Advertisement

އާން އާއި ރިހާން އަށް ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ރެކޯޑެއް

7 ސެޕްޓެންބަރު 2022 - 09:50 0


އާން އާއި ރިހާން އަށް ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ރެކޯޑެއް

7 ސެޕްޓެންބަރު 2022 - 09:50 0

ޕެރޫގެ ލީމާގައި މިހާރު ކުރިއަށްދާ ފީނާ އަށް ވަނަ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ، މުހައްމަދު އާން ހުސެއިން އާއި މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑެއް އާކޮށްފި އެވެ.

އާން އާ ކުރީ ފިރިހެނުންގެ (ލޯންްގް ކޯސް) 50 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑް އެވެ. އާން މި ރެކޯޑް އާކޮށްފައިވަނީ 27.25 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް މުގުރާލާފައި މިވަނީ މި ވަނީ ހަތް އަހަރަށް ފަހު އެވެ.

މި އިވެންޓްގެ ގައުމީ ރެކޯޑް މީގެ ކުރިން އޮތީ 2015 ވަނަ އަހަރު ބޭއްވުނު 16 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 50 މީޓަރު ބަޓަފްލައި އިވެންޓް 27.42 ސިކުންތުން ފުރިހަމަ ކޮށްގެން، އެ ފަހަރު ރެކޯޑް ހެދި ނިޝްވާން އިބްރާހިމް އަތުގަ އެވެ.

އާން ވަނީ މި އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕާއި ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކޮށްފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ގައުމީ ފެތުންތެރިން ޖުމްލަ ހަތް ރެކޯޑެއް ހެދިއިރު، އާން ވަނީ 50 މީޓަރާއި، 100 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރެކޯޑާއި، 100 މީތަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑުވެސް ހަދައިފަ އެވެ.

ޖޫނިއަ ވޯލްޑް ޗެމްޕިއަންޝިޕްގައި ރިހާން، ގައުމީ ރެކޯޑް މުގުރާލީ ފިރިހެނުންގެ (ލޯންގްކޯސް) 200 މީޓަރު ބަޓަފްލައި އިވެންޓުގެ އެވެ. ރިހާން ރެކޯޑް ހެދީ 02.34.77 އިން އިވެންޓް ފުރިހަމަ ކޮށްގެންނެވެ.

މި އިވެންޓްގެ ޤައުމީ ރެކޯޑް އެންމެފަހުން އައުކޮށްފައިވަނީ މުބާލް އައްޒާމް އިބްރާހިމް އެވެ. އެއީ، މި އަހަރު ޖޫން މަހު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 02.36.74 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ރިހާން އަކީ ވެސް މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ގައުމީ ފެތުންތެރިންގެ ސްކޮޑުގައި ހިމެނުނު އެތުލީޓެކެވެ. މުބާރާތަކަށް ފަހު މުބާރާތެއްގައި ރިހާން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.