Advertisement

އޮޑިޓު ކުރާ އޮފީހެއްގެ ވަޒީފާއަށް ދެވޭނެ މުއްދަތެއް ސުލޫކީ މިންގަނޑުގައި ހިމަނައިފި

7 ސެޕްޓެންބަރު 2022 - 08:38 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޗާޓަޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްއިން ބޭއްވި ފޯރަމެއްގައި އޮޑިޓު އޮފީހުގެ ބައެއް މުވައްޒަފުން ބައިވެރިވަނީ. -ފޮޓޯ: އޮޑިޓު އޮފީސް


އޮޑިޓު ކުރާ އޮފީހެއްގެ ވަޒީފާއަށް ދެވޭނެ މުއްދަތެއް ސުލޫކީ މިންގަނޑުގައި ހިމަނައިފި

7 ސެޕްޓެންބަރު 2022 - 08:38 0

އޮޑިޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ އޮފީހުގެ މުވައްޒަފުން ސުލޫކީ ގޮތުން އަމަލުކުރަންޖެހޭ ތަފްސީލީ އުސޫލެއް އެކުލަވާލައި, އާންމުކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ މި އުސޫލު އެކުލަވާލާފައިވަނީ މުވައްޒަފުންނާ ހަވާލުކުރެވޭ ޒިންމާތައް އަދާކުރުމުގައި މިނިވަންކަމާއި އަމާނާތްތެރިކަމާ އެކު، ޖެހިލުންވުމެއްނެތި، ގާނޫނުތަކާ އެއްގޮތަށް، އިންސާފުވެރިކަމާއި ނަޒާހަތްތެރިކަމާ އެކު މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުމަށް ކަމަށެވެ.

މިގޮތުން، މި އުސޫލުގައި ރަސްމީ ގަޑީގައި މަސައްކަތް ކުރުމާއި ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މަސައްކަތް ކުރަންޖެހޭ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން، އޮޑިޓު އޮފީހުގެ މުވައްޒަފަކަށް ހުރެގެން، ދާއިރާއާ ގުޅުން ނެތް ވާދަވެރި އެއްވެސް އިންތިހާބެއްގައި އާންމު އުސޫލަކުން ބައިވެރި ނުވެވޭނެ ކަމަށް ބުނެފައިވެ އެވެ.

މީގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމާއި ވަޒީފާ އަދާކުރުމުގެ އިތުރުން ސިޔާސީ ޕާޓީއަކަށް މާލީ އަދި ފަންނީ ގޮތުން އެހީތެރިވުން ވެސް ވަނީ މަނާކޮށްފަ އެވެ.

އޮޑިޓު އޮފީހުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އެންމެ ފާހަގަކޮށްލެވޭ ކަމަކީ މަސައްކަތްކޮށްފައިވާ މުއައްސަސާއެއްގެ ވަޒީފާއަށް ނުވަތަ މަސައްކަތަށް ދިއުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވުމެވެ.

މިގޮތުން، އޮޑިޓު އޮފީހުގެ ވަޒީފާގައި ހުރިއިރު އޮފީހުން ފޮނުވައިގެން މަސައްކަތް ކޮށްފައިވާ މުއައްސަސާއެއްގެ ވަޒީފާއަކަށް ދެވޭނީ، އެ މުއައްސަސާއެއްގެ މަސައްކަތް ނިންމި ފަހުން 12 މަސް ދުވަސް ހަމަވުމުން، ނުވަތަ އޮފީހުގެ ވަޒީފާއިން ވަކިވިތާ 12 މަސް ދުވަސް ފަހުން ކަމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

މީގެ އިތުރުން، މުވައްޒަފަކު ކުރިން ވަޒީފާ އަދާކުރި އޮފީހަކަށް މަސައްކަތްކުރަން ދެވޭނީ ވެސް އެ ވަޒީފާއިން ވަކިވި ފަހުން، 12 ދުވަސް ހަމަވުމުން ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.