2 ސެޕްޓެންބަރު 2022 - 10:42 0
މުހައްމަދު އުޝާމް
ފުލުހުންގެ ހެޑްކުއާޓަރު؛ ފުލުހުންގެ ބެލުމުގެ ދަށުން ބަންދުކުރާ މީހުނާ މެދު އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ ގަވާއިދެއް ނެރެފި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު
2 ސެޕްޓެންބަރު 2022 - 10:42 0
ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކޮށް، ތަހުގީގު އަދި ޝަރީއަތުގެ މަރުހަލާގައި ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކޮށްފައި ބަހައްޓާ މީހުނާ މެދު އަމަލުކުރާނެ ގޮތްތަކާއި އެ މީހުންގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތްތައް ބަޔާން ކުރާ ގަވާއިދެއް އެކުލަވާލައި އާންމުކޮށްފި އެވެ.
"ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު"ގެ ނަމުގައި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފައިވާ އެ ގަވާއިދު ބުނާ ގޮތުން ކަސްޓޯޑިއަލް ޖަލުތަކުގެ ހުރިހާ ކަމެއް ބަލަަހައްޓާނީ ކޮމިޝަނާ އޮފް ޕޮލިސް ކަނޑައަޅުއްވައި އައްޔަން ކުރައްވައި ޑައިރެކްޓަރެކެވެ.
"ޑައިރެކްޓާ އޮފް ޕްރިޒަންސް" ގެ ޒިންމާއަކީ ގަވާއިދާ އެއް ގޮތަށް ކަސްޓޯޑިއަލް ޖަލުގެ ކަންކަން ހިނގަމުންދޭތޯ ބަލައި ކަށަވަރު ކުރުމާއި ކަސްޓޯޑިއަލް ޖަލުތައް ހިންގުމުގެ ނިޒާމު އެކުލަވާލައި ތަންފީޒު ކުރުމާއި، ބަދަލެއް ގެންނަން ޖެހޭނަމަ ކޮމިޝަނަރަށް ލަފާދީ ނިންމާ ގޮތެއްގެ މަތިން ހިންގަމުން ދިއުމެވެ.
ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދު ކުރެވޭ މީހުން ހަތަރު ގިންތިއަކަށް ބެހުމަށާއި، ކޮންމެ ގިންތިއެއްގެ މީހުން ވެސް ވަކި ހާއްސަ ގޮޅިތަކެއްގައި ބޭއްތިބުމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ގިންތި 1؛ މި ގިންތީގައި ހިމެނޭނީ ނުކިޔަމަންތެރިކަން ދައްކާ ފަރާތްތަކާއި ނުރައްކާތެރި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ތެރެއިން ސެކިއުރިޓީއަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަން ޖެހޭ މީހުނެވެ.
ގިންތި 2: މިއީ ސިއްހީ ގޮތުން އެ މީހުނަށް ހާއްސަ ސަމާލުކަމެއް ދީގެން ގާތުން ބަލަން ޖެހޭ މީހުނެވެ. ނުވަތަ ބަލީގެ ގޮތުން އެހެން މީހުނާ ވަކިން ބައިތިއްބަން ޖެހޭ މީހުނެވެ.
ގިންތި 3: މިއީ ދައުލަތުގެ ވަކި މަގާމެއް އަދާކުރުމުގެ ސަބަބުން ނުވަތަ މުޖުތަމައުގައި އޭނާ އަދާކޮށްފައިވާ ހިދުމަތެއް ނުވަތަ ދައުރެއްގެ ސަބަބުން އެެހެން ގިންތީގެ މީހުންގެ ފަރާތުން އަނިޔާއެއް ލިބުމުގެ އިހުތިމާލު އޮތް މީހުނެވެ.
ގިންތި 4: މިއީ މުޅިން އަލަށް ނުވަތަ ކުށެއްގެ ތުހުމަތެއްގައި ފުރަތަމަ ފަހަރަށް ހައްޔަރު ކުރާ ނުވަތަ ބަންދުކުރާ މީހުނެވެ.
ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކުރާ މީހުންގެ އަސާސީ ހިދުމަތްތަކާއި ބޭނުންތައް ކަށަވަރުކޮށްދޭން ގިނަ ކަންކަން ވެސް ގަވާއިދުގައި ލިޔެފައިވެ އެވެ.
އެ ގޮތުން ގޮޅިއަށް ވައްދާއިރު ބައެއް އަސާސީ ތަކެތި ނެތް ނަމަ ފޯރުކޮށްދޭން ޖެހެ އެވެ. އޭގެ ތެރޭގައި ދަތް އުގުޅާ ބުރުހާއި ބޭހާއި، ބާލީހާއި، ތުވާއްޔާއި އަންނައުނާއި ފައިވާނާއި ސައިބޯނި ފަދަ ތަކެތި ހިމެނެ އެވެ.
ސާފު ބޯފެނާއި ފެންވެރުމަށް ސާފު ފެން ދޭން ލިޔެފައިވެ އެވެ. ތިންއިރުގެ ކެއުމާއި ހަވީރު ސައި ދިނުން ވެސް ހިމެނެ އެވެ. ފޮތް ކިޔަން ބޭނުންވާ މީހުނަށް ފޮތް ފޯރުދިނުން ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ވެ އެވެ.
ބަލިވެއްޖެނަމަ ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމާއި، ޑޮކްޓަރު ފޯރުކޮށްދޭ ބޭސްތައް ގަވާއިދުން ދިނުމާއި، އަންހެނުން ހައިޟުގެ ދުވަސްވަރު ބޭނުންކުރާ ތަކެތި ދޭން ވެސް ގަވާއިދުގައިވެ އެވެ.
ހަފުތާއަކު އެއް ފަހަރު އާއިލާއަށް ފޯނުން މުއާމަލާތް ކުރުމާއި ބައްދަލުކުރުމުގެ އިންތިޒާމު ދިނުމަށް ގަވާއިދުގައިވެ އެވެ.
ހަފުތާއަކު އެއް ފަހަރު ބޯކޮށުމާއި ތުނބުޅިއާއި މަތިމަސް ބޭލުމާއި ނިޔަފަތި ކެނޑުމާއި، ހަފުތާއަކު ތިން ދުވަހު ގަޑިއިރަކަށް ގޮޅިން ބޭރަށް ނެރެ ހިނގާލައި ކަސްރަތުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް ލިޔެފައިވެ އެވެ.
މީގެ އިތުރަށް ޖަލަށް ވެއްދުން ހުއްދަ ތަކެއްާޗާއި، ކުރުން މަނާ ކަންކަމާއި، ޖަލަށް ހިދުމަތް އަންނަ މީހަކު އަމަލު ކުރާނެ ގޮތްތަކާއި، ޖަލުގެ ސެކުއިރިޓީއަށް ކުރަން ޖެހެ ކަންކަމާއި، ގޮޅިތަކުގައި ތިބޭ މީހުން ބަލައިފާސްކުރުމާއި ފިޔަވަޅު އެޅުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކެއް ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ.
Comment