Advertisement

އުނގޫފާރުގެ ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ހިދުމަތް ފެނަކައަށް

7 ސެޕްޓެންބަރު 2022 - 19:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އުނގޫފާރުގެ ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ހިދުމަތް ފެނަކައަށް

7 ސެޕްޓެންބަރު 2022 - 19:44 0

ރ. އުނގޫފާރުގައި ކަރަންޓުގެ ހިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން މިއަދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ރ. އަތޮޅުގެ ވެރިކަން ކުރާ އުނގޫފާރުގައި މިދިޔަ 24 އަހަރު ވެސް ކަރަންޓުގެ ހިދުމަތް ދެމުންދިޔައީ އެރަށުގެ ރައްޔިތުންނެވެ. ޖުމުލަ 1،753 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައި އެ ހިދުމަތް ދިނުމަށް އެއްވެސް ކުންފުންޏަކާ މީގެކުރިން ހަވާލުކޮށްފައެއް ނުވެ އެވެ.

ފެނަކައާ އިންޖީނުގެ ހަވާލުކުރުމާ އެކު އުނގޫފާރަށް 800 ކިލޯވޮޓުގެ މުޅިން އާ ޖެނެރޭޓަރެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

"މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ހިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމެވި ނިންމެވުމެއް،" ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭގޮތުން ބުންޏެވެ.

އުނގޫފާރުގައި އެ ހިދުމަތްތައް ދޭން މަސައްކަތްކުރި މުވައްޒަފުން ފެނަކައިގެ ދަށަށް ބަދަލުކުރިކަމުގެ ލިޔުން އެ މުވައްޒަފުންނާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.

މިއަދު، އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން މި ހިދުމަތްތައް ދިނުމާއި ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ. އަދި، އުނގޫފާރު ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.