެ އެވެ. އޭނާ ފާޑަކަށް ބަލަން އިނީ އެވެ. އަހަރެން ގާތަށް ރުޅި އައެވެ. ނަމަވެސް އެ ރުޅިގަނޑު ކޮންޓްރޯލް ކޮށްގެން އަހަރެން އިނީ އެވެ. އަތުންފައިން ގޯހެއް ހެދިދާނެތީ އެވެ.

އާމިރާ ވެސް ބަލައިލީ ދޮންބެއާ ދިމާއަށެވެ. އޭނާގެ މޫނުމައްޗަށް އެކި ކުލަވަރު އަރައި ފައިބަމުން ދިޔަ މަންޒަރު އަހަންނަށް ފެނުނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ދޮންބެ ޓީޝާޓެވެ. ޓީޝާޓް ނަގައި އަތުގެ ތެރެއަށް ބޮނޑިކޮށްލީމެވެ. ހަގީގަތުގައި ހިތުގައި ހުރިހާ ރުޅިއެއް ބޮނޑިކޮށްލެވުނީ އެ ޓީޝާޓަށެވެ. އެންމެފަހުން ޓީޝާޓް ދޮންބެއާ ދިމާއަށް ހޫރައިލީމެވެ. ޓީޝާޓް ގޮސް ޖެހުނީ ދޮންބެގެ ފައި ބުޑަށެވެ.

ދޮންބެއަށް ލިބުނު ސިހުމާއެކު އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ. އެ ބެލުމުން އަހަންނަށް ސިފަވަމުންދިޔައީ އާދޭހެވެ. މާޔޫސްކަމެވެ.

އަހަރެންގެ ހިތުގައި އުފެދި ކެކެމުން ދިޔަ ހޫނުގަނޑަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބެމުން ދިޔަ އެވެ. ދޮންބެ މައުސޫމު މޫނާއި އޭނާ ނިޔަނެތި ހަރަކާތްތަކުންނެވެ.

"މިތަނުން ރައްކާވަން އުޅޭ." އަހަންނަށް ބާރުބާރަށް ބުނެލެވުނެވެ.

ހަމަ އެ ވަގުތެވެ. ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެތެރެއަށް ބޯދިއްކޮށްލީ ދޮންބެދައްތަ އެވެ. އޭނާގެ ދެ ލޯ ބޮޑުވީ ދޮންބެ އިން ހާލަތު ފެނިފަ އެވެ. އަހަންނަށް ބަލައިލެވުނީ ދޮންބެދައްތަގެ މޫނަށެވެ. ދޮންބެދައްތަ ވެސް ސުވާލުން ފުރިގެންވާ ގޮތަކަށް އަހަރެންގެ މޫނަށް ބަލައިލި އެވެ.

އަހަންނަށް އިސްޖަހައިލެވުނެވެ. ކަމެއް ގޯސްވެއްޖެކަން ދޮންބެދައްތައަށް އިހުސާސްވީ ކަންނޭނގެ އެވެ. ދޮންބެ ގެންދިޔުމުގެ ބަދަލުގައި އޭނާ ކޮޓަރިން ބޭރަށް ނުކުތީ އެވެ.

"މިބުނީއެއްނު މިތަނުން ރައްކާވާށޭ." އަމުރުވެރި ރާގެއްގައި ދޮންބެއަށް އިޝާރާތްކޮށްލެވުނެވެ.

ދޮންބެ މަޑުމަޑުން ކޮޅަށް ތެދުވި އެވެ. މުށިގަނޑުމަތީގައި އޮތް ޓީޝާޓް އަތަށް ބޮނޑިކޮށްލަމުންނެވެ. އުނުގައި އޮތް ކުރު ސޯޓު ހެޔޮކޮށްލަމުން އަހަންނާ ދިމާއަށް ބަލައިލި އެވެ. ސޮރީއޭ ބުނާފަދަ ގޮތަކަށް ދެ ލޮލާއި މޫނަށް ބަދަލުތަކެއް ގެނަ އެވެ. އަހަރެން ގާތަށް އައީ އަލިފާން ކަހަލަ ރުޅި އެކެވެ. އެހެންވެ އިސްޖަހައިލެވުނެވެ. މޫނަށް ގޮތެއް ހަދައިލަމުންނެވެ. ރުޅިގަނޑު މައިތިރި ކުރެވޭތޯ އަހަރެންގެ އަމިއްލަ ނަފުސަށް އެތައް ގޮތަކަށް ވިސްނައިދެވޭތޯ ބެލީމެވެ.

