5 ސެޕްޓެންބަރު 2022 - 01:54 1
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ރެފްރީއަކު ވީއޭއާރްގެ މެދުވެރިކޮށް ޕިޗު މޮނީޓަރުގެ ބަލަނީ.-- ފޮޓޯ: އޭއެފްޕީ
5 ސެޕްޓެންބަރު 2022 - 01:54 1
ލަންޑަން (ސެޕްޓެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ކުޅުނު ދެ މެޗެއްގެ ތެރެއިން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ނިންމި ދެ ނިންމުމެއް ގޯސް ކަމަށް ރެފްރީންގެ ކަންކަމުގެ ޒިންމާދާރު ފަރާތް، ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން އެއްބަސްވެއްޖެ އެވެ.
ޕީޖީއެމްއޯއެލް އިން ޕްރިމިއާ ލީގަށް ފޮނުވައި، މީޑިއާގައި ވެސް އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ޗެލްސީން 2-1 އިން ވެސްޓް ހޭމް ބަލިކުރި މެޗުގައި ވެސްޓް ހޭމް އިން ޖެހި ދެ ވަނަ ގޯލު ވީއޭއާރް އިން ބަލާފައި ފައުލުކަމަށް ނިންމީ ގޯސްކޮށް ކަމަށެވެ. އަދި ކްރިސްޓަލް ޕެލަސް އާއި ނިއުކާސަލް ޔުނައިޓެޑް 0-0 އިން އެއްވަރުވި މެޗުގައި، ޕެލަސްގެ ޓަރިކް މިޗެލް އަތުން ބައިކޮޅަށް ވަން ގޯލު ވެސް ވީއޭއާރް އިން ބަލާފައި ވަނީ ފައުލެއް ހިނގާފައިވާ ކަމަށް ނިންމައި، ގޯލު ބަލައިނުގަނެފަ އެވެ.
މި ދެ މެޗުގެ ދެ ގޯލުގެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ޕްރިމިއާ ލީގާ ގުޅިގެން ދިރާސާކުރާނެ ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި މި ފަދަ މައްސަލަތައް ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ނިންމަށް މަސައްކަތް ކުރާނެ ކަމަށް ޕީޖީއެމްއޯއެލް އިން ވަނީ ބުނެފަ އެވެ.
ބޮވެން އަތުން ބޯޅަ ހޯދަން ޗެލްސީގެ ކީޕަރު މެންޑީ ޑައިވްކުރަނީ: ވީއޭއާރް އިން ބަލާފައި ނިންމީ މިއީ ފައުލެއް ކަމަށް.
ވެސްޓް ހޭމްގެ މެކްސްވެލް ކޯނޭ ޗެލްސީ ކޮޅަށް އިތުރު ވަގުތުގައި ޖެހި ގޯލު ބަލައިނުގަތީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އަށް ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ފައުލުކުރި ކަމަށް ބަލައިފަ އެވެ. އެއީ އެ ގޮތަށް ވީއޭއާރް އިން ބުނުމުން މެޗުގެ ރެފްރީ، ދަނޑުގެ އަރިމަތީގައި ހުރި މޮނީޓަރުން އެ ހާދިސާ ބަލާފައި ނިންމި ނިންމުމެކެވެ. ވެސްޓްހޭމްގެ ކޯޗު ޑޭވިޑް މޮއިސް ބުނީ މެންޑީ އަނިޔާވިކަމަށް މަކަރު ހެދީ އޭނާ އަށް ބޯޅަ ލިބޭނެކަމުގެ ޔަގީންކަން ގެއްލުމުން ކަމަށެވެ.
ޕެލަސްގެ ޓައިރެކް މިޗެލް ޖެހި ގޯލު ބަލައިނުގަތީ، ނިއުކާސަލްގެ ޖޯ ވިލޮކް، ޕެލަސްގެ ކީޕަރު ވިސެންޓޭ ގައީޓާ އަށް ފައުލުކުރި ކަމަށް ނިންމައިފަ އެވެ. އެކަމަކު، ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ވިލޮކް ގޮސް ކީޕަރު ގައީޓާ ގައިގައި ޖެހެނީ މިޗެލް ކޮށްޕާލުމުން ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން 3-1 އިން އާސެނަލް ބަލިކުރި މެޗުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ޖެހި ގޯލެއް ވެސް ވީއޭއާރް އިން ކެންސަލްކުރި އެވެ. އެއީ އެ އެޓޭކް ފެށިއިރު، ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް އާސެނަލްގެ މާޓިން އޮޑެގާޑް ފައުލުކުރި ކަމަށް ވީއޭއާރުން އެންގުމުންނެވެ. އެ ނިންމުން ނިންމީ ޕިޗް އަރިމަތީ ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ. އާސެނަލް ސަޕޯޓަރުން ދެކޭގޮތުގައި އެރިކްސަން އަތުން އޮޑެގާޑް ބޯޅަ ހޯދީ ފައުލެއް ކޮށްގެން ނޫނެވެ.
Comment