Advertisement

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ނަގާ ދެ ރުފިޔާ ނެގުން ލަސްނުކުރަން ފިނޭންސުން އެދިއްޖެ

6 ސެޕްޓެންބަރު 2022 - 12:43 1

އަމަން ހަލީމް

އަމަން ހަލީމް

ދަތުރުވެރިންގެ މާރުކޭޓުގައި ހުންނަ ގޮޅިއަކުން މީހަަކަށް ޕްލާސްޓިކް ކޮތަޅެއް ދިއްކޮށްލަނީ: ޕްލާސްޓިކު ކޮތަޅުން ފައިސާ ނެގިޔަސް ބައެއް ހާލަތްތަކުގައި މި ފައިސާ ނެގުން އިސްތިސްނާ ވާނެ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ނަގާ ދެ ރުފިޔާ ނެގުން ލަސްނުކުރަން ފިނޭންސުން އެދިއްޖެ

6 ސެޕްޓެންބަރު 2022 - 12:43 1

ކުނި މެނޭޖުކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ގާނޫނީ ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުނި މެނޭޖުކުރުމުގައި ބިލުގައި ހިމަނާފައިވާ ޕްލާސްޓިކް ކޮތަޅު ލެވީ ނެގުން ލަސްނުވާނެ ގޮތަކަށް ބިލުގެ މާއްދާތައް އިސްލާހުކުރަން ފިނޭންސް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.

މިހާރު ކޮމިޓީ މަރުހަލާގައި އޮތް ކުނި މެނޭޖުކުރުމުގެ ބިލުގައި ވަނީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފިހާރަތަކުން ވިއްކާ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ލެވީއެއް ނަގަން ޖެހޭ ގޮތަށެވެ.

ނަމަވެސް އެކަމާ ގުޅޭ ގަވާއިދު ހަދަން މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިތީ (މީރާ)އަށް ހަ މަސް ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. މިކަމުގައި ފިނޭންސުގެ ކަންބޮޑުވުމަކަށްވީ ލެވީ ނަގަން ފަށާ ތާރީހުގެ ފަހުން ގަވާއިދު އެކުލަވާލަން ބިލުގައި ހިމަނާފައި އޮތުމުގެ ސަބަބުން މި ލެވީއާ ގުޅޭ ކަންކަން ތަންފީޒުކުރަން ދަތިވުމެވެ.

އެގޮތުން މި ބިލު ދިރާސާކުރަމުންދާ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ބަދައްލުވުމެއްގައި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް މިއަދު ވިދާޅުވީ، ލެވީ ނަގަން ފަށާ ތާރީހާ ގަވާއިދު އެކުލަވާލަން ޖެހޭ ތާރީހު "އެލައިން" ކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ފެންނަނީ (ތާރީހު) އެލައިންކޮށްފައި އަވަސްކުރުން. ސަބަބަކީ ޕްލާސްޓިކް ބޭގް ލެވީ ނަގަން މި ބޭނުންވަނީ ހަމަ ޕްލާސްޓިކް ބޭގް ފޭސްއައުޓް ކުރުން ކަމަށްވާތީ، އެކަމަށް އެންމެ އިފެކްޓިވް މެކޭނިޒަމް ލެވީއަކީ." ސަރުވަޝް ވިދާޅުވި އެވެ.

ސަރުވަޝް އިތުރަށް ވިދާޅުވީ މި ގަވާއިދު އެއް މަސް ދުވަހުގެ ތެރޭގައި ހެދިދާނެ ކަމަށް މީރާއިން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން ލެވީ ނަގަން ފަށާ ތާރީހު ހަ މަސް ދުވަހަށް ފަސްކުރުމުގެ ބަދަލުގައި 30 ދުވަހުގެ ތެރޭގައި ގަވާއިދު އެކުލަވާލާ ލެވީ ނަގަން ފަށާ ގޮތަށް ގާނޫނު ފަރުމާކުރަން އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާއެއްގެ ލެވީ ނަގަން މަޖުބޫރު ކުރަން ސަރުކާރުގެ ވިސްނުން ހުރި ނަމަވެސް، މި ފައިސާ ނެގުން އިސްތިސްނާ ވާނެ ހާލަތްތައް ވެސް ގާނޫނުގައި ވަނީ ބަޔާން ކޮށްފަ އެވެ. އެއީ:

  • ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އަޅާފައި ހުންނަ ކޮތަޅު
  • ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅާ ކޮތަޅު
  • ޑިއުޓީ ފްރީން ވިއްކާ ކޮތަޅު
  • 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
  • ކުނީގެ ހިދުމަތްދޭ ތަންތަނުން ވިއްކާ ކަޅު ކޮތަޅު

ކުނި މެނޭޖުކުރުމުގެ ބިލުގައި ވަނީ މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފު ވެއްޖެނަމަ، 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.