އަހަރެން ނުބަލަންކަމަށް ހެދިގެން އިނދެ ވެސް ބެލުނީ ދޮންބެގެ ހަރަކާތްތަކަށެވެ. އޭނާގެ މޫނަށެވެ. ދޮންބެއަކީ ކާކުކަން އަހަންނަށް އެނގޭތީ އެވެ.

ކޮންމެ ގޮތެއް ވިޔަސް ދޮންބެއަކީ ސިކުނޑި ހަމަޖެހޭ މީހެއް ނޫނެވެ. ކާމިލް ބުއްދިއެއްގެ ވެރިއެއް ނޫނެވެ. އެހެންނޫނަސް ހަމަހޭގައި ހުރެ އަހަރެންގެ ހައްގަކަށް ދޮންބެ އަރައި ނުގަންނާނެ އެވެ. އެ ޔަގީންކަން އަހަންނަށް އޮވެ އެވެ.

އެކަމަކު މިއަދު މި ހުރިހާ މަންޒަރެއް ފެނުނީ އަހަންނަށެވެ. އަހަރެންގެ ދެ ލޮލަށެވެ. މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ޔޯލަ މަންޒަރެއް ނޫނެވެ.

ދޮންބެ ނުކުތުމުން އަހަރެން ބަލައިލީ އާމިރާގެ މޫނަށެވެ. އޭނާއިނީ ފާޑަކަށް ބިރުގެންފަ އެވެ. ހާސްވެފަ އެވެ.

"ވަރަށް، ވަރަށް ބޮޑަށް ސޮރީ. މިއީ އަހަންނަށް ހެދުނު މިސްޓޭކެއް." މާޔޫސީ ރާގެއްގައި އަހަރެން ބުނެލީމެވެ.

ބަދަލުގައި އާމިރާ އެއްޗެކޭ ނުބުނެ އެވެ. އޭނާ އިނީ އެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލަ އެވެ. ކޯތާފަތް މައްޗަށް އޮހެމުންދާ ކަރުނަތައް ފޮހެލަ އެވެ.

"އަހަރެން ރަށަށް ފޮނުވާ." އާމިރާގެ އަޑު އިވުނީ ފަނޑު ގޮތަކަށެވެ.

"އެއީ؟" އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ރަޔާނަށް އެންމެ ރަނގަޅުވާނީ މި ގޮތެއްނު." އާމިރާ ބުނެލި އެވެ.

"އެ ކީއްވެ؟" އަހަރެން ދެ ލޯ ބޮޑުވި އެވެ.

"އަހަންނަކީ ދުރުހިލޭ މީހާ. ބަނދެވިފައިވާ ގޮށަކީ މި ވަގުތު ވެސް މޮހައިލެވިދާނެ ގޮށެއް." އާމިރާ އިސް ޖަހައިލި އެވެ.

"ނޫނޭ. އަހަރެންގެ ދުނިޔެއަކީ އާމި." އަހަރެން ބުނެލީމެވެ.

"ގަބޫލުކުރަން އުނދަގޫ." އާމިރާ ލަސްލަހުން ބުނެލި އެވެ.

"މި ވަގުތު މިކަން ގަބޫލުކުރާން އުނދަގޫވާނެކަން ވެސް އެނގޭ. އެކަމަކު." އަހަރެން ހުއްޓައިލީމެވެ.

"ދެން މި ކަށި ޖަންގައްޔެއްފަދަ ހުރަ ގޭގައި އަހަންނަކަށް ކެތެއް ނުވާނެ." އާމިރާ އެތެރެއަށް ނޭފަތް ދަމައިލި އެވެ.

"އާމި ކީއްވެ ކުރިން ނުބުނީ." އަހަރެންގެ ހިތްފަޅިފަޅިވާން އުޅޭހެން ހީވި އެވެ.

"ބުނެގެން ގަބޫލުކުރެވޭނެތަ؟" އާމިރާ ދެ ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ.

އަހަންނަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)